ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 342.3 މިލިއަން ދޫކޮށްފި

މާލޭމަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 342.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ގެ ނިޔަލަށް 2,039 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. އެހާތަނަށް 4,086 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާ ކަމަށާއި 703 ފަރާތެއްގެ އެޕްލިކޭޝަން އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވާކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ފެނެ އެވެ.

އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ 237 ވިޔަފާރިއަކަށް 54.8 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ އިރު ދަތުރުފަތުރުގެ ދާއިރާ އަށް 19.9 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވެ އެވެ. އެއީ ޖުމްލަ 80 ވިޔަފާރިއަކަށެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަމިއްލަ މަސައްކަތްކުރާ 1،909 މީހަކު ވަނީ ލޯނު އެހީއަށް އެދިފަ އެވެ. އޭގެ ތެރެއިން 644 ފަރާތަކަށް، 19.2 މިލިއަން ރުފިޔާ ދޫކުރަން މިހާތަނަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13 ވިޔަފާރިއަކަށް 2.2 މިލިއަން ރުފިޔާ، ކޮންސްޓްރަކްޝަން ދާއިރާގެ 203 ވިޔަފާރިއަކަށް 59.2 މިލިއަން ރުފިޔާ، މަސްވެރިކަމުގެ ދާއިރާގެ 22 ވިޔަފާރިއަކަށް 4.1 މިލިއަން ރުފިޔާ، މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާގެ 116 ވިޔަފާރިއަކަށް 18.6 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަމިއްލަ މަސައްކަތްކުރާ 371 އަންހެނަކު ލޯނަށް އެދިފައިވެއެވެ. މީގެ ތެރެއިން 131 މީހަކަށް، ޖުމްލަ 3.9 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ.

އަދި އަންހެނުން ހިންގާ443 ވިޔަފާރިއަކަށް 112.5 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވެއެވެ.

ކޮވިޑާ ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ"ގެ ނަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެސްޑީއެފްސީ އިން ތައާރަފު ކުރި ލޯނު ސްކީމުގެ ދަށުން 500،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެ އެވެ.

މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ.

comment ކޮމެންޓް