ކަޝްމީރުގެ ލޯކަލް އިންތިހާބަށް ފަހު އިންޑިއާއިން 75 މީހަކު ހައްޔަރުކޮށްފި

އިންޑިއާއިން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް މިދިޔަ އަހަރުގެ އޮގަސްޓު މަހު އުވާލާފަ --- ފޮޓޯ: އޭޕީ

ސްރީނަގަރު (ޑިސެމްބަރު 26): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި، ފާއިތުވި ދުވަސްތަކުގައި ބޭއްވި ލޯކަލް ޑިސްޓްރިކްޓް ކައުންސިލް އިންތިހާބަށް ފަހު އެގައުމުން 75 މީހަކު ހައްޔަރުކޮށްފި އެވެ.

ކަޝްމީރުގައި މިދިޔަ މަހުގެ 28 އާއި މި މަހުގެ 19އާ ދެމެދު ބޭއްވި ޑިސްޓްރިކްޓް ކައުންސިލް އިންތިހާބަކީ އިންޑިއާއިން އެ ސަރަހައްދަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލި ފަހުން ކަޝްމީރުގައި ބޭއްވި ފުރަތަމަ އިންތިހާބެވެ.

އެ އިންތިހާބުގައި ޑިސްޓްރިކްޓު ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމާ ދެކޮޅު ސަރަހައްދީ ޕާޓީތައް ހިމެނޭ ޕީޕަލްސް އެލަޔަންސް ފޯ ގުޕްކާރު ޑިކްލަރޭޝަން (ޕީއޭޖީޑީ)އިންނެވެ. އެ ގޮތުން އެ އެލަޔަންސަށް 280 ގޮނޑީގެ ތެރެއިން 112 ގޮނޑި ލިބުނު އިރު އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އަށް ލިބުނީ 74 ގޮނޑި އެވެ.

އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުން އިންޑިއާއިން ވަނީ ކަޝްމީރުގެ ބައެއް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހިމެނޭ ގޮތަށް 75 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ހައްޔަރު ކުރީ މުޒާހަރާތަކާއި ހަމަނުޖެހުންތައް ފެށުމުގެ ބިރު އޮތުމުން، އެފަދަ ކަންތައްތަކަށް ފުރުސަތު ނުދިނުމަށް ކަމަށް އިންޑިއާގެ ފުލުހަކު ވިދާޅުވި ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރި އެވެ.

މީގެ ކުރިން އަމިއްލަ ގާނޫނު އަސާސީއެއް އޮތް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އުވާލާފަ އެވެ. އަދި ކަޝްމީރަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފަ އެވެ.

އެ ބަދަލު ގެނައުމުގެ ކުރިންނާއި ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށްފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާފައި ބޭއްވި އެވެ.

comment ކޮމެންޓް