ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ޚާއްސަކޮށް ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ރައްކާތެރި އިޖުތިމާޢީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން "މަނަސް ހަބް"ގެ ނަމުގައި މަރުކަޒެއް ހުޅުވައިފިއެވެ.
މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފާއި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އެވެ.
ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ޚިދުމަތް ފެށި މި ހަބަކީ، މުޖުތަމައުގެ އިޖުތިމާއީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ އިތުރުން ފުރާވަރު ކުދިންނަށާއި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، ކައުންސިލުގެ ސްޓްރެޓީޖިކް ޕްލޭނުގައި ހިމަނައިގެން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނާ ގޮތުގައި މި ހަބަކީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލަކާ ތަފާތުކޮށް، ނަފުސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ޚާއްޞަ ހަބެކެވެ. މި ހަބުގެ މޮޑެލް ބިނާވެފައިވަނީ، ނަފުސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ޚިދުމަތަކަށް ނުހަދައި، ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހަންމިއްޔަތުކަން ދިނުމުގެ މައްޗަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
މަނަސް ހަބު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް ވާހަކަދައްކަވަނީ- ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލްމަނަސް ހަބުގެ މައިގަނޑު މަގުސަދަކީ ކޮންމެ ފަރުދަކަށް ވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ އަމާން މާހައުލެއްގައި މައުލޫމާތު ހިއްސާކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިތުރު ފަރުވާއަށް ބޭނުންވާ ޙާލަތްތަކުގައި އެކަށީގެންވާ ފަންނީ އެހީތެރިކަމާއި ޚިދުމަތްތަކާ ގުޅުވައިދިނުންކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެއެވެ.
މި މަރުކަޒު މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން އިއްޔެ ފެށި ފުރަތަމަ މަރުހަލާ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާއިރު، ދެވަނަ މަރުހަލާ ފެށޭނީ އަންނަ އަހަރު ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި މަރުކަޒުގެ ޚިދުމަތްތައް ކުރިއަށްދާނީ ސިޓީ ކައުންސިލްގެ ނޮލެޖް، ކަލްޗާ އެންޑް ވެލްބީންގް ޔުނިޓުގެ ބެލުމުގެ ދަށުން ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.
މިއީ އުނގެނުމާއި، ދުޅަހެޔޮ ސިއްހަތާއި، އިޖުތިމާއީ އެކިއެކި ހަރަކާތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ނޮލެޖް ސެންޓަރުގެ މުހިންމު އެއް ގޮފީގެ ގޮތުގައި އެ ކައުންސިލުން ސިފަކުރެއެވެ.