ފްލައިން ސްކޫލްގެ މައްސަލައިގައި މަޖިލިސް ކޮމިޓީ އައްޑޫއަށް

ގައުމީތަރައްގީއާއި ތަރިކަތަކުގެ ކޮމިޓީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލާޔާސް

އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އެ ސިޓީއަށް ހިނގައްޖެއެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ ކޮމެޓީގެ ހަ މެމްބަރުން މިއަދު އައްޑޫއަށް ވަޑައިގެންފައިވާ ކަމަށެވެ.

މެމްބަރުންގެ ދަތުރުގައި ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ކަމާއިގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލާއި ފުލައިން ސްކޫލްގެ މެނޭޖްމަންޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނާވެސް ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާ ކަމަށާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށް ނުދޭކަމަށް ބުނެ ދަރިވަރުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކޯސް ނިންމުން ދިގުލައި ދިޔުމުގައި އޭއޭއޭގެ އިހުމާލު އޮތްނަމަވެސް ދަރިވަރުން ކޯހުން ވަކިކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލައާ ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށް އިތުރަށް ކަންތައް ކުރަންވީ ގޮތަކާ ގުޅޭގޮތުން އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސުވާލެއް ފޮނުވައިފައެވެ.

"އާސްކް ސްޕީކާ" ގެ ދެވަނަ ޕްރޮގްރާމުގައި އެ ދަރިވަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު އަންގަވާފައިވަނީ އެ މައްސަލަ ބެލުމަށް މަޖިލީހަށް ސިޓީއެއް ފޮނުވުމަށެވެ.

އެ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ގާތުން ބަލައި ހައްލެއް ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ވަނީ މަޖިލިސް ރައީސަށް ސިޓީއެއް ފޮނުވައިފައެވެ.

comment ކޮމެންޓް