ކްރާފްޓް ސްޓޫޑިއޯއިން ނަޒާގެ ހުނަރާއި ހިތްވަރު!

ހައްވާ ނަޒާހަތު ޝަމީމް، އޭނާގެ ސްޓޫޑިއޯގައި ހުއްޓިލައިގެން -- ފޮޓޯ: އިބްރާހިމް އިފާޒް/ސަން

ކްރާފްޓް ސްޓޫޑިއޯގެ ނަން ދިވެހީންގެ ތެރެއަށް ތައާރަފް ވެގެން އައީ 2019 ވަނަ އަހަރު ބޭއްވި ފަންނު އެކްސްޕޯގެ ތެރެއިންނެވެ. ގޭތެރެ ޒީނަތްތެރިކޮށް ފަރުމާ ކުރުމަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް އެމީހަކު ބޭނުންވާ ސައިޒެއްގައި، ބޭނުން ކުލަތަކަކުން މިތަނުން ފަރުމާކޮށްދެ އެވެ. އެ އަހަރުގެ އެކްސްޕޯއިން އަތްތެރި މަސައްކަތުގެ ކެޓަގަރީއިން ތިން ވަނައާ އެކު، އާންމުންގެ ބޮޑު މަގުބޫލުކަމެއް މި ވިޔަފާރިއަށް މިއަދު ލިބިގެން ހިނގައްޖެ އެވެ. ފަންނުވެރިކަމާއި ކުޅަދާނަކަމުން ފުރިގެންވީ މި ކުޑަ ވިޔަފާރީގެ ފަހަތުގައިވާ ހުނަރުވެރިއަކީ ހައްވާ ނަޒާހަތު ޝަމީމް (ނަޒާ)، 36 އެވެ.

ނަޒާ މިވަނީ އޭނާގެ ހިތްގައިމު އެޕާޓްމަންޓުން އަހަރެމެންނަށް ހޫނު ކޮފީއަކާއި އެކު، އަތްތެރިކަމުގެ އަޖައިބެއްފަދަ ދުނިޔެއަކަށް ގެންގޮސްދީފަ އެވެ.

ކްރާފްޓް ސްޓޫޑިއޯގެ ބައެއް މަސައްކަތްތައް -- ފޮޓޯ:އިބްރާހިމް އިފާޒް/ސަން

ކިޔެވީ ސިމެންތި ގަށާކަށް ނޫން، އިންޓީރިއާ ޑިޒައިނިން

އެޕާޓްމަންޓްގެ އެއް ކޮޓަރި ހާއްސަކޮށްފައި ވަނީ ކްރާފްޓް ސްޓޫޑިއޯ އަށެވެ. ފެންނަ ފެނުމަށް އާދައިގެ ކުޑަ ކޮޓަރިއެކެވެ. އެހެންނަމަވެސް ތިން މީހުންގެ ކްރޫއަކަށާއި އިކުއިޕްމަންޓްތަކަށް ޖާގައިގެ ދަތިކަން އެއްވެސް ވަރަކަށް އިހުސާސް ނުކުރެވުނީ ތަނުގެ ބޭނުން ހިފަައިފަ ހުރިލެއް މޮޅުކަމުންނެވެ. ކޮންމެ ފޫޓެއް އަދި އިންޗިއެއްވެސް ބޭނުންކޮށްފައިވަނީ ވިސްނުންތެރިކަމާއި ހިކުމަތާއި އެކު އެވެ.

ސްޓޫޑިއޯގެ ފަހަތު ބިތުގަ އާއި އަރިމަތީގައި ބަހައްޓާފައިވާ ޝެލްފްތައް ފުރާލާފައި ވަނީ ކްރާފްޓް ސްޓޫޑިއޯގެ ސްޓޮކްއިންނެވެ. އެކި ކުލަތަކާއި، ބައްޓަންތަކުގެ ތަކެތިން ކަބަޑުތައް ފުރާލާފައިވާ އިރު އެންމެ ފުރަތަމަވެސް ހިތުގައި އުފެދޭ ސުވާލަކީ މިއީ ކިހިނެއް ދަސްކުރި ކަމެއްބާ އެވެ؟

ނަޒާ ބުނާގޮތުން އެންމެ ކުޑައިރުއްސުރެވެސް އޭނާއަކީ ތަންތަން ތަރުތީބުކޮށް އެ ޖާގައަކަށް އެންމެ އެކަށޭނަހެން އެއްޗެހި ބަހައްޓަން ލޯބިކުރި މީހެކެވެ. އިންޓަނެޓާއި ސްމާޓް ފޯނަކީ އޭނާ ކުޑައިރު މާ އާންމު އެއްޗިއްސަށް ނުވާއިރު، އިންޓީރިއާ ޑިޒައިނިންއަކީ ކިޔަވައިގެން ރަނގަޅު މުސްތަގުބަލެއް ބިނާކުރެވިދާނެ އެއްޗެއްކަން އޭނާއަށް އެނގުނީ ދައްތަ ކައިރިއަށް އިނގިރޭސިވިލާތަށް ކުރި ދަތުރަކުންނެވެ.

އޭރުވެސް އޭނާހުރީ ކިޔަވާނެ ދާއިރާއެއް ނޭނގި، ކުރިއަށްދާނެ މިސްރާބެއް ނުވިސްނި ފާޑަކަށް ދިރިއުޅުމައިގެން ތާށިވެފަ އެވެ.

އެ މަޑުޖެހިލުމުން ހިނގައިގަނެ ބާރު ސްޕީޑެއްގައި މެލޭޝިޔާގެ ފަސްޓް ސިޓީ ޔުނިވާސިޓީއިން އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން އިން ޑިގްރީ ހާސިލްކުރަން ފެށީ 2008 ވަނަ އަހަރު އެވެ. އެއަށްފަހު ހަތަރު އަހަރު ދުވަހު ރާއްޖޭގައި އިންޓީރިއާ ޑިޒައިނިން މަސައްކަތްކުރުމަށްފަހު އަނެއްކާވެސް މެލޭޝިއާއިން ވަނީ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްފަ އެވެ.

"އަބަދުވެސް ހީކުރީ ބޮޑުވެގެން އެ ކިޔަވާ ދާއިރާއެއްގައި ކަމަށް މުޅި އުމުރު ދުވަހު އުޅެންޖެހެނީ. އެހެންވެ އަސްލު ކިޔަވާނެ އެއްޗެއް ނޭގި ކުރިއަށްދާނެ ގޮތެއް ނޭގިފައި ހުރީ. އެކަމަކު އަބަދުވެސް ބޭނުންވި ރާއްޖެއިން ބޭރުން ކިޔަވައިގެން މޮޅު މީހަކަށް ވާން" ނަޒާ ބުންޏެވެ.

ނަޒާ ސްޓޫޑިއޯގައި މަސައްކަތުގައި-- ފޮޓޯ:އިބްރާހިމް އިފާޒް/ސަން

ސިމެންތި މަސައްކަތް ފެށުނީ ހާއްސަ ޕްރޮޖެކްޓެއް ތެރެއިން

އިންޓީރިއާ ޑިޒައިނިން ކިޔަވާ ނިންމުމަށްފަހު ނަޒާ މަސައްކަތް ކުރީ އިލާ މޯލްޑިވްސްގަ އެވެ. ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުންނަ މި އޮފީހުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ.

"ކުޑަ ޓީމަކާއި އެކު މަސައްކަތް ކުރީ. އެއީ ކާޕެންޓްރީ މަސައްކަތް ކުރާ މީހަކާއި ސިމެންތީގެ މަސައްކަތް. ދެން އޭގެ އިތުރަށްވެސް ހުންނާނެ އޭރު ބޮޑެތި މަސައްކަތްތަކެއް ކޮށްފައި،" ނަޒާ ކިޔާދިނެވެ.

ހަތަރު އަހަރަށްފަހު އަނެއްކާވެސް މާސްޓާސް އަށް މެލޭޝިއާ އަށް ދިޔައިރު އެނބުރި އައީ ހަތް އަހަރުވީ ކާމިޔާބު ކައިވެންޏަށް ތުއްތު ދަރިއެއް އިތުރުކޮށް އާއިލާއާ އެކީ ފްރީލާންސް ޑިޒައިން ޕްރޮޖެކްޓް ނެގުމަށް ގަސްތުކޮށްގެނެވެ.

އެއާއެކު އޭނާއަށް ލިބުނީ އިންޓީރިއާ ޑިޒައިންގައި އޭނާ ބޭނުންވެފައި ހުރި ކަހަލަ "ޑްރީމް ޕްރޮޖެކްޓް" އެކެވެ. ގެސްޓް ހައުސްއެއްގެ ފިނިޝިން މަސައްކަތް ލިބުނު އިރު، އެއީ އިތުރަށް އެކްސްޕްލޯކޮށް އަމިއްލަ އެކްސްޕެރިމެންޓްތަކަކާއި އެކު މަސައްކަތްކޮށްލަން ލިބުނު ފުުރުސަތެކެވެ.

"އަބަދުވެސް ބޭނުންވެފައި ހުރީ ސިމެންތި ބޭނުންކޮށްގެން މަސައްކަތެއް ކޮށްލަން. ހުއްޓާ ލިބުނީ ގެސްޓް ހައުސްއެއްގެ ފިނިޝިން މަސައްކަތްތަކެއް ކޮށްލަން. އެހިސާބުން އަސްލު މި ސިމެންތި މަސައްކަތުގެ ތެރެއަށް އަމަލީގޮތުން ވަދެވުނީ" ނަޒާ މި މަސައްކަތް ފެށިގޮތް ކިޔައިދެމުން ބުންޏެވެ.

ނަޒާ ބުނާގޮތުން މަސައްކަތް ފެށީ ފިރިމީހާގެ ވަރަށް ބޮޑު އެހީއަކާއި އެކު އެވެ. މަދު މޯލްޑް ކޮޅަކާއި އެކު ފިރިމީހާ އަމިއްލަ އަށް ފުރަތަމަ މަސައްކަތް ފެށިއިރު އެއީ އެހާ ކާމިޔާބު ކަމަކަށް ނުވި އެވެ. އެއާއެކު ދަރިފުޅު ނިންދެވުމަށްފަހު އެ ލިބޭ ވަގުތުތަކުގައި ސިމެންތި ގަށަން ފެށީ ނަޒާ އެވެ. ފުރަތަމަ ދެތިން ބެޗު ހަމަ ދިޔައީ ފަނުފުލުންނެވެ. އެކަމަކު، ހިތްވަރު އެލުވާ ނުލާ ކުރި މަސައްކަތުން ބޭނުންވި ފޯމިއުލާ ނެެރެ ސިކުޑީގައި ހަރުލާފައިވާ ކުޑަ ކުރެހުމެއް ހަގީގަތަކަށް ވާން މާ ގިނައިރެއް ނުނެގި އެވެ.

"އޭރު މި މަސައްކަތް ކުރީ ގޭގެ ސްޓޯރޭޖް ރޫމްގައި ގާތްގަނޑަކަށް 3-2 ފޫޓުގެ ކުޑަ މޭޒެއްގައި. އެ ތަނަކީ ހުރިހާ ހެދުމަކާއި އެނޫންވެސް ބައިވަރު ތަކެތި ރައްކާކޮށްފައި ހުންނަ ތަނެއް،" ނަޒާ ބުޏްނެވެ.

އެތަންކޮޅުވީ ޖާގައިގެ ގޮތުން ވަރަށް ވެސް ކުޑަތަނަކަށެވެ. އެހެންނަމަވެސް މަސައްކަތުގެ ތެރެއަށް މީހާއަށް ވަދެވުނީ ހީވެސް ނުކުރާހާ ބޮޑަށެވެ.

ކްރާފްޓް ސްޓޫޑިއޯގެ ބައެއް މަސައްކަތްތައް -- ފޮޓޯ:އިބްރާހިމް އިފާޒް/ސަން

ބައެއް މޯލްޑްސް ނޫން ހުރިހާއެއްޗަކީވެސް ރާއްޖެއިން ލިބޭ ތަކެތި

ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްތެރޭ ނަޒާގެ މި މަސައްކަތް މާލެއާއި ކައިރި ރަށްރަށާއި ރިޒޯޓުތަކާއި ހިސާބަށްވެސް ފޯރައިފި އެވެ. އެންމެ ތިން ޕްރޮޑަކްޓަކުން ފަށައި މިވީ މުއްދަތުގައި 20 އަށްވުރެ ގިނަ ތަފާތު އެތައް ބާވަތެއްގެ ޕްރޮޑަކްޓް ލައިންއަކާއި އެކު، މިއަދު އޭނާގެ މި ވިޔަފާރިއަކީ މީހުންގެ އިތުބާރު ލިބިފައިވާ މަގުބޫލު ދިވެހި ބްރޭންޑަކަށް ވެއްޖެ އެވެ.

ނަޒާ އޭނާ މަސައްކަތުގެ ކޮންމެވެސް ވަރެއް އަހަރެމެންނަށް ދައްކާލިއިރު، އެންމެ ހައިރާންވީ އޭނާ ބޭނުންކުރި ބައެއް މޯލްޑްތައް ނޫން އެހެން ހުރިހާ އެއްޗަކީ ރާއްޖެއިން ލިބެން ހުރި އަދި ދިވެހީންގެ އުފެއްދުންތަކަށް ހެދުމަށް އޭނާ މަސައްކަތްކުރާ ކަމެވެ.

ދެ ކުލައެއްގެ ސިމެންތި ކޮޅެއް ގަށާލަން އޭނާ ބޭނުންކުރީ ކިރު ހުސްކުރި ދެ ޕެކެޓެވެ. ނަޒާބުނާގޮތުން ކައިރި ގެތަކުގެ މީހުންވެސް ބައެއްފަހަރު މިފަދަ ތަކެތި ހުސްކުރުމަށްފަހު އޭނާއަށް ހަދިޔާކުރެ އެވެ. ވީހާވެސް ކާބަން ފުޓްޕްރިންޓް މަދުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ މިހާރު ނަޒާ އާއި އޭނާގެ ފިރިމީހާ ދަނީ އަމިއްލަ އަށް މޯލްޑްތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޕެކޭޖިންއަށްވެސް ބޭނުންކުރާ ހުރިހާ ތަކެތިވެސް މާލެއިން ހޯދާއިރު، ގަންނަންޖެހޭ ފޮށިތަކެއް ހަދައިދޭނެ ދިވެހި ފަރާތެއްވެސް ލިބޭތޯ އޭނާ ދަނީ މަސައްކަތްކުރަމުންނެވެ.

ނަޒާ އޭނާގެ ދަރިފުޅާއި އެކު، މިހާތަނަށް ހެދި އެންމެ ބޮޑު މަސައްކަތާއި އެކު--

ކްރާފްޓް ސްޓޫޑިއޯ މިއީ މަންމައެއްގެ ހުނަރުވެރިކަން، އާއިލާއެއްގެ އުތުރި އަރާ ލޯބި

ނަޒާ ބުނާގޮތުން މި މަސައްކަތަކީ އޭނާގެ އާއިލީ މަސައްކަތެކެވެ. އެއްޗެހި ތައްޔާރުކޮށް ސިމެންތި ގަށައި އެ ޕެކްކޮށް ޑެލިވަރީއަށް ތައްޔާރުކުރުމަކީ ނަޒާގެ ރޯލެވެ. އެހެންނަމަވެސް މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހޯދާ އޭގެ ލޮޖިސްޓިކްސް ގެ ކަންކަން ބެލެހެއްޓުމާއި ހުރިހާ ޑެލިވަރީއެއް ކުރުމަކީ އޭނާގެ ފިރިމީހާގެ ދައުރެވެ. އަދި ނަޒާގެ މަސައްކަތްތަކުން ފެންނަ ކުލަތަކަކީ ދަރިފުޅު ފެންކުލަ ޖައްސާއިރު އެ ކުރަހާ ކުރެހުންތަކުން އިންސްޕަޔާ ވެގެން އޭނާ އުފަންކުރާ ހިޔާލުތަކެއްކަމުން މި މަސައްކަތުގައި ދަރިފުޅުގެ ރޯލު ވަކި ކުޑައެއް ނޫނެވެ.

އަލަށް ހުޅުވި ރިޒޯޓަކަށް ތައްޔާރު ކުރި 100 ހެކްސި ލިޑެޑް ޕޮޓްސް ތަކެއް---

މުހިންމީ އާމްދަނީއެއް ނޫން، ހިދުމަތް

އިންޓީރިއާ ޑިޒައިނިންގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މިހާރުވެސް ކުރިއަށް ގެންދާއިރު ޑެސްކް ދޮށުގައި އެތަށް ގަޑިއިރެއް ހޭދަކުރަން މިއަދު ނަޒާ ބޭނުމެއް ނުވެ އެވެ.

އެއަށްވުރެ އަތްތެރި އުފެއްދުންތެރި މި މަސައްކަތް އޭނާއަށް މާ ކަމުދެ އެވެ. މާ ގަޔާ ވެއެވެ. އަދި މިކަމުން މާ ހިތްހަމަވެސް ޖެހެ އެވެ. ނަޒާ ބުނާގޮތުން މި ކަމަކީ އޭނާއަށް ހަމަ ތެރަޕީއެކެވެ.

އުމުރުން 18 އަހަރުގައި އެންމެ ފުރަތަމަ ގެސްޓް ރިލޭޝަން އޮފިސަރެއްގެ ގޮތުގައި ނަޒާ ވަނީ ހިލްޓަން މޯލްޑިވްސް ރަންގަލި އައިލެންޑްގައި މަސައްކަތްކޮށްފަ އެވެ. ދެ އަހަރަށްފަހު ޕްރޮމޯޝަނާއި އެކު އެ ދާއިރާއިން ކުރިއަށްދާން ލިިބުނަސް އާއިލާއާ ދުރުގައި މަސައްކަތްކުރުމަކީ އޭރުވެސް އަދި މިހާރުވެސް އޭނާއަށް ކަމުދާ ގޮތެއް ނޫނެވެ.

"ކިޔަވާ ނިމި ހަމަ 18 އަހަރުއްސުރެ މަސައްކަތްކޮށް އާމްދަނީ ހޯދަން ފަށައިފިން. އެހެންވީމަ ދަރިފުޅު ކައިރި ހުއްޓަސް މަސައްކަތެއް ނުކޮށް އެހެން ހުންނަންވީމަ ވަރަށް އުނދަގޫވި. އެހެންވެ ކަންނޭނގެ އަސްލު މިހާ ބޮޑަށް މިކަމުގެ ތެރެއަށް މި ވަދެވުނީ. ދަރިފުޅު ލިބުނީމަ އަސްލު ވަޒީފާއަކަށް ގޮސް އެހެން އުޅޭކަށް ބޭނުމެއް ނޫން. މިހާރު ފުލްޓައިމް މަސައްކަތަކީ މަންމައެއްގެ ވަޒީފާ. ކްރާފްޓް ސްޓޫޑިއޯވެސް މިއީ ޕާޓްޓައިމް މަސައްކަތެއް" ނަޒާ ކިޔައިދިނެވެ.

ކްރާފްޓް ސްޓޫޑިއޯގެ މި ބޮޑު ކާމިޔާބީއާ އެކު ނަޒާ އަށް ވިސްނުނު އެންމެ މުހިންމު ފިލާވަޅަކީ ކުރިން އޭނާ ދެކުނު ގޮތަށް ކޮންމެހެން އެ ކިޔަވާ ދާއިރާއަކީ މުޅި އުމުރު ދުވަހަށް ކޮނޑުއަޅައިގެން އުޅެންޖެހޭ އެއްޗެއްގެ ބަދަލުގައި އެއިން ލިބޭ އިލްމާއި ހިލްމުގެ ބޭނުންކޮށް އެމީހަކު ޝައުގުވެރިވާ އަދި ކުރާހިތްވާ މަސައްކަތެއް ކުރުމުގެ މުހިންމުކަމެވެ. އެއިން ލިބޭ އުފާ މާ ބޮޑުވެފައި ހިތްހަޖެހުން ނަޒާއަށް އެތައް ގުނައެއް އިތުރެވެ.

comment ކޮމެންޓް