ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލިކަން އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، އޭނާ 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ކުރީ ކޮޅު، ގަސްތުގައި އިބްތިހާލް ނޭވާހާސްކޮށް، ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ އެ ކުއްޖާ މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުޑަކުއްޖަކު މަރެމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.
މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އިއުތިރާފުން ރުޖޫއަވެފައެވެ.
އެ މައްސަލައިގައި އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭނާގެ ފިރިމީހާ، އިބްތިހާލްގެ ދޮން ބައްޕަ އެވެ. ނަމަވެސް އާފިޔާގެ ފިރިމީހާ ވެސް ހެކިބަސް ދީފައި ވަނީ އާފިޔާއާ ދެކޮޅަށެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން އާފިޔާގެ މައްޗަށް އިއްވި ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ، ޝަރީއަތުން ބެލި ބެލުމުން، 2015 ވަނަ އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އިބްތިހާލްގެ ނޭވާ ހާސްކުރުމުގެ ގޮތުން، އިބްތިހާލުގެ ކަރަށް ފިތާ ބާރުކޮށް ނޭވާހާސްކޮށް، އިބްތިހާލްގެ މޭ މަތީގައި އާފިޔާގެ ދަށް ފައިން ވަރަށް ބާރަށް ތިން ފަހަރު ޖަހާފައި ވާތީ އާއި އިބްތިހާލަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން އެ ދުވަހުގެ 12:00 ހާއިރު އިބްތިހާލް މަރުވެފައިވާކަން ސާބިތުވާ ކަމަށެވެ.
އަދި އެކި މަރުހަލާތަކުގައި ކުށަށް އިއުތިރާފުވުމަށްފަހު، ފަހުން ޝަރީއަތުގައި އެ އިއުތިރާފު ބަދަލުކުރުމަކީ، އިބްތިހާލު މެރިކަމުގެ ޒިންމާއިން އާފިޔާއަށް ބަރީއަވެވޭނެ ސަބަބެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އިބްތިހާލް މަރާލަނިކޮށް ފެނުނު ހެކިން ނެތް ނަމަވެސް، އެކުއްޖާ މަރުވެފައިވަނިކޮށް މަންޒަރު ދުށް މީހުންނަށް ފެނުނު ކަންތައްތަކާއި، އާފިޔާގެ އަމަލުތަކާއި ހަރަކާތްތަކާއި، ވާހަކަތަކާ ގުޅުވާލެވޭ ހެކިންގެ ހެކިބަހާއި، އިބްތިހާލް މަރުވި ދުވަހު އެގެއަށް ދިޔަ މީހަކަށް އެކުއްޖާ ކުކުރާ އަޑު އިވިފައި ވުމާއި، އާފިޔާ ފިޔަވައި ކުއްޖާއަށް އެފަދަ ބޮޑު އަނިޔާއެއް ދެވޭނެ ފަދަ އިތުރު މީހަކު އެވަގުތު އެތަނުގައި ނެތްކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
އަދި މަރުގެ ހާދިސާއާ ގުޅުވައިލެވޭ ކުއްޖާގެ މެޑިކަލް ރިޕޯޓުން އެނގޭ އެކި ގަރީނާގެ ތެރޭގައި ކުއްޖާގެ ކަރުގައި ހިފިކަމުގެ ނިޝާނާއި، ކުއްޖާގެ މޭ ކަށިތައް ބިނދި، ގެއްލުން ލިބިފައިވުމާއި އަނގައިން ލޭ އައިސްފައިވާ ކަމާއި ކުއްޖާ މަރުވުމުގެ ސަބަބުގެ ތެރޭގައި ނޭވާ ހަށްވުމުގެ އަލާމާތް ހުރިކަމާއި އަދި ކުއްޖާ މަރުވެފައި ވަނީ ތަބީއީ ގޮތަކަށް ނޫންކަން މެޑިކަލް ރިޕޯޓުން އެނގޭ ކަމަށެވެ.
އަދި އިބްތިހާލް މަރުވެފައި ވަނީ އެކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށްގެންކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮންނަ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
"އެގޮތުން މުހައްމަދު އިބްތިހާލް އުމުރުން ތިން އަހަރާއި ހަ މަހާއި އެގާރަ ދުވަސް ވީތަނާހެން، 2015 ޖެނުއަރީ 28 ވަނަ ދުވަހުގެ ހެނދުނު 8:30 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި މުހައްމަދު އިބްތިހާލަށް ގަސްތުގައި އަނިޔާކުރުމުގެ ނިޔަތުގައި އަނިޔާކޮށް މެރިކަމަށް އެކުއްޖާގެ މަންމަ، ދައުވާ ލިބޭ އާފިޔާ މުހައްމަދު މަނިކު އަމިއްލައަށް އިއުތިރާފުވެފައި ވާތީ މި ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅަން،" ހުކުމްގައިވެއެވެ.
އާފިޔާގެ މައްޗަށް އުފުލި، ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އޭނާގެ އިއުތިރާފުން ސާބިތުވާއިރު، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ދިނުމެވެ.
ނަމަވެސް މަޔަކު ދަރިއެއް މަރާ ހާލަތުގައި މަރަށް މަރު ހިފުން މަނާވާ ސަބަބެއް ކަމަށް ޖުމްހޫރު އިލްމުވެރިންގެ ރައުޔުން އެނގެން އޮވެއެވެ.
އެހެންކަމުން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ގިސާސް ހިފުމަށް ފުރިހަމަ ވާންޖެހޭ ޝަރުތުތައް މައްސަލައިގައި ފުރިހަމަ ނުވެއެވެ.
އެހެންކަމުން މަރަށް މަރު ހިފަން ހުކުމް ކުރެވެން ނެތް ކަމަށާއި، އޭގެ ބަދަލުގައި ތައުޒީރީ އުގޫބަތެއް ކަނޑައެޅުމާ ގުޅޭގޮތުން މިއަދު ވަނީ ވާހަކަދައްކައިފައެވެ.
ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގައި ބުނެފައި ވަނީ އެނގިހުރެ މީހަކު މަރައިފިމީހާ އެކުރަނީ ކުށެއް ކަމަށާއި، އެއީ ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ޖިނާޔަތުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 އަހަރަށް ޖަލަށް ލުމެވެ.
ނަމަވެސް ކުށްކުރި މީހާ އެކުށް ކުރީ، ކުޑަކުއްޖަކު، ނުވަތަ އުމުރުން 65 އަހަރު ވެފައިވާ، ނުވަތަ މާއްދީ ނުވަތަ ފިކުރީ ހިއްސަކަށް އުނިކަން ލިބިފައިވާ، ނުވަތަ ކުށްވެރިޔާއަކީ ކުށުގެ އަމަލު ހިންގުނު މީހާގެ މަސްލަހަތަށްޓަކައި އަމަލު ކުރުމުގެ ގާނޫނީ ޒިންމާ އޮތް މީހަކުނަމަ އަދަބު ކަނޑައެޅުމުގެ މިންވަރު މަތިވާނެއެވެ.
އެގޮތުން އެ ނުކުތާ ތަކުގެ ތެރެއިން ނުކުތާއެއް ފުރިހަމަވާ ހިނދު މި މާއްދާގައި ބަޔާންކޮށްފައިވާ ކުށަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު އެއް ދަރަޖައަށް، އަދި ދެ ނުކުތާ ފުރިހަމަވާ ހިނދު ދެ ދަރަޖައަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ މަތިވާނެއެވެ.
އަދި އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ތިން ދަރަޖަ މަތި ކުރެވޭނެ ހަމައެކަނި ހާލަތަކީ ކުށް މާނަކުރާ މާއްދާގައި، އެކުށް ފުރިހަމަވުމަށް ބޭނުންވާ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު މިންވަރަކަށް އެކުށުގެ ސަބަބުން ގެއްލުންވެފައިވާނަމައެވެ.
ހުކުމްގައި ބުނެފައި ވަނީ، އާފިޔާގެ ފަރާތުން ކުއްޖާއަށް އަނިޔާކޮށްގެން މަރާލާފައިވާކަން އެނގެން އޮންނާތީ، މިއީ އާފިޔާގެ މައްޗަށް ތިން ދަރަޖަ މަތިކުރެވޭނެ ހާލަތްތަކެއް ކަމަށް އެނގޭ ކަމަށެވެ. ތިން ދަރަޖައަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ މަތިވުމުން އާފިޔާއަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ނަމަވެސް ކުށްވެރިޔާ، ކުށުގެ އަމަލު ހިންގީ ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމާއެކުނަމަ ނުވަތަ އިންސާނެއްގެ ގަދަރާއި ކަރާމާތަށް ކަނޑައެޅިގެން ފަރުވާތެރިކަމެއް ބެހެއްޓުމަކާނުލާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އެއް ދަރަޖަ މަތިވާނެއެވެ.
އެހެންކަމުން، އާފިޔާއަށް ކަނޑައަޅަންޖެހޭ އަދަބު އަސާސީ މިންގަނޑަށް ވުރެ ހަތަރު ދަރަޖަ މަތިކޮށް، އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވަން ވަނީ ހުކުމް ކޮށްފައެވެ.
އަދަބު ކަނޑައެޅުމާ ގުޅޭގޮތުން އާފިޔާގެ ދިފާއީ ވަކީލު ވަނީ އާފިޔާގެ އިއުތިރާފުގެ މައްޗަށް ބުރަވެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވާތީ އާފިޔާއަށް އަދަބު ލުއިކޮށް ދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް ދައުލަތުން ބުނީ، އާފިޔާ ކުށަށް އިއުތިރާފުވެ ފަހުން އެ އިއުތިރާފާ ޚިލާފުވެފައިވާ ކަމަށާއި، އިއުތިރާފު ދަމަހައްޓާފައި ނުވާނަމަ ލުއި ލިބެންޖެހޭނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި ޝަރީއަތުން ވެސް ވަނީ އެ ނުކުތާ ފާހަގަކުރައްވައިފައެވެ.
ވިހި އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން، އިންސާނަކު މެރިކަމުގެ ކުށުގެ ކައްފާރާއެއްގެ ގޮތުން، ހަނދުމަހުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް އާފިޔާއަށް ވަނީ އަންގައިފައެވެ.
މީހަކު މެރުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭކަމެއް ކަން ފާހަގަ ކުރައްވައި ގާޒީ ވަނީ، ކުށަށް ތައުބާވުމަށް އާފިޔާއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އެކި ދުވަސް މަތިން އިބްތިހާލްގެ ގައިގައި ތަޅާ އަނިޔާކޮށްފައި ވާތީ ދައުލަތުން ވަނީ އާފިޔާއަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ވެސް އުފުލައިފައެވެ. އެ މައްސަލައިގައި ޝަރީއަތުން ވަނީ މިއަދު އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.