އަބްދުﷲ ގާޒީ ހާޒިރު ނުކުރުމުން ޝަރީއަތް ކެންސަލް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރު ނުކުރުމުންނާއި ބަދަލުގައި ބޭފުޅަކު ހަމަނުޖެއްސުމުން އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފުކޮށް ޖޭއެސްސީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ސިވިލްކޯޓަށް ހުށަހެޅިފައިވާ މައްސަލައާއި މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އެޅުން ފަސް ކުރުމަށް ސިވިލްކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމަށް ޖޭއެސްސީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ބޭއްވުމަށް މިއަދު ހަވީރު 4:30 އަށް އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން މިއަދު ވަނީ ސިފައިންގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރާއި އެއްގޮތަށް ސިފައިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދީފައި ނުވެއެވެ.

އެ މައްސަލަ ކެންސަލް ކުރިކަން އިއުލާން ކުރައްވަމުން ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު ވިދާޅުވީ އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދިނުމަށް ސިފައިންގެ މައްޗަށް ނެރުނު އަމުރާއި އެއްގޮތަށް އަބްދުﷲ ގާޒީ ހާޒިރުކޮށްދީފައި ނުވާއިރު ބަދަލުގައި ވެސް ބޭފުޅަކު ހަމަޖައްސާފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލްކުރަން ޖެހުނަސް މި މައްސަލައަކީ އެ ކޯޓުން ވަރަށް އަވަހަށް ނިންމަން ބޭނުންވާ މައްސަލައެއް ކަމަށެވެ.

ޖޭއެސްސީން ބުނީ އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ހައިކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅީ ސުޕީރިއާ ކޮޓެއްގެ ފަނޑިޔާރެއްގެ މައްސަލަ ސުޕީރިއާ ކޯޓަކުން ބެލިދާނެކަމަށް އެ ކޮމިޝަނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

އަބްދުﷲ ގާޒީ މިއަދު ޝަރީއަތަށް ހާޒިރުކުރަން ނިންމާފައި ވާތީ އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ޖޭއެސްސީގެ ކުރީގެ މެންބަރު އަދި މިހާރު ހޯމް މިނިސްޓްރީގެ ނާއިބް އާއިޝަތު ވެލަޒިނީ އާއި އެމްޑީޕީގެ ނާއިބް ރައީސް އަލްހާން ފަހުމީ އިސްކޮށްހުރެގެން މިއަދު ހަވީރު ވަނީ ސުޕްރީމް ކޯޓު ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު