ރިޝްވަތުން ދުރުވެ، މީހުން އެކަމުން ދުރުކުރަން މަސައްކަތް ކުރުމަކީ ވާޖިބެއް: ހުތުބާ

ތިމާމީހާ ރިޝްވަތުން ދުރުވެ، އެހެން މީހުންވެސް ރިޝްވަތުން ދުރުކުރަން މަސައްކަަތް ކުރުމަކީ ވާޖިބުވެގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ، ދުނިޔޭގައި ވެތުރިފައިވާ ވަބާތަކުގެ ތެރެއިން ފިލުވާލަން އުނދަގޫވެފައިވާ އެއް ވަބާ އަކީ ރިޝްވަތުގެ ވަބާ ކަމަށެވެ. ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތުގެ އަމަލުތައް އާންމުވެފައިވާއިރު ބައެއް މުޖުތަމައުތަކުގައި ރިޝްވަތާ ނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ހުތުބާގައިވެ އެވެ.

ރިޝްވަތުގެ ސަބަބުން ތަނުގެ އަދުލު އިންސާފު ގެއްލި، އެތައް ބަޔަކަށް ލިބެން ޖެހޭ ހައްގުތައް ނުލިބި، އެއް ބައެއްގެ ކަންތައްތައް ލަސްވެ، އަނެއް ބައެއްގެ ކަންތައްތައް އަވަސްވެގެންދާ ކަމަށް ހުތުބާގައިވެ އެވެ. އަދި އެއް ބަޔަކަށް ހައްގުވާ އެތައް ކަމެއް އެ ބަޔަކަށް ނުލިބި ހައްގު ނުވާ ބަޔަކަށް ލިބިގެންދާ ކަމަށް ބުނެފައިވެ އެވެ.

އެއްވެސް ގައުމެއްގައި ރިޝްވަތު އާންމުވެއްޖެ ނަމަ އެ ގައުމަކަށް ތަދުމަޑުކަން ނައިސް ނުދާނެ ކަމަށްވެސް ބުނެފައިވެ އެވެ. ރާއްޖެވެސް އެ ވަބާގައި ޖެހިފައިވާ ކަމަށް ހުތުބާގައިވެ އެވެ.

"މި ހުރިހާ ކަންކަމަކީވެސް ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔުމަށް މެދުވެރިވަމުންދާ ކަންކަމެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުވެސް މި ނުރައްކާތެރި ވަބާގައި ވަނީ ޖެހިފަ އެވެ. ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމަކަށް މުޖުތަމައުގެ ބައެއް މީހުން ވަނީ ދެކެން ފަށާފަ އެވެ،" ހުތުބާގައި ބުންޏެވެ.

ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަން ހުތުބާގައި ފާހަގަކުރި އެވެ. އަދި އެއީ ސީދާ ކީރިތި ގުރުއާނުގައި ހަރާމްކޮށްފައިވާ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.

އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތްﷲގެ ލައުނަތް ހައްގުވެގެންވާ ކަމަށް ކީރިތި ރަސޫލާ (ސއވ) ހަދީސްކުރައްވާފައިވާކަން ފާހަގަކުރި އެވެ. މީހެއްގެ ހަށިގަނޑަކީ ރިޝްވަތު ކައިގެން އުފެދުނު ހަށިގަނޑެއް ނަމަ އެ މީހަކު ސުވަރުގެއަށް ނުވަންނާނެ ކަމަށާއި އެ މީހަކަށް އެންމެ އައުލާވެގެންވަނީ ނަރަކަ ކަަމަށް ކުރެއްވި ހަދީސެއްވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، އެކަމުން ދުރުވެ، އެކަމުން އެހެން މީހުން ދުރުކުރަން މަސައްކަތް ކުރުމަކީ ވާޖިބެއް ކަމަށް ބުނެފައިވެ އެވެ.

"ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެން ވަނީ މިކަމުން ދުރުހެލިވެ، އެހެން މީސްތަކުންވެސް މިކަމުން ދުރުހެލިކުރުމަށް މަސައްކަތްކޮށް، އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދިނުމެވެ. އެކަމުގެ ނުބައިކަން ބޮޑުކަމާއި، އެކުލެވިގެންވާ ފަސާދައިގެ ބޮޑުކަން، އަދި އެކަމުގެ ސަބަބުން ފަހުން ލިބިދާނެ ހިތި ނަތީޖާތަކުގެ ވާހަކައިން މީސްތަކުން ހޭލުންތެރިކުރުވުމެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި ރިޝްވަތަށް މަގުފަހިވާ އެއް ސަބަބަކީ މީހާގެ އީމާންތެރިކަން ނެތުމެވެ. ރިޒުގު ދެއްވާ ފަރާތަކީ މާތްﷲކަން ހަނދާން ނެތުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރީ ލިބޭ މިންވަރަށް އީމާން ނުވުމެވެ.

comment ކޮމެންޓް