މިދިޔަ އަހަރު ސިވިލް ކޯޓުން 2394 މައްސަލައެއްގެ ޝަރީއަތް ނިންމައިފި

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިދިޔަ އަހަރު ސިވިލް ކޯޓުން 2394 މައްސަލައެއް ނިންމައި ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގެ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ފެށުނު އިރު އެ ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 1574 އެވެ. އަދި މިދިޔަ އަހަރު އެ ކޯޓަށް އިތުރު 3578 މައްސަލަ ހުށަހެޅުނެވެ. އެ ހުރިހާ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު އެ ކޯޓަށް ނިންމިފައި ވަނީ 2394 މައްސަލަ އެވެ.

މިހާރު ސިވިލް ކޯޓުގައި ނުނިމި ބާކީ ހުރީ 2758 މައްސަލައެވެ. އޭގެ ތެރެއިން 678 މައްސަލައަކީ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލައެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނަށް 1996 މައްސަލަ ހުށަހެޅުނެވެ. އޭގެ އިތުރުން، 2019ގައި ނުނިމި އޮތް 291 މައްސަލައެއްވެސް އެ ޑިވިޝަންގައި އޮތެވެ.

އެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ވަނީ 1377 މައްސަލަ ހައްލުކޮށްފަ އެވެ. އެއީ މައްސަލަތަކުގެ 59.66 ޕަސެންޓެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު އެ ކޯޓުން ވަނީ 572 އެގްރީމަންޓާއި 247 ލިޔުން ރަޖިސްޓްރީކޮށްދީފަ އެވެ.

މިދިޔަ އަަހަރު އެ ކޯޓުން 2908 ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔަން ޖެހެ އެވެ. ނަމަވެސް، ނިންމުނީ 2014 ރިޕޯޓެވެ. ބާކީ އަދި 894 ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުނިމި އެ އޮތެވެ.

އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދަރަނީގެ ގޮތުގައި އެ ކޯޓަށް ސާބިތުވެފައި ވަނީ 223،275،207.82 ރުފިޔާއާއި 57،478،587.34 ޑޮލަރާއި، 22،000 އޫރޯ އެވެ.

ސިވިލް ކޯޓުން ބުނީ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 678 މައްސަލަ ނިންމުމަށް އަންނަ އަހަރު ހިތްވަރާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަން ހާސިލު ކުރަން އަހަރު ތިން ފިޔަވައްސަކަށް ބަހާލާނެ ކަމަށާއި، ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ އެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ބުންޏެވެ.

ދެވަނަ ފިޔަވަހީގައި ނިންމަން މަސައްކަތް ކުރާނީ ހަ މަސްވީ މައްސަލަތަކެވެ. އަދި ތިން ވަނަ ފިޔަވަހީގައި ކޯޓަށް ހުށަހެޅުނު އަދަދަށް ވުރެ އިތުރަށް މައްސަލަ ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.

comment ކޮމެންޓް