ސީލައިފަށް 12 މިލިއަން ޑޮލަރު ނަގައިދެވޭނެ ސަބަބެއް ނެތް: ސިވިލް ކޯޓު

ސިވިލް ކޯޓު--

ސެޓްލްމަންޓުގެ ގޮތުގައި ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް، ދައުލަތުން އެއްބަސްވި 12 މިލިއަން ޑޮލަރު ނަގައިދޭން އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސީލައިފް ފަރާތުން ހައުސިން މިނިސްޓްރީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދައުވާ އުފުލީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ސޮއިކުރި ސެޓްލްމަންޓް އެގްރީމަންޓުގައިވާ ގޮތުގެ މަތިން، އެ ކުންފުންޏަށް ދައުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު ދައްކަން އަމުރެއް ހޯދުމަށެވެ.

އަށްޑިހަ ހައުސިން ޔުނިޓު އެޅުމަށް ސީލައިފް އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލްކޮށް ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރީ 2018 ވަނަ އަހަރު އެވެ.

އެ އެގްރީމަންޓުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާ އެކު މާޗު މަހު އެގްރީމަންޓު ބާތިލްކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި، ސެޓްލްމަންޓް އެގްރީމަންޓަކީ ސީލައިފުން ކޮށްފައިވާ ހަރަދުތަކާ އެކަށީގެންނުވާ ބޮޑު ބަދަލެއް ނާޖާއިޒު ގޮތުގައި ދިނުމަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުލަވާލަފައިވާ އެގްރީމަންޓެއް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކަނޑައަޅާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެއްބަސްވުމުގައި ބުނެފައި ވަނީ، ސީލައިފް އިން ހަރަދުކުރި 3.4 މިލިއަން ޑޮލަރުގެ ބަދަލުގައި 12 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން އެއްބަސްވާ ކަމަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރި ތާރީހާމެދު ސީލައިފުން ވަނީ ސުވާލުއުފައްދައިފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެގްރީމަންޓު ހެދި މަގްސަދާއި، ފައިސާގެ އަދަދާއި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން ދިމާވާތީ، އެގްރީމަންޓުގައި ސޮއިކުރި ތާރީހު ނުބައިކޮށް އޮތް އޮތުމުގެ މައްޗަށް އެކަނި ބަލައި ރިއާޔަތްކުރެވޭނެ ސިޓީއެއް ކަމަށް ޝަރީއަތަށް ބުރަނުވެވޭ ކަމަށް ބުނެފައިވެ އެވެ.

ސީލައިފުން ދެން ބުނެފައި ވަނީ، އެގްރީމަންޓުގައި ސަރުކާރުން ސޮއިކުރީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށާއި، އެއްބަސްވުމުގެ އަދަދަށް ވާސިލްވި ގޮތް ވެސް އެނގޭނެ ކަމަށެވެ.

އަދި އެއްބަސްވުން ކުރިއަށް ނުގެންދެވުގެ ސަބަބުން، އެ ކުންފުނި ކުރި ހަރަދުގެ ގޮތުގައި 41 މިލިއަން ޑޮލަރު ޖެހޭ ކަމަށާއި އަދި މުޅި ޖުމްލަ ހަރަދު 44 މިލިއަން ޑޮލަރަށް އަރާކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން ބަދަލުގެ ގޮތުގައި ދެން އެއްބަސްވި 12 މިލިއަން ޑޮލަރަކީ އެކަށީގެންނުވާ ބޮޑު އަދަދެއް ކަމަށް ދައުލަތުން ބުނުމަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ވެސް ސީލައިފުން ބުންޏެވެ.

ދައުލަތުން ބުނީ، ސެޓްލްމަންޓް އެގްރީމަންޓުގައި ސީލައިފުން 3.4 މިލިއަން ހަރަދުކުރި ކަމަށް ލިޔެފައި އޮތަސް، ސީލައިފުން ހަރަދުކުރީ 1.1 މިލިއަން ކަން އެސެޓް ރިކަވަރީ ކޮމިޝަނަށް ހައުސިން އިން ހުށަހެޅި ލިޔުންތަކުން އެނގޭ ކަމަށެވެ.

ހަމައެއާ އެކު ސީލައިފުން ކުރި ހަރަދުތައް ރަނގަޅަށް ބެލުމެއް ނެތި، އެ ކުންފުނިން 3.4 މިލިއަން ހަރަދުކުރި ކަމަށް އެއްބަސްވުމުގައި ބުނެފައި ވަނީ، ކުރި ހަރަދާ ނުބައްދަލު ބަދަލެއް ނާޖާއިޒްގޮތުގައި ހޯދައިދިނުމަށް ކަމަށް ބެލެވޭ ކަމަށް އެސެޓް ކޮމިޝަނުން ބުނެފައި ވާތީ، ސެޓްލްމަންޓް އެގްރީމަންޓުގައި ބުނެފައިވާ އަދަދު ރަނގަޅު ކަމަށް ސިޓީއެއްގައި ބަޔާންކޮށްފައި އޮތް އޮތުމަށް އެކަނި ބަލައި އެ އަދަދު ސައްހަ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސިވިލް ކޯޓުން ބުނީ އަދަދު ސައްހަ ކަމަށް ބުނެ ސީލައިފް އިން ފާހަގަކުރާ ހަމައެކަނި ކަމަކީ، އަދަދު ކަށަވަރު ކުރުމަށް ހައުސިން މިނިސްޓްރީއަށް ފުރުސަތު ލިބިދީފައިވާ ކަމެވެ.

ނަމަވެސް އަދަދު ކަށަވަރު ކުރުމަށް އަނެއް ބައިވެރިޔާއަށް ފުރުސަތު ލިބިދީފައި ވީީނަމަވެސް، އެ އަދަދު ސައްހަކަމުގައި ނުވާ ނަމަ، އެ އަދަދަށް ފައިސާ ދިނުން ލާޒިމުނުކުރެވޭނެ ކަމަށާއި އެފަދައިން ލާޒިމުކުރުމަކީ ނުހައްގު މަންފާއެއް ލިބިދިނުން ކަމަށެވެ.

އަދި ސީލައިފުން ކުރި ހަރަދުގެ ގޮތުގައި އެގްރީމަންޓުގައި ބަޔާންކޮށްފައިވާ އަދަދަކީ ސައްހަ އަދަދަކަށް ނުވާ ނަމަ އެގްރީމަންޓް ބާތިލްކުރެވިދާނެ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަމުން އެގްރީމަންޓުގައި ސޮއިކުރި ކުރުމަށް ބަލައި، ސީލައިފަށް ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި އަދަދު ނަގައިދެވޭނެ ކަމަށް ޝަރީއަތަށް ބުރަވަވެން ނެތުމުން އެގްރީމަންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް