އިންޑިއާ އިން ރާއްޖެއަށް ބީސީޖީ ވެކްސިން ދީފި

ބީސީޖީ ވެކްސިން--

ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވެފައިވާ ބީސީޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ބީސީޖީ ވެކްސިން ފޮނުވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ބުނީ ބީސީޖީ ވެކްސިންގެ 2400 ވައިލް އިންޑިއާ އިން ރާއްޖެއަށް ފޮނުވާފައިވާ ކަމަށެވެ.

ބީސީޖީ ވެކްސިންއަކީ ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދޭ ވެކްސިން އެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި، ދިއްލީ ގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން، އަދި މުމްބާއިގައި ހުންނަވާ ރާއްޖޭގެ އޮނޮރަރީ ކޮންސުލްއާ ގުޅިގެން ވެކްސިންގެ މި ޝިޕްމެންޓް ހޯދާ ރާއްޖެއަށް ޑިސްޕެޗް ކުރުން ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއާގެ ހެލްތު މިނިސްޓްރީ އަދި މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ފަރާތުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ސިއްހީ ދާއިރާގެ އެއްބާރުލުމަކީ އިންޑިއާ އާއި ރާއްޖޭގެ މެދުގައި އޮންނަ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ތަނބެވެ. ފެށުނީއްސުރެ އިންޑިއާ އިން ދަނީ ސިއްހީ ދާއިރާ އިން ރާއްޖެއަށް އެކި އެހީތައް ދެމުންނެވެ.

އެގޮތުން އިންޑިއާ އިން ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެއަށް މީސްލްސް – ރުބެއްލާ ވެކްސިން (އެމްއާރު)ގެ 30،000 ޑޯޒް ދީފައެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ އިން ވަނީ ރާއްޖެއަށް ސިއްހީ ދާއިރާ އިން އެހީ ފޯރުކޮށްދީފައެވެ.

އެގޮތުން މާޗު މަސް ތެރޭ އިންޑިއާއިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް 2020 ގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ގެނެސް، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްފައެވެ. އަދި އޮގަސްޓް 2020 އިން ފެށިގެން އިންޑިއާއިން ވަނީ ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީފައެވެ. މީގެ އިތުރުން ދިވެހި ސިއްހީދާއިރާގައި މަސައްކަތް ކުރާ އޮފިޝަލުންނަށް އެކި އޮންލައިން ތަމްރީން ޕްރޮގްރާމްތައް ވަނީ ހިންގައިފައެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން، އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ދީލަތި އަދި އަވަސް އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ.

comment ކޮމެންޓް