އިސްރާއީލުން މޮޑާނާގެ ކޮވިޑް ވެކްސިންއަށް ހުއްދަ ދީފި

އިސްރާއީލުން ވަނީ މޮޑާނާގެ ކޮވިޑް ވެކްސިންއަށް ހުއްދަ ދީފަ -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޖެނުއަރީ 5): އެމެރިކާގެ މޮޑާނާއިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރަން އިސްރާއީލުގެ ހެލްތު މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮޑާނާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އިސްރާއީލުން ވަނީ އެ ކުންފުނީގެ ކޮވިޑް ވެކްސިންގެ ހަ މިލިއަން ޑޯޒް ހޯދަން އެއްބަސްވުންތައް ހަދައިފަ އެވެ. އަދި މި މަސް ތެރޭ އެގައުމަށް ވެކްސިންގެ ޑޯޒްތައް ފޮނުވަން ފަށާނެ އެވެ.

"އިސްރާއީލްގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ ހަ މިލިއަން ޑޯޒް ހޯދާފައި އަދި ފުރަތަމަ ޑޯޒްތައް ޑެލިވާ ކުރުން މި މަހު ފެށޭނެ ކަމަށް ބެލެވޭ،" މޮޑާނާގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން އެމެރިކާ އާއި ކެނެޑާއިން ވަނީ މޮޑާނާގެ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން އާއި ސިންގަޕޫރާއި ސުވިޒަލޭންޑާއި އިނގިރޭސިވިލާތުން ދަނީ އެ ވެކްސިންއަށް ހުއްދަ ދެވޭނެތޯ ބަލަމުންނެވެ.

އިސްރާއީލުން ވަނީ މިދިޔަ މަހުގެ 19ގައި އެގައުމުގެ ރައްޔިތުންނަށް ފައިޒާ އާއި ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ދޭން ފަށައިފަ އެވެ. އަދި އެގައުމަކީ މިހާރު އެންމެ ބާރު ސްޕީޑުގައި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދާ އެއް ގައުމެވެ.

މޮޑާނާއިން ބުނި ގޮތުގައި އެ ކުންފުނިން މި އަހަރު މަދުވެގެން ވެކްސިންގެ 600 މިލިއަން ޑޯޒް އުފައްދާނެ އެވެ. އަދި އެއީ ކުރިން ލަފާ ކުރި ވަރަށް ވުރެ 100 މިލިއަން ޑޯޒް އިތުރު އަދަދެކެވެ.

އެމެރިކާގެ ސަރުކާރުން މޮޑާނާ ވެކްސިންގެ 200 މިލިއަން ޑޯޒް ހޯދުމަށް ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވަނީ މިހާތަނަށް 18 މިލިއަން ޑޯޒް ފޯރުކޮށްދީފަ އެވެ. އަދި އެ ކުންފުނިން ވަނީ ކެނެޑާއަށް 40 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް އެގައުމުގެ ސަރުކާރާ އެކު އެއްބަސްވުމެއް ހަދާފަ އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތު (އެންއައިއެޗް)އާ ގުޅިގެން މޮޑާނާއިން އުފެއްދި ކޮވިޑް ވެކްސިންއިން 94 ޕަސެންޓު މީހުން ބަލިން ރައްކާތެރިކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ކުންފުނިން ވަނީ އެ ވެކްސިންގެ ޑޯޒްއެއް ވިއްކާނީ 32 ޑޮލަރާއި 37 ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް