ކައްކައިގެން ލިބެނީ ހިތްހަމަޖެހުންތަ؟ ނޫނީ ވަނީ ވަރުބަލިތަ؟

މަސް ފިހަން ތައްޔާރު ވަނީ---

ކޮވިޑް19ގެ ނުރައްކާތެރިކަން ބޮޑުވެ، ލޮކްޑައުން ކުރުމުން އެންމެ ޑިމާންޑް ބޮޑުވި އެއްތަނަކީ ގޭގެ ބަދިގެތަކެވެ. ހިތުގައި ހުރި އުދާސްތަކާއި ސިކުނޑީގެ ހާސްކަން ފިލުވައިދިނުމުގައި އެއްބަޔަކަށް އެންމެ ގާތް ރަހުމަތްތެރިއަކީވެސް މިއީ އެވެ. ގައިގައި ޖެހޭ ވަހަކަށް، ހަށިގަނޑު އެ އުފުލާ ބުރައަކަށް ފަރުވާލެއް ނެތި އެހާ ގިނަ ވަގުތުތަކެއް ކެއްކުމުގައި ގިނަ ބަޔަކު ހޭދަކުރަނީ ހަމަ އަސްލަށްވެސް އެކަން ކުރާހިތްވާލެއް ބޮޑުވެގެން ހެއްޔެވެ.

ކެއްކުމަކީ 'ތެރަޕީ' އެކެވެ. ނަފްސާނީ ދުޅަހެޔޮ ކަމުގައި އެއްބަޔަކަށް މިއީ މެޑިޓޭޓް ކުރުމާއި އެއްވަރުގެ ހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ.

ގޭގައި ކައްކަނީ---

މިކަމަށް ކިޔަނީ ކަލިނަރީ ތެރަޕީ

ކަލިނަރީ ތެރަޕީއަކީ ކެއްކުމާއި ގޭސްޓްރޮނޮމީ އަދި ކެއްކުމާއި އެމީހަކާއި ދޭތެރޭ އޮންނަ އަމިއްލަ، ސަގާފީ އަދި އާއިލީ ގުޅުމެއް ބޭނުންކޮށްގެން އެމީހަކަށް ނުވަތަ އެބަޔަކަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކަށް އެޑްރެސް ކުރުމެވެ.

ކުރެހުމާއި، ނެށުމާއި، އެކްޓް ކުރުމަކީވެސް ތެރަޕީތަކަކަށްވާއިރު ކެއްކުން މި ލިސްޓުގައި ނުހިމެނެންވީ ސަބަބެއް ނެތްކަމަށް ބުނެ ތެރަޕީއެއްގެ ގޮތުގައި ކެއްކުން ލިސްޓްކުރުމަށް މަސައްކަތްކުރީ ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރަށްވާފައިވާ މައިކަލް ކޮސެޓް އާއި ކަލިނަރީ އާޓް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޖޫލީ އޮހާނާ އެވެ.

އެހެން ގޮތަކަށް ބުނާނަމަ ކެއްކުމަކީ ރަހަ ހެޔޮވަރުކޮށް އެއްޗެއް ތައްޔާރުކުމުގެ އިތުރަށް އެމީހެއްގެ ކިބައިގައި އެތަށް ގިނަ ސިފަތަކަކާއި ހުނަރުތަކެއް ތަރައްގީކޮށްދޭ ކަމެކެވެ. މިގޮތުން މައްސަލަ ހައްލުކުރުމާއި، އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ކަންކަމާއި ސަމާލުވެ ފަރުވާތެރިވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެމީހަކަށް އުފާވެރިކަން ގެނެސްދީ ހިތްހަމަޖެހުން ގެނެސްދެއެވެ. އަދި ރަނގަޅު ކެއުމުގެ އާދަތަކާއި އެކުގައި މިކަން ކުރެވޭނަމަ މިއީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރުވެސް ރަނގަޅު ކޮށްދޭ ކަމެކެވެ.

ބަދިގެއެއް--

ތެރަޕީއެއްގެ ގޮތުގައި ކައްކާނީ ކިހިނެއް؟

މިއީ ވަރަށް މުހިންމު ސުވާލެކެވެ. ކޮންމެ ދުވަހަކު ސްޓްރެސް ފިލުވުމަށޭ ބުނެ ދިހަ ވަރަކަށް މީހުންގެ ބޮޑު ކެއުންގަނޑެއް ތައްޔާރުކުރުމަކުން ހަށިގަނޑަށް ލިބޭނޭ ލުޔެއް އޮންނާނެ ހެނެއް ހިޔެއް ނުވެއެވެ. އޭގެ ބަދަލުގައި ބޮޑުވާނީ ގައިގައި އެތަން މިތަނުގެ ރިހުމެވެ.

އޮހާނާ ވިދާޅުވާގޮތުގައި ތެރަޕީއެއްގެ ގޮތުގައި ކައްކާނަމަ މިފަދަ އެހެނިހެން ކަންކަމެކޭ އެއްފަދައިން ތިމާގެ ޚިޔާލާއި ފިކުރު އެހެން ކަންކަމުން ދުރުކޮށް ސީދާ ކެއްކުމަށް ސަމާލުކަންދޭންޖެހެއެވެ. ކެއްކުމަކީ ތިމާގެ ވިސްނުމާއި އަދި ހަށިގަނޑުވެސް ބޭނުންކޮށްގެން ކުރާ ކަމަކަށްވާއިރު މިކަމުގެ ތެރެއަށް ވަދެވުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ.

މިސާލަކަށް ޕާން ފޮއްޗެއްގައި ބަޓަރާއި ޖޭމު ހާކާ ނަމަވެސް، މުޅި މަސައްކަތަުގެ ސްޕީޑް ލަސްކޮށް، އެވަގުތަކު ތިމާ ކުރާ ކަމަކަށް ސަމާލުކަންދީ އެކަމުން އެކުރެވޭ އިހުސާސްތަކަށް ވިސްނާލުން މުހިންމެވެ.

ބަދިގެ ތެރޭ ތަރުތީބު ގެއްލި، މީހާ އޮޅުން ބޮޅުމަށް ދިއުމަކީވެސް ތެރަޕީއެއް ނޫން!

ގިނަ ފަހަރު 'ކެއްކުން' ބޮޑު ހިތްހަމަޖެހުމަކުން-ބޮޑު ވޭނަަކަށް ބަދަލުވާ ހިސާބަކީ މިއީ އެވެ. އެއްވެސް ވަރެއްގެ ތައްޔާރީއެއް ނެތި، ގޭގައި ހުރި އެއްޗިއްސާއި ބޭނުންވާ އެއްޗިއްސާއި އެ އެއްޗެހި ހުރި ތަނެއް ބެލުމެއް ނެތި އަންނަ ފޯރީގައި ކައްކަން ފެށުމުން އިސާހިތަކު އޮންނަނީ މީހާގެ ސިކުނޑީގެ ހާލަތު ހުރި ވަރަށްވުރެ ވެސް ގޯސްވެފައެވެ.

މިގޮތުން ފްރެންޗް ކޮންސެޕްޓް އެއް ކަމުގައިވާ 'ހުރިހާ އެއްޗެއް އެ ހުންނަންވާ ތާންގައި' ހުރުމަކީ ތެރަޕީއެއްގެ ގޮތުގައި ކައްކާނަމަ ކޮންމެހެންވެސް ސަމާލުކަންދޭން ޖެހޭ ކަމެއް ކަމުގައި ކޯސެޓް ވިދާޅުވިއެވެ.

"ބޭނުންވަ ހުރިހާ އިންގްރިޑިއަންޓެއް ކޮށާފައި، މެޝާ ކޮށްފައި ބެހެއްޓީމަ އެހެރީ ތައްޔާރުވެވިފައި. މުޅި ބަދިގެ ތެރޭގައި އެއްޗެހި ހޯދަން ދުވާކަށް ނުޖެހޭނެ. އެއަށްފަހު ދެން އޮންނާނީ ހުރިހާއެއްޗެއް އެއްކޮށްފައި މިކްސް ކުރުން" އޭނާ ވިދާޅުވިއެވެ.

ބަދިގެއިން ދަސްކުރާ ފިލާވަޅު ބަދިގެއިން ބޭރަށްްވެސް ގެންދަންޖެހޭ!

ނަފްސާނީ އިލްމުވެރިން ވިދާޅުވާގޮތުގައި ކަލިނަރީ ތެރަޕީގެ ހަގީގީ ބޭނުން ހިފޭނީ ބަދިގޭގައި ބޭނުންކުރާ އުކުޅުތަކާއި ދަސްވާ ސިފަތައް އަމަލީ މައިދާނުގައިވެސް ބޭނުންކޮށްގެނެވެ. މިސާލަކަށް ބުނާނަމަ ކުރީ ބައިގައި ކެއްކުމަށް ތައްޔާރުވުން ފަދަ ކަންކަމުން ދަސްކޮށްދެނީ ބޮޑެތި މަސައްކަތްތައް ކުދިކުދި ބައިތަކަކަށް ބަހާލައިގެން ކުރުމެވެ. ގިނަ ފަހަރަށް މަސައްކަތުގެ ބޮޑު ކަމަށް ބަލައި ނުވާނެކަމަށް ނިންމާ ހާސްބޮޑުވެ މަސައްކަތް ލަސްކުރުމުގެ ނަތީޖާއަކަށްވަނީ ކަންކަން ފުނިޖެހި ކުރިއަށްވުރެވެސް ބުރަ ބޮޑުވުމެވެ.

ހަމައެޔާއެކު ކައްކާ ބަތުގައި ލޮނު ރަހަ ނުލުމާއި، ރިހައިގައި މާ ކުޅިގަދަވުމުން ނުކެވިގެން މީހުން ޝަކުވާ ކުރުމުން ހިތްދަތިވެ މީހާ ރަޖާއަޅައިގެން އޮވެ ފިލަނީ އެއް ނޫންތާއެވެ. އެހެންނަމަވެސް އެހެން އެކަންވީ ސަބަބެއް ހޯދާ ދެވަނަ ދުވަހަކު އެހެން ނުހަދާ ވޭތޯ މަސައްކަތްކުރަނީ އެވެ. ދިރިއުޅުމުގައި ދިމާވާ ކުދިކުދި މައްސަލަތަަކަކީވެސް މިފަދައިން ތިމާގެ 'ފެއިލިއާ' އެއް ކަމުގައި ނުދެކި އިތުރަށް ރަނގަޅުކުރަން ލިބޭ ފިލާވަޅެއް ކަމުގައި ދެކުން މުހިންމެވެ.

ކޮންމެއަކަސް ބަދިގޭގައި މިކުރެވޭ މަސައްކަތަކީ ހީކުރި ވަރަށްވުރެ މާ މުހިންމު އަދި ބޮޑެތި އަސަރުތަކެއް ދިރިއުޅުމަށް ކުރުވާ ކަމެކެވެ. ކަލިނަރީ ތެރަޕީ ގެ އަޖުމަ ބަލާލުމަށް ތިމާއަކީ ކޮންމެހެން މާ މޮޅު ކައްކާއަކަށް ވާކަށްވެސް ނުޖެހޭ ތާއެވެ. އެންމެންވެސް މިކަމެއްގައި ހުރި ވަރެއް ބަލާލާށެވެ.

comment ކޮމެންޓް