އަންނަ އަހަރު ސިނަމާތަކަށް އަންނަ އެންމެ ވަރުގަދަ އެއް ފިލްމު "އަދިޕުރުޝް"ގެ ޝޫޓިން މި މަހު ފަށާއިރު ފިލްމުގެ ބަތަލު ސައިފް އަލީ ޚާން މި ފިލްމުގެ ޝޫޓިން ފަށާނީ އޭނާގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރު ވިހާ ގަދަވުމުން ކަމަށް ޑައިރެކްޓަރު އޯމް ރައުތު ބުނެފިއެވެ.
ބަތަލާ ކަރީނާ މިހާރު ދެވަނަ ދަރިފުޅަށް ބަލިވެއިން އިރު ސައިފް އެ ފިލްމުގެ މަސައްކަތް ފަށާނީ އޭނާގެ ޕެޓާނިޓީ ލީވް ނިމުމުން ކަމަށާއި އެ ލީވް ނިމޭނީ އަންނަ މާޗު މަހު ކަމަށްވެސް ޑައިރެކްޓަރު ވަނީ ބުނެފައެވެ. ސައިފް މި ފިލްމުގައި ކުޅޭނީ ލަންކޭޝް ކިޔާ ކެރެކްޓަރެކެވެ.
ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޯމް ބުނީ ސައިފް އާ ޕްރަބާސް މި ފިލްމަށް ފަރިތަކުރަމުން އަންނަތާ މިހާރު ހަތަރުވަރަކަށް މަސް ވެދާނެ ކަމަށާއި ދެތަރިންވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ވަރަށް ބޭނުންވެފައި ތިބި ކަމަށެވެ. މި މަހުން ފަށައިގެން އޮގަސްޓް މަހުގެ ނިޔަލަށް މި ފިލްމުގެ ޝޫޓިން ކުރިއަށްދާނެ ކަމަށްވެސް އޯމް ވަނީ ބުނެފައެވެ.
މި ފިލްމަކީ ސައިފް އާ "ބާހުބަލީ" އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ލީޑު ބަތަލާ އަދި ހާމަކޮށްފައިނުވާއިރު ފިލްމުގައި ސައިފް ކުޅެނީ ވިލަން އެއްގެ ރޯލެވެ. ފިލްމު ރިލީޒްކުރާނީ 11 އޯގަސްޓް 2022 ގައެވެ.