ދެ ފަނޑިޔާރަކާ ގުޅޭގޮތުން ޗެނަލް13 އިން ދެއްކި ވާހަކަ އެތިކްސް އާ ހިލާފެއް ނޫން: ބްރޯޑްކޮމް

ޗެނަލް13 އިން ގެނެސްދޭ ހަޖަމް ޕްރޮގްރާމްގެ ތެރެއިން

މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ ޗެނަލް13 އިން ގެނެސްދިން "ހަޖަމް" ޕްރޮގްރާމުގައި ދެ ފަނޑިޔާރަކާ ގުޅޭގޮތުން ދެއްކި ވާހަކަ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފު ކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެ ޕްރޮގްރާމްގައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކަށް ނިސްބަތްކޮށް "ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު، ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ގޮވައިގެން ދެއިރު ދެ ދަޅައަށް ކާރު ދުއްވާ، އެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ހުސްވެފައިވާ މަގާމު ދެއްވަން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ" ކަމަށް ބުނެފައިވެ އެވެ.

އަދި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ، ބްރޯޑްކޮމް އަށް ވަނީ ޝަކުވާ ހުށަހަޅައިފަ އެވެ.

މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

މައްސަލަ ނިންމައި ބްރޯޑްކޮމް އިން ބުނެފައި ވަނީ ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހުގީގެއް ކޮމިޝަނުން ކުރުމަށް ގާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތުދީފައިވާނެ ކަމަށެވެ.

އަދި މައްސަލައާ ގުޅިގެން ގާނޫނީ ހަމަތަކުގެ މަތިން ތަހުގީގުގެ އެންމެހާ އިޖުރާއުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އަދި އެ ޕްރޮގްރާމުގެ މުޅި ކޮންޓެންޓަށް ނަޒަރުކުރާއިރު، އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފް ކޮންޓެންޓެއް ކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތަށް ކަނޑައަޅައި މައްސަލަ ނިންމާފައި ވަނީ މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޗެނަލް13 ގެ ހަޖަމް ޕްރޮގްރާމާ ގުޅިގެން ބްރޯޑްކޮމް އަށް މީގެކުރިން ވެސް މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. އަދި ޗެނަލް13ގެ ޕްރޮގްރާމުތަކުގައި ޕްރެޒެންޓަރުން ގެންގުޅޭ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް (ބްރޯޑްކޮމް)އިން ވަނީ ނަސޭހަތްތެރިވެސް ވެފަ އެވެ.

މީގެ ކުރިން ޗެނަލް13އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމުގައިވެސް ސައްހަ ނޫން މައުލޫމާތު ގެނެސްދިނީތީ ބްރޯޑްކޮމްއިން ވަނީ ނަސޭހަތްދީފަ އެވެ. އަދި ފަހުންވެސް އެކަން ތަކުރާރުވުމުން "މަޑިސީލަ" ޕްރޮގްރާމު ހުއްޓާލަން ޗެނަލް13އަށް އެ ކޮމިޝަނުން އެންގިއެވެ. އެ ފަހުން މަޑިސީލަ ޕްރޮގްރާމު އޮތް ގަޑީގައި ގެނެސްދެނީ "ހަޖަމް" ޕްރޮގްރާމެކެވެ.

comment ކޮމެންޓް