ޓްރަމްޕްގެ ޓުވިޓާ އެކައުންޓު ދާއިމީކޮށް ސަސްޕެންޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓާ އެކައުންޓު ވަނީ ސަސްޕެންޑު ކޮށްފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 9): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓާ އެކައުންޓު އެ ކުންފުނިން ދާއިމީކޮށް ސަސްޕެންޑު ކޮށްފި އެވެ.

ޓުވިޓާއިން ޓްރަމްޕްގެ އެކައުންޓު ބޭނުން ނުކުރެވޭ ގޮތް ހެދީ މިދިޔަ ބުދަ ދުވަހު ފުރަތަމަ 12 ގަޑި އިރަށް އެ އެކައުންޓް ސަސްޕެންޑު ކުރުމަށް ފަހު އެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ނޫން ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެ، ބުދަ ދުވަހު ވޮޝިންޓަން ޑީސީގައި މުޒާހަރާ ކުރުމަށް އޭނާއަށް ތާއިދު ކުރާ ފަރާތްތަކަށް ގޮވާލެއްވި ފަހުންނެވެ.

"ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓުން ދާދި ފަހުން ކޮށްފައިވާ ޓުވީޓުތަކާއި އެ ޓުވީޓުތަކާ ގުޅިފައިވާ ކަންތައްތައް ވަރަށް ގާތުން ރިވިއު ކުރުމަށް ފަހު، އެ އެކައުންޓުން އިތުރު ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމުގެ ނުރައްކާ އޮތުމުން އަޅުގަނޑުމެން ވަނީ އެކައުންޓު ދާއިމަށް ސަސްޕެންޑުކޮށްފަ،" ޓުވިޓާއިން ބުންޏެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން ޑީސީގައި މުޒާހަރާ ބޭއްވީ ކޮންގްރެސްގައި އިލެކްޓޯރަލް ވޯޓުތައް ގުނަމުން ދަނިކޮށެވެ. އަދި އެ ބައްދަލުވުން ކުރިއަށް ދަނިކޮށް މުޒާހަރާގެ ބައިވެރިން ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގި އެވެ.

އެ ހަމަނުޖެހުންތައް ހިނގަމުން ދަނިކޮށް ޓްރަމްޕް ވަނީ "ސުލްހައަށްޓަކައި އެ މީހުން އަނބުރާ ދިޔުމަށް" ގޮވާލައްވާފަ އެވެ. ނަމަވެސް އެ މީހުންނަކީ "ވަރަށް ހާއްސަ ބައެއް ކަމަށާއި އެމީހުން ދެކެ ލޯބިވާ" ކަމަށް ޓްވިޓާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވެފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އަނެއްކާވެސް ތުހުމަތު ކުރައްވާފަ އެވެ.

އޭގެ ސަބަބުން ޓްރަމްޕް ޓުވިޓާގެ ގަވާއިދުތަކާ ހިލާފުވި ކަމަށް ނިންމާ، އެ ކުންފުނިން އޭނާގެ އެކައުންޓު 12 ގަޑި އިރަށް ސަސްޕެންޑު ކުރި އެވެ. އަދި އަނެއްކާވެސް ކުންފުނީގެ ސިޔާސަތުތަކާ ހިލާފުވެއްޖެ ނަމަ ދާއިމީކޮށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދިނެވެ.

އެ 12 ގަޑި އިރަށް ފަހު ޓްރަމްޕްގެ އެކައުންޓު އަނެއްކާވެސް ބޭނުން ކުރެވޭ ގޮތް ހެދުމުން އިއްޔެ ޓްރަމްޕް ކުރެއްވި ޓުވީޓުތަކުގެ ތެރޭގައި އޭނާ ޖޯ ބައިޑެން ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޓްރަމްޕަށް ތާއިދު ކުރާ މީހުންނަކީ ގައުމު ދެކެ ލޯބިވާ މީހުން ކަމަށާއި އެމީހުންނާ މެދު އިހުތިރާމު ކުޑަ ކުރެވޭ ގޮތަކަށް އަމަލު ކުރަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޓުވިޓާއިން ބުނި ގޮތުގައި ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާތީ އެއީ އިންތިހާބުގެ ސައްހަ ކަމާ މެދު ޝައްކު އުފެއްދެވުން ކަމުގައި ބެލެވޭނެ އެވެ. އަދި އޭނާ އެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާތީ، އެއީ އެ ރަސްމިއްޔާތުގައި ހަމަނުޖެހުން އުފެއްދުމަށް ދެވޭ ދައުވަތެއްގެ ގޮތުގައި ބައެއް މީހުން ބަލައިގަނެފާނެ އެވެ.

comment ކޮމެންޓް