ބައިޑެން ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައިނުގަންނަވާނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޖޯ ބައިޑެން ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 8): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ވެރިކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ އެމެރިކާގެ ކޮންގްރެސްއިން މިދިޔަ ބުދަ ދުވަހު ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަތް ފަހުންނެވެ.

"މި ސުވާލު ކުރަމުންދާ އެންމެންނަށް ދަންނަވާލަން، ޖެނުއަރީ 20ގައިި ބާއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަޅުގަނޑު ހާޒިރެއް ނުވާނަން،" ޓްރަމްޕްގެ ޓުވީޓެއްގައިވެ އެވެ.

އެހެންކަމުން ޓްރަމްޕްވެ ވަޑައިގަންނަވާނީ އެމެރިކާގެ ތާރީހުގައިވެސް ދެން އަންނަ ރައީސެއްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވާ ހަތަރު ވަނަ ރައީސަށެވެ. އަދި 1869ގައި ރައީސް އެންޑްރޫ ޖޯންސަން، ޔުުލިސިސް އެސް ގްރޭންޓުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގެންނެވި ފަހުން އެފަދަ ހާލަތެއް ދިމާވާ ފުރަތަމަ ފަހަރަށެވެ.

އެމެރިކާގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުން ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށް ލިބުނު އިލެކްޓޯރަލް ވޯޓުތައް ގުނަމުން ދަނިކޮށް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ކޮންގްރެސް އިމާރާތެއް ވަދެ، ހަމަނުޖެހުން ހިންގި އެވެ. އަދި އެ ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ފުލުހަކުވެސް ހިމެނެ އެވެ.

އެ ފުލުސް މީހާ މަރުވި މައްސަލަ ވޮޝިންޓަން ޑީސީގެ ފުލުހުންނާއި އެފްބީއައި އިން ގުޅިގެން ތަހުގީގު ކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން ކޮންގްރެސްއަށް ވަދެގަތީ، އެ ދުވަހު ޓްރަމްޕް ބޭއްވެވި ރެލީއެއްގައި ކޮންގްރެސް ކައިރިއަށް އެއްވުމަށް އޭނާ ހިތްވަރު ދެއްވި ފަހުންނެވެ. އޭގެ ސަބަބުން ސަރުކާރާ އިދިކޮޅު މީހުންގެ އިތުރުން ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ފާޑު ކިޔުންވެސް އޭނާއަށް ވަނީ އަމާޒުވެފަ އެވެ.

މީގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަނީ ޓްރަމްޕް މިހާރުވެސް މަގާމުން ދުރު ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރު ބޭނުން ކުރުމަށް ނައިބު ރައީސް މައިކް ޕެންސްއަށް ގޮވާލާފަ އެވެ. ނަަމަވެސް ޕެންސް އެފަދައިން އަމަލު ކުރައްވާނެ ކަމުގެ އިޝާރާތެއް ނުދެއްވަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވަނީ ޓްރަމްޕް އަޒުލު ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

comment ކޮމެންޓް