ސީއެސްސީގެ ހުރިހާ މުވައްޒަފުން ގުޅާލާ "ވިއުގަ" އިފްތިތާހުކޮށްފި

"ސީއެސްވިއުގަ އޮންލައިން" ޕޯޓަލް އިފްތިތާހް ކުރުން -- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

ސީއެސްވިއުގަ، އޮންލައިންކޮށް، އިންޓަނެޓުގެ ޒަރިއްޔާއިން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، "ސީއެސްވިއުގަ އޮންލައިން" ޕޯޓަލް މިއަދު ތައާރަފުކޮށްފި އެވެ.

ޕޯޓަލް ތައާރަފުކޮށްފައިވަނީ މިއަދު ހެނދުނު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނެވެ.

ސީއެސް ވިއުގައަކީ 2011 ވަނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންކުރާ ސޮފްޓްވެއާއެކެވެ.

މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވޯކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވޯކްގެ ހިދުމަތްލިބޭ ސިވިލް ސާވިސް އިދާރާތަކުގަ އެވެ.

އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރިމުން، މިއަދުން ފެށިގެން އިންޓަނެޓްގެ ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މައުލޫމާތު ބަލައިލެވޭނެ އެވެ.

އަދި އިންޓަނެޓްގެ ޒަރިއްޔާއިން ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކަށް ސީއެސްވިއުގަ އޮންލައިން ބޭނުން ކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ސީއެސްވިއުގަ އޮންލައިންކޮށް އާންމުކޮށް ބޭނުންކުރުމަށް ހުޅުވާލުމާއެކު އަންނާނެ އެންމެ ބޮޑު ބަދަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުން ކަމަށާއި މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ސީއެސްވިއުގަ އޮންލައިން މެދުވެރިކޮށް ވަޒަންކުރެވޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް -- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިއްމު ހަރުފަތެއް ކަމަށެވެ.

"ސީއެސް ވިއުގަ އޮންލައިން ޕޯޓަލް އިތުރަށް ތަރައްގީކުރެވި، ވަޒީފާއަށް އިއުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދިވެސް ސިވިލް ސާވިސް ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތައް ސިންގަލް ވިންޑޯއެއް މެދުވެރިކޮށް ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ހުޅުވާލާ ހިސާބުން، ކޮމިޝަނާއި ސިވިލް ސާވިސް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ސީއެސްވިއުގަ މެދުވެރިކޮށް ޑިޖިޓަލައިޒުކުރެވުމުން، މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފުރަތަމަ ފަހަރުކަން ނާސިހް ފާހަގަކުރެއްވި އެވެ.

"މީގެ ސަބަބުން ސައްބީސް ހާހެއްހާ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ހަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ މިއީ ސިވިލް ސާވިސް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމަށް ގެނެވޭ މުހިއްމު ބަދަލެއް ކަމަށެވެ.

ނާސިހް ވަނީ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ހިތްވަރު ދެއްވައިފަ އެވެ. އަދި ސީއެސްވިއުގަ އޮންލައިންގައި މުވައްޒަފަކާ ގުޅޭ ފުރިހަމަ ނޫން މައުލޫމާތެއްވާނަމަ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއެއް މެދުވެރިކޮށް އެ މައުލޫމާތު އަދާހަމަކުރުމުގެ މަސައްކަތް ކެތްތެރިކަމާއެކު ކޮށްދިނުމަށް އިލްތިމާސްކުރެއްވި އެވެ.

comment ކޮމެންޓް