އަޔޫޝްމަން އަށް އަނެއްކާވެސް އާ ފިލްމެއް، ފިލްމުގެ ނަމަކީ "ޑޮކްޓަރު ޖީ"

އަޔޫޝްމަން ދެން ކުޅޭ ފިލްމަކީ ޑޮކްޓަރު ޖީ

ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ފިޔަޖަމުން އަންނަ ތަރި އަޔޫޝްމަން ކުރާނާ އަނެއްކާވެސް އާ ފިލްމަކަށް ސޮއިކޮށްފިއެވެ.

ފުލުފުލުގައި ޕްރޮޖެކްޓްތަކަށް ސޮއިކުރަމުން އައި އަޔޫޝްމަން މިފަހަރު ސޮއިކުރީ އަނޫބުތީ ކަޝޭޕްގެ ފިލްމަކަށެވެ. ތަފާތު ފިލްމުތަކަކުން އަޔޫޝްމަން ފެންނައިރު މިފަހަރުވެސް އޭނާ މި ފިލްމުގައި ފެނިގެންދާނީ ވަރަށް ތަފާތު ރޯލަކުންނެވެ. "ޑޮކްޓަރު ޖީ"ގެ ނަމުން ނަންދީފައިވާ މި ފިލްމު ޕްރޮޑިއުސްކުރާނީ ޖަންގްލީ ޕިކްޗާޒްއިންނެވެ.

ޑޮކްޓަރެއްގެ ކެރެކްޓަރު އަޔޫޝްމަން ކުޅޭ މި ފިލްމުގެ ސްކްރިޕްޓާ މެދު ޝައުގުވެރިކަން އުފެދުނީ ފިލްމުގައި ކޯޓުލައިގެން ޑޮކްޓަރެއްގެ ރޯލު ކުޅެންޖެހޭތީ ކަމަށް އަޔޫޝްމަން ބުންޏެވެ. ޑޮކްޓަރެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެއް ނަމަވެސް މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ އިބުރަތްތެރި ފިލްމެކެވެ.

އަޔުޝްމާން އެންމެ ފަހުން ފެނިގެންދިޔައީ އަމީތާބު ބައްޗަން އާއެކު "ގުލާބޯ ސިތާބޯ" އިންނެވެ. އަޔޫޝްމަން މިހާރު މަސައްކަތް ކުރަމުން އަންނަނީ "ޗަންދީގަރު ކަރޭ އާޝިގީ" ގެ މަސައްކަތެވެ. ވާނީ ކަޕޫރާއެކު އޭނާ ފެނިގެންދާ މި ފިލްމުގެ ޝޫޓިންގް މިހާރު ވަނީ ނިންމާލާފައެވެ. ލޯބީގެ ޖޯންރާގެ މި ފިލްމުން އަޔުޝްމާން ފެނިގެން ދަނީ އެތުލީޓެއްގެ ރޯލެވެ. އަދި ފިލްމަށް އަޔުޝްމާން ވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެސްފައެވެ.

comment ކޮމެންޓް