އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް)ގެ ސޭލްސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލޭ ނިރޮޅުމަގުގައި ހުޅުވި މި ސެންޓަރު އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ މީގެ 16 ވަރަކަށް އަހަރު ކުރިއަށް ބަލާނަމަ، ހުޅުމާލެ އަކީ ހަމައެކަނި ދުވަހުގެ މަސައްކަތަށްފަހު މީހުން ނިދަން އަންނަ ރަށެއް ކަމަށެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެފައިވާ ކަމަށާއި މާލެ ސަރަހައްދުގައި އެންމެ ބާރަށް ތަރައްގީވަމުންދާ ސަރަހައްދަކީ ހުޅުމާލެ ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ރައްޔިތުންނަށް ފަސޭހަތައް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން އައިބީއެމް އިން ވިއްކާ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ވުމަކީ އުއްމީދު ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"އުއްމީދަކީ މުޅި ތާޒާ ކުންފުނީގެ އުފެއްދުންތަކަކީ ޕްލާސްޓިކް ދޫކޮށްލާ، ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ވުން. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ބަދަލު ފެންނާނެ ކަމަށް ހަބަރު ލިބޭ،" ނިޔާޒް ވިދާޅުވިއެވެ.
އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރު ވިދާޅުވީ އައިބީއެމް އަށް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށާއި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް ކުންފުނި ކުރިއެރުވުމަށް މި އަހަރު ގިނަ މަސަައްކަތްތަކެއް ކުރާނެ ކަމަށެވެ.
އަދި އައިބީއެމްގެ ކުޑައިގެ ދަށުން އާ އުފެއްދުންތަކެއް މިއަހަރު މާކެޓަށް ނެރޭނެ ކަމަށާއި، ތިމާވެއްޓާ ރައްޓެހި އުފެއްދުންތައްވސް މާކެޓަށް ނެރުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.
އެގޮތުން 18 ލީޓަރުގެ ޑިސްޕެންސާ ފުޅީގައި ތާޒާ ފެން ބާޒާރަށް ނެރޭނެ ކަމަށާއި އެއް ލީޓަރުން ދަށުގެ ފެން ބިއްލޫރި ފުޅީގައި ބާޒާރަށް ނެރެން މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ އިތުރުން އައިބީއެމް އަކީ ހަމައެކަނި ފެން އުފައްދާ ކުންފުންޏެއްގެ ގޮތުގައި ނޯވެ، ކުރިއަށް އޮތްތަނުގައި މި ކުންފުނިން އިތުރު ޕްރޮޑަކްޓުތައް ބާޒާރަށް ނެރޭނެ،" އައިބީއެމްގެ އެމްޑީ އަންވަރު ވިދާޅުވިއެވެ.
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް އަކީ ގައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީ އާއި ޗަމްޕާ ބްރަދާސް ހިއްސާވާ 100 ޕަސެންޓް ދިވެހި ކުންފުންޏެކެވެ. އެކުންފުނިން އުފައްދާ ބާޒާރަށް ނެތޭ "ތާޒާ" ފެނަކީ ދިވެހިންގެ މެދުގައި މަގުބޫލު މިނަރަލައިޒް ފެނެކެވެ.