ފަނޑިޔާރުން ނުހައްގު މުއްސަނދިކަމުން ދުރުކުރަން ފިޔަވަޅެއް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮންމެ ފަނޑިޔާރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނިހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެ އެވެ،" ގާނޫނުއަސާސީގެ 153 ވަނަ މާއްދާގައި ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުން ލާޒިމުކޮށް ބުނެފައި ވަނީ މިހެންނެވެ.

ގާނޫނުއަސާސީގައި އަދި ގާނޫނުތަކުގައި މިކަން ލާޒިމު ކުރިޔަސް، ފަނޑިޔާރުންގެ މާލީ ބަޔާނުގެ ކަންކަމަކީ މިފަހަކާ ޖެހެންދެން ވަރަށް ފަސޭހަކޮށް ލުއި ގޮތަކަށް އޮތް ކަމެކެވެ. މާލީ ބަޔާން ހުށަނޭޅުމަކީ މާ ބޮޑު ފިޔަވަޅެއް އަޅާ ކަމެއްވެސް ނޫނެވެ. އެހެންކަމުން، ބައެއް ފަނޑިޔާރުން މާލީ ބަޔާން ތައްޔާރު ކުރަމުން ދިޔައީ އެކަމުގެ މަގުސަދު ހާސިލުވާ ގޮތަަކަށް ނޫނެވެ. އެކަން އޮންނަނީ ނަމަކަށްކޮށްލާ ކަމެއްކޮށްލާ ގޮތަށެވެ.

މާލީ ބަޔާނުގެ ބޭނުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމާއި ފަނޑިޔާރުންގެ މާލީ ހުރިހާ ކަމެއް ރެކޯޑު ކުރުމެވެ. ނުހައްގު ފައިދާއެއް މުއްސަނދިކަމެއް ލިބޭ ނަމަ އެކަމެއް ވީހާވެސް އަވަހަށް ދެނެ ގަނެ ހާމަކުރުމެވެ. އެހެންކަމުން، ފަނޑިޔާރުންގެ މާލީ ކަންކަމާ ގުޅާ ވީހާވެސް ގިނަ މައުލޫމާތު އެ ބަޔާންތަކުގައި ހުންނަން ޖެހެ އެވެ. އެ ނަތީޖާ ހާސިލު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން މިހާރު ވަނީ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތުގެ ގަވައިދެއް ހަދައި ބުރާސްފަތި ދުވަހު ގެޒެޓުކޮށްފަ އެވެ.

ތަފްސީލީ އާ ފޯމެޓެއް

ފަނޑިޔާރަކު ނާޖާއިޒު ފައިދާ ހޯދި ކަމުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ތަހުގީގު ކުރަން ބޭނުން ކުރެވޭނެ އެންމެ މުހިންމު އެއް ވަސީލަތަކީ މާލީ ބަޔާނެވެ. މާލީ ބަޔާނުގައި ބަޔާންކޮށްފައި ނުވާ ފައިދާއެއް ލިބޭ ނަމަ އެއީ ނުބައެކެވެ. ކުރިންވެސް މާލީ ބަޔާން ހުށަހަޅާނެ ގޮތުގެ ފޯމެޓެއް ޖޭއެސްސީއިން އެކުލަވާލާފައިއޮވެ އެވެ. އެކަމަކު އެ ފޯމެޓު އޮންނަނީ ވަރަށް ބައިވަރު ކަންކަމުން ރެކިގަނެވޭ ގޮތަށެވެ. ނާޖާއިޒު ފައިދާ ހޯދައި ފޮރުވައިގެން އުޅެވޭނެ ގޮތަށެވެ. ޖޭއެސްސީއިން މާލީ ބަޔާނުގެ ފޯމެޓު ބަދަލު ކުރި އެއް ސަބަބަކީ އެއީ އެވެ.

އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އަދި ގަވައިދު އެކުލަވާލުމުގައި އިސްކޮށް އުޅުއްވި، އިޒްމީރާ ޝިހާމް ވިދާޅުވި ގޮތުގައި، އަލަށް ނެރުނު ގަވައިދުގެ ދަށުން ފަނޑިޔާރުން ވަރަށް ބައިވަރު މައުލޫމާތު ހިއްސާ ކުރަން ޖެހެ އެވެ. އާ މާލީ ބަޔާން މާ ތަފްސީލީ ވާނެ އެވެ. އެގޮތުން، ފަނޑިޔާރުންގެ އަމިއްލަ މާލީ ހާލަތުގެ އިތުރުން، އަނބިދަރިންގެ މާލީ ހާލަތުގެ މައުލޫމާތުވެސް ހާމަ ކުރަން ޖެހޭނެ އެވެ.

ޖޭއެސްސީއިން އެކުލަވާލި ގަވައިދުގައި ފަނޑިޔާރުންނަށް ހާއްސަ ފޯމަކާއި ފަނޑިޔާރުންގެ އަނބިން/ފިރިން އަދި ދަރިންގެ މާލީ ބަޔާނަށް ހާއްސަ ފޯމެއް ހިމަނާފައިވެ އެވެ. ކޮންމެ ދަރިއަކަށް އަދި އަންބަކަށް ވަކި ފޯމެއް ފުރަން ޖެހެ އެވެ. އަދި އަލަށް އައްޔަނުކުރާ ފަނޑިޔާރުންގެ މަސްލަހަތު ފުށުއެރުން ހާމަކުރުމަށް ވަކި ފޯމެއް އޮވެ އެވެ.

އަހަރުގެ ތެރޭގައި ފަނޑިޔާރުންނާއި، އެ މީހުންގެ އަނބިން/ފިރިން އަދި ދަރިންނަށް ލިބުނު ވިޔާފާރީގެ ފައިދާ އާއި، ކުލީގެ ގޮތުގައި ލިބުނު ފައިސާ އާއި، އިންޓްރެސްޓުގެ ގޮތުގައި ލިބުނު ފައިސާ އާއި، ކުންފުންނިން ލިބުނު ހިއްސާގެ ފައިދާވެސް އެ ފޯމުތަކުގައި ހިމަނަން ޖެހެ އެވެ. އަދި މިލްކިއްޔާތުގައި ނުވަތަ އަމިއްލަ ކުރުމުގެ މަރުހަލާގައިވާ ބިމާއި، ރޯހައުސް އާއި، ފްލެޓާއި، އެއްމެދު ގޯތި ނުވަތަ އިމާރާތް ފަދަ ތަންތަނާއި، އަމިއްލަ ނުވަތަ ހިއްސާވާ ރިޒޯޓު، ފަޅުރަށަށާއި ގެސްޓްހައުސްއާއި އުޅަނދުފަހަރާއި އޮޑިދޯނިފަހަރުގެ މައުލޫމާތު ޖަހަން ޖެހެ އެވެ.

މަސްލަހަތު ހިމެނޭ އެހެން މީހުންގެ އަތުގައި ރާއްޖެއިން ބޭރުގައި ހުންނަ އަމިއްލަ މުދަލާއި، ވިޔަފާރި އާއި، ފައިސާގެ ތަފްސީލުތައްވެސް އެ ފޯމުގައި ބަޔާން ކުރަން ޖެހެ އެވެ. ގަތް މުދަލާއި ވިއްކާލި މުދަލުގެ ތަފްސީލާއި، ކުރި ހަރަދުތަކުގެ ތަފްސީލާއި، ގެންގުޅޭ ބޭންކު ކާޑުތަކުގެ މައުލޫމާތާއި، ޒަކާތުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދާއި، ލިބުނު އެހީ އާއި ހަދިޔާ ފަދަ ކަންކަމުގެ ތަފްސީލުވެސް ފޯމުގައި ޖަހަން ޖެހެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރި ތަންތަންވެސް ލިޔަން ޖެހެ އެވެ.

ގަވައިދުގައިވާ ގޮތުން މާލީ ބަޔާނުގެ ފޯމު ފުރިހަމަ ކުރަން ޖެހޭނެ އެވެ. ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅައިފި ނަމަ ފުރިހަމަ ކުރުމަށްފަހު އަލުން ފޮނުވަން އަނބުރާ 14 ދުވަސް ދެވޭނެ އެވެ.

ހުށަނޭޅުމަކީ ސުލޫކީ މައްސަލައެއް، އޮޑިޓްވެސް ކުރެވޭނެ

ދެހާސްއަށާރައިގެ ކުރިން ހުރިހާ ފަނޑިޔާރުންނެއް ގަވައިދުން މާލީ ބަޔާން ހުށަނާޅުއްވަ އެވެ. އެކަން ފެށުނީވެސް 2018 ވަނަ އަހަރުގެ ބަޔާން 2019ގައި ހުށަހެޅި އިރު އެވެ. އެ ފަހަރުވެސް ދިހަ ވަރަކަށް ފަނޑިޔާރުން މާލީ ބަޔާން ހުށަނާޅުއްވައިގެން އެކަމަށް އިތުރު ފުރުސަތު ދޭން ޖެހުނެވެ. އެކަމަކު، ޖޭއެސްސީއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ބަޔާންތައް މި އަހަރު ވަނީ ހުށަހަޅާފަ އެވެ.

މީގެ ކުރިން މާލީ ބަޔާން ހުށަނޭޅުމަކީ މައްސަލައެއް ނޫނެވެ. އެކަން އޮތީ އެ ފަނޑިޔާރެއްގެ އިހްތިޔާރު ކަމެއްގެ ގޮތަުގަ އެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކުރަން އަންގާފައި އޮންނަ ކަމަކަށް ވިޔަސް މީގެކުރިން މާލީ ބަޔާން ހުށަނާޅައިގެން ޖޭއެސްސީއިން މައްސަލައެއް ބަލާފައިވެސް ނުވެ އެވެ. ނަމަވެސް ޖޭއެސްސީން ބުނަން އެކަން ދެން އެހާ ލުއިކޮށް ނުނަގާނެކަމަށެވެ.

މާލީ ބަޔާނާ ގުޅޭ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ކޮންމެ އަހަރެއްގެ މާލީ ބަޔާން ހުށަނޭޅުމަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލިދާނެ ކަމެކެވެ.

އެސްޖީ އިޒްމީރާ ވިދާޅުވި ގޮތުގައި، އެ ގަވައިދުގެ ދަށުން މާލީ ބަޔާނުގައިވާ ކަންކަން ވެރިފައި ކުރުމުގެ ނުވަތަ ތެދުތޯ ކަށަވަރު ކުރުމުގެ މަސައްކަތް ޖޭއެސްސީއިން ކުރާނެ އެވެ.

އޭގެ އިތުރުން، އެ ކޮމިޝަނުން ބޭނުން ނަމަ ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއިޓުގެ ހުއްދަ ލިބިފައިވާ އޮޑިޓަރަކު ލައްވައި މާލީ ބަޔާން އޮޑިޓްވެސް ކުރެވިދާނެ އެވެ.

"ސުވާލު އެފެދޭ ކަމެއް ފެނިއްޖެ ނަމަ އޮޑިޓަކަށްވެސް އަޅުގަނޑުމެންނަށް ދެވިދާނެ،" އިޒްމީރާ ވިދާޅުވި އެވެ.

އިޒްމީރާ ވިދާޅުވި ގޮތުގައި، ޖޭއެސްސީއިން މާލީ ބަޔާން ބެލުމުގެ ތެރޭގައި ސުވާލު އުފެދޭ ކަމެއް ފާހަގަ ކުރެވިގެން ހަދާ އޮޑިޓަކުން މާލީ ބަޔާނުގައި ދޮގެއް ހަދާފައި އޮތްކަން ފާހަގަވެއްޖެ ނަމަ، ނުވަަތަ ކަމެއް ހިމަނާފައި ނެތްކަން ފާހަގަވެއްޖެ ނަމަ އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލާނެ އެވެ. އަދި ކޮރަޕްޝަން ނުވަތަ ރިޝްވަތުގެ އަމަލެއް ފާހަގަކުރެވިއްޖެއް ނަމަ ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން މައްސަލަ ބަލާނެ އެވެ.

"އަޅުގަނޑުމެންނަށް ނޭދެވޭ ކަމެއް ފާހަގަ ކުރެވިއްޖެ ކަމަށް ވިއްޔާ، ސުލޫކީ މައްސަލަ ބެލޭނެ. ހަމަ އެެއާއެކު ކޮރަޕްޝަން އެކަހަލަ ކަމެއް އޮތިއްޔާ އަޅުގަނޑުމެންނަށް ގުޅުންހުރި ތަހުގީގީ އިދާރާއަކަށް ފޮނުވޭނެ،" އިޒްމީރާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީއިން ނިންމި އެއް ސަބަބުގެ ތެރޭގައި އޭނާ މާލީ ބަޔާނަށް ދޮގު ހެދުން ހިމެނެ އެވެ. އޭނާގެ މާލީ ބަޔާނުގައި އޮތީ ޕްރައިވެޓު އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް ނޯންނަ ކަމަށެވެ. އެކަމަކު، ހުށަހެޅި މައްސަލައަކާ ގުޅިގެން ޖޭއެސްސީއިން އެކަން ބެލި އިރު އަމިއްލަ ކުންފުންޏެއްގައި އޭނާގެ ހިއްސާ އޮވެ އެވެ. ހިއްސާ ގެންގުޅުމަކީ ހުއްދަ ކަމެކެވެ. ނަޖީބުގެ މައްސަލައަކަށްވީ އޭނާ މާލީ ބަޔާނުގައި އެކަން ބަޔާންކޮށްފައި ނެތުމެވެ.

ފަނޑިޔާރުންގެ މާލީ ބަޔާނުގެ ކަންކަމަކީ އާދައިގެ ގޮތަކަށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. އެ މީހުންގެ މާލީ ކަންކަން ހާމަކުރަން ޖެހެ އެވެ. އެއީ، ފަނޑިޔާރުގެ ގޭގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމުގެ އަސާސީ ފިޔަވަޅެއް ކަމަށް ވެސް ބުނެވިދާނެ އެވެ.

comment ކޮމެންޓް