ވާނުވާ ބަންދުގެ ބަހުސަށް ސުޕްރީމް ކޯޓުގެ ފަރުވާއެއް

ދިގުލައިގެންދާ ޝަރީއަތްތައް ނިމެންދެން، ޖަލު ގޮޅީގައި، ވާއެއް ނުވާއެއް ނޭގި، އެތައް އަހަރުތަކެއް ހޭދަ ކުރަން ޖެހި ގިނަ ބައެއްގެ މުޅި ދިރިއުޅުން ހަލާކުވެގެންދެ އެވެ. މިއީ އާންމު ބަހުން ނަމަ "ވާނުވާ" ބަންދެވެ. މިކަން އަދިވެސް ހިނގަމުންދަނީ މިގޮތަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އަހަރު ގެނައި އިސްލާހުގައި މިކަމަށް "ފަރުވާއެއް" ހޯދި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނަނީ އެއީ ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރަން ފަނޑިޔާރު ނިންމައިފި ނަމަ، ކޮންމެ 30 ދުވަހަކުން އޭނާގެ ބަންދު ރިވިއު ކުރުމުގެ އަޑުއެހުމެއް ބާއްވަން ވާނެ ކަމަށެވެ.

އެކަމަކު، އެ އިސްލާހާއެކު އުފަންވީ އާ ސުވާލުތަކެކެވެ. ބަންދު ރިވިއު ކުރަން ޖެހޭނެ ކަމަށް ބުނާ އެ މާއްދާއަށް އަމަލު ނުކޮށްފި ނަމަ ނުކުންނާނެ ނަތީޖާއަކީ ކޮބައިކަމާ މެދު ބަހުސް އުފެދުނެވެ. ގާނޫނުގެ އިސްލާހާ އެއްގޮތަށް ބަންދު ރިވިއު ނުކުރެވުމުން ހައްޔަރުގައި ހުރި މީހާ ބަންދުން ދޫކޮށްލަން ޖެހެނެތޯ ނުވަތަ އޭނާގެ ބަންދު ދެމިއޮންނާނެތޯ ކޯޓު ރޫމްތަކުގައި ބަހުސެއް އުފެދުނެވެ.

އެކަމާ މެދު ހައިކޯޓުން ހަތަރު މައްސަލައެއްގައި ވަނީ ދެ ގޮތަކަށް ހުކުމްކޮށްފަ އެވެ. އެއް މައްސަލައިގައި އެ ކޯޓުން ނިންމާފައި ވަނީ ރިވިއު ނުކޮށްފި ނަމަ ބަންދުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެހެން ތިން މައްސަލައެއްގައި ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށްވެސް ހުކުމްކޮށްފައިވެ އެވެ. ރިވިއު ނުކުރިޔަސް ބަންދުން ދޫކޮށްލަން ނުޖެހޭނެ ކަމަށް ނިންމި ތިން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ފަހުބަސް އިއްވައި މިކަމުގެ "ވާނުވާ" ކިޔައިދީފަ އެވެ.

ރިވިއު ނުކުރެވުނަސް ދޫކުރާކަށް ނުޖެހޭނެ

ޝަރީއަތް ނިމެންދެން މީހަކު ބަންދު ކުރެވޭނީ އެ މީހަކާ ދެކޮޅަށް ހެކި ހުރެ، އޭނާ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވިގެން، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލެވިގެން، ނުވަތަ އޭނާ ފިލާފާނެ ކަމަށް ބެލެވިގެން، ނޫނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބެލެވިގެންނެވެ.

އެހެންކަމުން، އެއިން ސަބަބެއް ދެމި އޮއްވައި، ހަމައެކަނި ބަންދު ރިވިއު ނުކުރެވިގެން މީހަކު ބަންދުން ދޫވެގެން ދިޔުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގެ މަގުސަދު ނޫން ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ އަލީ ރަޝީދު، ހުސްނުއްސުއޫދު އަދި ޑރ. މުހައްމަދު އިބްރާހިމް އިއްތިފާގުވެވަޑައިގެންނެވި އެވެ.

ފަނޑިޔާރު އަލީ ރަޝީދު އިއްވައި ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއިދު ކުރެއްވި ރައުޔުގައި ވަނީ، ޝަރީއަތް ނިމެންދެން މީހާ ބަންދު ކުރި ސަބަބު ދެމި އޮއްވައި، ހަމައެކަނި ބަންދު ރިވިއު ނުކުރެވިގެން މީހަކު ބަންދުން ދޫވެގެން ދިޔުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކޮށްފިނަމަ، އެ ނިންމުން މުރާޖާކޮށް، އެއަމުރު ބާތިލުކުރަންދެން، އެއަމުރުގެ ބާރު ދެމިއޮންނާނެކަމަށް އޭނާ ލިޔުއްވި އެވެ.

ޖިނާއީ އިޖުރާއަތު ގާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގައިި ބުނާ އިޖުރާއާތާ ހިލާފުވާ ހާލަތުގައި އެމީހަކު އޮޓޮމެޓިކުން ބަންދުން ދޫވާނެ ކަމަށް ބަލާނަމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކޮށްފައިވާ އަމުރުގެ ބާރު ކެނޑިގެންދާނެ ކަމަށްވެސް ފަނޑިޔާރު އަލީ ރަޝީދު ލިޔުއްވި އެވެ. ނަމަވެސް، ގާނޫނު މާނަ ކުރުމުގައި، ޝަރުއީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ ގާނޫނަކުން ކުރާނެ ކަމެއް ނޫން ކަމަށް ބަލަން ވާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

އޭގެ އިތުރުން، އެ ރައުޔުގައިވާ ގޮތުން ބައެއް އިޖުރާއާތްތަކަކީ އެއާ ހިލާފު ވުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާގެ އަސާސީ ހައްގެއް ގެއްލިގެން ހިނގައިދާނޭ އަދި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރު ކުރާނެ ފަދަ އިޖުރާއަތްތަކެވެ. އަނެއްބައި އިޖުރާއަތްތަކަކީ، ތުހުމަތުކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ހައްގަކާ ގުޅުމެއް ނެތް، އަދި އެ އިޖުރާއާތު ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ، އިދާރީ އިންތިޒާމުތަކެކެވެ. އެފަދަ ކަންކަމުގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރު ނުކުރާނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

މިސާލެއް ނަންގަވައި ފަނޑިޔާރު އަލީ ރަޝީދު ލިޔުއްވީ ކޯޓު އަމުރެއް ނެތި މީހެއްގެ ގެ ބަލާ ފާސްކޮށް އެ ގެއިން މަސްތުވާތަކެތި ފެނިގެން ބަންދުކުރާ ހާލަތުގައި އެ މީހާ ބަންދުން ދޫކުރަން ޖެހޭނެ ކަމަށެވެ. އެއީ ކޯޓު އަމުރާ ލައިގެން ބަލާފާސްކުރުމުގެ އިޖުރާއަތު ފުރިހަމަ ނުކުރުމުގެ ސަބަބުން ބަލާ ފާސް ކުރެވޭ މީހާގެ އަސާސީ ހައްގެއް ގެއްލޭތީ އެވެ. އަދި ގޯސްކޮށް ހިންގުނު އެ އިޖުރާއަތު ރަނގަޅު ކުރެވޭނެ ގޮތެއްވެސް ނޯންނާނެކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެއާ ހިލާފަށް ވަކި މުއްދަތެއްގައި ކޯޓުން ހަސްމުންނަށް ލިޔުން ހުށަަހަޅަން އޮންނަ އިޖުރާއަތާ ހިލާފުވެއްޖެ ނަމަ އެކަން ރަނގަޅު ކުރަން އިތުރު ފުރުސަތު ލިބޭ ކަމާއި، އެ އިޖުރާއަތު ފުރިހަމަ ނުކުރުމުން މައްސަލައިގެ ނިޔާއަށް އަސަރު ނުކުރާކަމަށް ހުކުމުގައިވެ އެވެ.

މި ދެ ބާވަތުގެ އިޖުރާއަތުގެ ތެރެއިން ބަންދު ރިވިއު ކުރުމާ ބެހޭ އިޖުރާއާތަކީ އެއާ ހިލާފުވެވުމުން މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާ ފަދަ އިޖުރާއަތެއް ކަމަށް އޭނާ ލިޔުއްވި އެވެ. އެ އިޖުރާއަތް ފުރިހަމަ ނުކުރިޔަސް އަސާސީ ހައްގެއް ގެއްލިގެން ނުދާ ކަމަށާއި އިޖުރާއަތާ ހިލާފުވުމުން އެކަން އިސްލާހު ކުރުމުގެ ފުރުސަތުވެސް އޮންނަކަން ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު އަލީ ރަޝީދު ލިޔުއްވި ގޮތުގައި އިޖުރާއީ ގޯހަކާ ހެދި މީހަކު ބަންދުން ދޫވެގެން ދިޔުމަކީ މުޖުތަމައުގެ ހައްގަށް އުނިކަން ލިބޭނެ ކަމެކެވެ. އޭނާ ލިޔުއްވި ގޮތުގައި މުޖުތަމައުގެ ހައްގަކީ އަމާން ކަމާއި ސުލްހަމަސަލަސްކަން ލިބިގެންވުމެވެ.

"ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާތިލުވުން ކަމުގައި ނުވަތަ ބަންދުގައި ހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމައުގެ ހައްގަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެކެވެ." ފަނޑިޔާރު އަލީ ރަޝީދު ލިޔުއްވިި އެވެ.

ރިވިއު ކުރަންވާނެ، ނުކޮށްފި ނަމަ ފިޔަވަޅު އެޅިދާނެ

ފަނޑިޔާރު އަލީ ރަޝީދާއި ހުސްނުއްސުއޫދު ލިޔުއްވި ގޮތުގައި ރިވިއު ކުރުމުގެ އިޖުރާއަތުުގެ މަގުސަދަކީ ވާނުވާ ޖަހާފައި ތިބޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމެވެ. ބަންދުގައި ބެހެއްޓި ސަބަބު ދެމި އޮތްތޯ ކޮންމެ 30 ދުވަހަކުން ބަލައި، ސަބަބު ދެމި ނެތް ނަމަ މީހާ ދޫކޮށްލުމެވެ. ދެމިއޮތް ނަމަ ބަންދުގައި ބެހެއްޓުމެވެ. "ވާނުވާ" ނޭނގޭ ގޮތުގައި އެ މީހާ ބަންދުގައި ނުބެހެއްޓުމެވެ.

އެ މަގުސަދު ހާސިލު ކުރަން އެ އިޖުރާއަތު ކަމާ ބެހޭ އިދާރާއިން ފުރިހަމައަށް ތަންފީޒު ކުރަންވާނެ ކަމަށް ދެ ބޭފުޅުންވެސް ލިޔުއްވި އެވެ. އަދި އެކަން ނުކޮށްފި ނަމަ ފިޔަވަޅު އެޅިދާނެ ކަމަށް ލިޔުއްވި އެވެ.

"އެކަން ކުރަން އޮންނަ ވަގުތުގައި އެކަން ނުކުރެވުނީ ވަކި އިދާރާއެއް އިހުމާލަކުންކަމުގައި ވަނީ ނަމަ، އެ އިދާރާއެއްގައި އޮންނަ އެފަދަ ކަންކަން ބެލުމުގެ ނިޒާމުގެ ތެރެއިން އެކަންކަން ބެލެންވާނެއެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިންވެސް އެކަންކަމަށް ފިޔަވަޅު އެޅެންޖެހޭނެއެވެ،" ފަނޑިޔާރު އަލީ ރަޝީދު ލިޔުއްވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވެ އެވެ؛ "ގާނޫނުގައި ވަކި މުއްދަތަކުން ކަމެއް ކުރުން ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް ލާޒިމުކުރެވިއްޖެނަމަ އެކަން އެގޮތަށް ނުކޮށް ދޫކޮށްލުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ކުރުމުގައި އަމަލީ ގޮތުން ދަތިތަކެއް ހުރި ނަމަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް ގެނައުމަކީ އެ މުއައްސަސާތަކުގެ ޒިއްމާއެކެވެ،"

އިޖުރާއަތާ ހިލާފު ކަމެއް ކުރުމަކީ މުޅި މައްސަލަ ބާތިލުވާ ކަމެއް ނޫން

އިޖުރާއީ ގާނޫނެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަންގާފައި އޮއްވާ އެއާ ހިލާފަށް އަމަލު ކުރުމުން އޭގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ބާތިލުވެގެންދާނެތޯ އުފެދުނު ސުވާލަށްވެސް މި މައްސަލައިގައި ވަނީ ޖަވާބު ދީފަ އެވެ.

އިޖުރާއީ ކަންތައްތައް ފުރިހަމަ ނުކޮށް، އެއާއިވިދިގެން ތަތުބީގު ކުރެވޭ ގާނޫނީ އެންމެހާ ކަންކަން، ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ކުރިޔަށް ގެންގޮސްފައި ވިޔަސް، އިޖުރާއާތު ފުރިހަމަ ނުކުރުމުގެ ސަބަބުން އެހުރިހާ ކަމެއްވެސް ބާތިލުވެދާނެ ކަމަށް ފާރިސް މައުމޫންގެ ބަންދު މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ނިންމުމުގައި ހުރިހާ ބާވަތެއްގެ އިޖުރާއަތްތައް ހިމެނޭހެން ލިޔެފައި އޮތުމުން މި މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަކިން އިއްވި ރައުޔުގައި އެކަން ރަނގަޅުކުރެއްވި އެވެ.

"އެންމެ ރަނގަޅު ގޮތަކަށްވާނީ، އިޖުރާއަތަކާ ޚިލާފުވެފައިވާ ހާލަތުގައި އެ އިޖުރާއަތު ފުރިހަމަ ނުކުރުމުގެ ސަބަބުން އޭގެ މައްޗަށް ތަރުތީބުވެގެންވާ އެންމެހާ ކަންކަން ބާތިލުވާނެ ކަމަށް ކަނޑައެޅުއްވުމުގެ ބަދަލުގައި، އެ ހިލާފަކީ ޣައިރުގާނޫނީ ހިލާފެއްތޯ، ނުވަތަ އިޖުރާއީ ޚިލާފެއްތޯ ފަރަގުކޮށް، އެ ކަމެއް ނުކުރުމުގެ ސަބަބުން ހަމައެކަނި ބާތިލުވެގެންދާނީ، އެ ހިލާފަކީ ޣައިރުގާނޫނީ ޚިލާފަކަށްވާނަމަ ކަމަށް ބަޔާންކުރެއްވުމުން ކަމަށް ގަބޫލުކުރެވެ އެވެ،" ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެވެ.

ރަނގަޅު ކުރެވިދާނެ އިޖުރާއަތްތަކުގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަންކަން ބާތިލުވާނެ ކަމަށް ކަނޑައަޅައިފިނަމަ، ޖިނާއީ އަދުލުގެ ނިޒާމު ގެ ތެރޭގައި ހިމެނޭ ބައެއް މުވައްޒަފުންގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ ގަސްތުގައި އިޖުރާއަތާ އެއްގޮތަށް ކުރަންޖެހޭ ކަމެއް އެނޫން ގޮތަކަށް ކުރުމުގެ ސަބަބުން، މީހަކު ކުށް ކުރިކަން ޔަގީންވާ ހާލަތުގައިވެސް އިޖުރާއީ އުނިކަމަކާ ހުރެ ކުށްވެރިން ވީއްލިގެން ގޮސްދާނެ ކަމަށް ބުނެފައިވެ އެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ގާނޫނަކުން މީހެއްގެ މައްޗަށް މަނާކޮށްފައިވާ ކަމެއް އެމީހަކު ކޮށްފި ނަމަ ނިކުންނާނޭ ނަތީޖާ އާއި، އިޖުރާއީ ގާނޫނުނެއްގައިވާ އިޖުރާއަތަކާ ތަބާނުވެއްޖެ ނަމަ، ނުވަތަ އެ އިޖުރާއަތަށް ތަފާތު ގޮތަކަށް އަމަލުކޮށްފި ނަމަ އެކަމުން ނުކުންނާނެ ގާނޫނީ ނަތީޖާ ތަފާތުވާނެ ކަމަށެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނެއްގައި ވަކިގޮތަކަށް ކަމެއް ކުރުމަށް ބުނެފައި އޮއްވާ އެއާ ހިލާފުވުމުން މުޅި އެ އަމަލަކީ ޣައިރުގާނޫނީ އަމަލެއް ކަމަށް ވެގެންދާނީ ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލީ ކަމަކާ ޚިލާފުވުމުން، ނުވަތަ އެ އިޖުރާއަތު އެއްވެސް މިންވަރަކަށް ނުހިންގައި މުޅި އެ އިޖުރާއަތު ބޮލާލައި ޖަހާފައިވާނަމަ އެވެ. ނަމަވެސް، އެކަން ކުރަން އޮތް ގޮތް ނޫންގޮތަކަށް، ނުވަތަ އެންމެ ފުރިހަމަ ނޫންގޮތަކަށް އެކަންކޮށްފިނަމަ، ނުވަތަ އެކަމެއް ކުރަން އޮތް މުއްދަތުގެ ފަހުން އެކަންކޮށްފިނަމަ، އެފަދަ ކަންކަން ބެލެވޭނީ އެއީ އިޖުރާއީ ހިލާފެއް ކަމަށެވެ. މުޅި އަމަލު ޣައިރުގާނޫނީ ނުވާނެ އެވެ.

comment ކޮމެންޓް