ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީއަށް ބަދަލު ގެނެސް، އެ އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ އިތުރު މައުލޫމާތު ފޭސްބުކާ ހިއްސާ ކުރެވޭ ގޮތް ހަދަން ނިންމުމުން ކަމާ ބެހޭ މާހިރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިދިޔަ ހަފްތާ ތެރޭގައި ވަޓްސްއެޕްއިން ވަނީ އެ އެޕްލިކޭޝަންގެ 'ޓާމްސް އޮފް ސާވިސް އެންޑް ޕްރައިވެސީ ޕޮލިސީ'އަށް ބަދަލު ގެންނަން އުޅޭކަން އިއުލާން ކުރަން ފަށާފަ އެވެ. އަދި އަންނަ މަހުގެ އަށެއްގެ ފަހުން އާ ސިޔާސަތުތަކަށް އަމަލު ކުރަން ފަށާ އިރު ވަޓްސްއެޕް ބޭނުން ކުރާ ފަރާތްތަކުން އޭގެ ކުރިން އާ ސިޔާސަތުތަކަށް އެއްބަސްވާން ޖެހޭނެ އެވެ. އަދި އެއްބަސްނުވާ ނަމަ އެޕްލިކޭޝަން ބޭނުމެއް ނުކުރެވޭނެ އެވެ.
ފޭސްބުކުން 2014 ވަނަ އަހަރު ވަޓްސްއެޕް ގަތީ 19 ބިލިއަން ޑޮލަރަށެވެ. އަދި އޭރު އެ ކުންފުނިން ވަޓްސްއެޕްގެ ޕްރައިވެސީ ގަވާއިދުތަކަށް ބަދަލު ނުގެންނާނެ ކަމަށް ބުނެ، ވަޓްސްއެޕުން ފޭސްބުކާ މައުލޫމާތު ހިއްސާ ނުކުރެވޭނެ ގޮތް ހިޔާރު ކުރެވޭނެ ގޮތް ހެދި އެވެ. ނަމަވެސް އާ ސިޔާސަތުގެ ދަށުން ޔޫރަޕިއަން ޔޫނިއަންއިން ބޭރުގައި އެފަދަ އިހުތިޔާރެއް ނުދޭނެ އެވެ.
ވަސްޓްއެޕުން ފޭސްބުކާއި އެއާ ގުޅިފައިވާ އިންސްޓަގްރާމާ ހިއްސާ ކުރާ މައުލޫމާތުތަކުގެ ތެރޭގައި، އެ އެޕް ބޭނުން ކުރާ ފޯނު ނަމްރަބާއި ފޯނާ ބެހޭ މައުލޫމާތާއި އައިޕީ އެޑްރެހާއި އެ މީހަކު ބޭނުން ކުރާ މޮބައިލް ނެޓްވޯކާއި އެފަދަ މައުލޫމާތުން އެ މީހަކު ހުރި ކަމަށް ބެލެވޭ ތަނެއްގެ މައުލޫމާތުވެސް ހިމެނެ އެވެ. އަދި އާ ސިޔާސަތުގެ ތެރޭގައި "ޓްރާންސެކްޝަންސް އެންޑް ޕޭމެންޓްސް ޑޭޓާ" ކިޔާ ބައެއް ހިމެނެ އެވެ. އެއީ ވަޓްސްއެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ ހިދުމަތް ތައާރަފްކޮށްފައިވާ ސަރަހައްދުތަކުގައި އެ ހިދުމަތް ބޭނުން ކުރުމުން، އޭގެ މައުލޫމާތާއި އެމީހަކު ވިޔަފާރިތަކާ މުއާމަލާތް ކުރާ ގޮތް ފޭސްބުކާ ހިއްސާ ކުރުމަށް ހުއްދަ ދޭ ގަވާއިދެކެވެ.
ނަމަވެސް ވަޓްސްއެޕްއިން ވަނީ ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓްކޮށް ފޮނުވާ މެސެޖުތައް ހުންނާނީ އެންކްރިޕްޓްކޮށްފައި ކަމަށާއި، ވާހަކަ ދެކެވޭ ފަރާތްތަކަށް ފިޔަވާ އިތުރު ބަޔަކަށް އެ މެސެޖުތައް ނުކިޔޭނެ ކަމަށް ބުނެފަ އެވެ. އަދި ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީގައި އޮންނަ ގޮތުން، އެ އެޕްއިން ފޮނުވާ މެސެޖެއް ޑެލިވާ ވުމުން، އެ މެސެޖު ކުންފުނީގެ ސާވާތަކުން ފޮހެލާނެ އެވެ.
ވަޓްސްއެޕްގެ އާ ސިޔާސަތުގައިވާ ގޮތުން ފޭސްބުކާ މައުލޫމާތު ހިއްސާ ކުރާ ސަބަބުތަކުގެ ތެރޭގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމާއި އެޕް ބޭނުން ކުރާ ފަރާތްތަކުގެ ތަޖުރިބާ މިހާރަަށް ވުރެ ރަނގަޅު ކުރުން ހިމެނެ އެވެ.
ވަޓްސްއެޕްގެ ސިޔާސަތަށް ގެންނަ ބަދަލަށް ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކާއި ޕްރައިވެސީ ގަވާއިދުތަކާ ބެހޭ މާހިރުންނާއި އެންޓިޓްރަސްޓް ޖަމިއްޔާތަކުގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ޔޫރަޕުގެ ގައުމުތައް ނޫން އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އާ ސިޔާސަތުތަކަށް އެއްބަސްވާން މަޖުބޫރު ކުރުވުމާ މެދު ގިނަ ބަޔަކު ވަނީ ނުރުހުންް ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، ވަކި ކުންފުންޏެއްގެ ނުފޫޒު މާބޮޑަށް ފުޅާ ކުރުން ހުއްޓުވާ، ހިދުމަތް ލިބޭ ފަރާތްތަކަށް ފައިދާ ވާނެ ގޮތަކަށް ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރު ކުރުމަށް ވަކާލާތު ކުރާ އިންޑިއާގެ އެންޓިޓްރަސްޓް ވަލީކެއް ކަމަށްވާ އަބީރު ރޯއި ވިދާޅުވި ގޮތުގައި، މީހެއްގެ ވިޔަފާރީގެ މުއާމަލާތްތަކުގެ މައުލޫމާތު ލިބުމާއެކު ފޭސްބުކަށް އެމީހަކަށް ބޭނުން ވާނެހެން ހީވާ ފަދަ "ޓާގެޓެޑް" އިޝްތިހާރުތައް ދެެއްކޭނެ އެވެ.
ވަޓްސްއެސްޕްއިން ގެންނަ ބަދަލުތަކާ ގުޅިގެން އެ އެޕްލިކޭޝަން ދޫކޮށްލާ، އެހެން މެސެޖިން އެޕްތައް ބޭނުން ކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ މީޑިއާ އޮފީހުންވެސް ވަނީ ވަޓްސްއެޕް ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.