އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ ނުނިމެނީސް އޭނާއަށް ރައްދުވާ އެއްވެސް މައްސަލައެއް ނުބޭއްވުމުގެ އަމުރަކަށް އެދެފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ "ހޭބިއަސް ކޯޕަސް"ގެ މައްސަލަ ނުނިމެނީސް އަބްދުﷲ ގާޒީއަށް ރައްދުވާ ގޮތަށް އެއްވެސް މައްސަލައެއް ކުރިޔަށް ނުގެންދެވޭނެ ކަމުގެ އަމުރެއް ނެރެ ދިނުމަށް އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ.

އަބްދުﷲ ގާޒީގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ހ. މީނާޒު، މައުމޫން ހަމީދު ސޮއިކުރައްވާ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނަނީ ގާނޫނާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ "ހޭބިއަސް ކޯޕަސް" މައްސަލަ އެ ކޯޓުން ނުނިމެނީސް އަބްދުﷲ ގާޒީއަށް ރައްދުވާ ގޮތަށް އެއްވެސް ކޯޓެއްގައި މައްސަލައެއް ކުރިޔަށް ނުގެންދެވޭނެކަމުގެ އަމުރެއް ގާނޫނޫ އަސާސީން ސުޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން "މިހިނދުން މިހިނދަށް" ނެރެދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ މުވައްކިލު ގާނޫނީ ނިޒާމުން ގެއްލުވާލާފައިވާ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހުށައެޅިފައިވާ 'ހޭބިއަސް ކޯޕަސް' މައްސަލަ އެ ކޯޓުން ނުނިމެނީސް އަޅުގަނޑުގެ މުވައްކިލަށް ރައްދުވާ ގޮތަށް އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ސުޕްރީމްކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިހުތިސޯސްގެ ދަށުން އެފަދަ އަމުރެއް މި ހިނދުން މި ހިނދަށް ނެރެދެއްވުން އެދި އަދަބުވެރިކަމާއެކު ދެންނެވީމެވެ،" މައުމޫން ހަމީދުގެ އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ބުނަނީ އަބްދުﷲ ގާޒީ އަށް ރައްދުވާގޮތަށް އެކި ކޯޓުތަކަށް މައްސަލަ ހުށަހެޅުމަށް އެކިފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް މީޑިއާއިން އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ގާނޫނާއި ޚިލާފަށް އަބްދުﷲ ގާޒީ ބަންދުކޮށްފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ "ހޭބިއަސް ކޯޕަސް" ގެ މައްސަލަ ހިންގިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ "ހޭބިއަސް ކޯޕަސް" ގެ މައްސަލަ ނުނިމެނީސް އަބްދުﷲ ގާޒީ އަށް ރައްދުވާ މައްސަލައެއް އެހެން ކޯޓެއްގައި ގެންގޮސްފި ނަމަ އެއީ ގާނޫނުން އަބްދުﷲ ގާޒީއަށް ލިބިދޭ ރައްކާތެރިކަން ނިގުޅައިގަތުން ކަމަށްވާއިރު، ގާނޫނާއި ޚިލާފަށް ހައްޔަރުކުރުމަށްފަހު ގާނޫނުގެ ދަށުން ކަމަށްބުނެ އަބްދުﷲ ގާޒީއަށް ރައްދުވާ މައްސަލަތައް ކުރިއަށް ގެންދެވޭނެ އަދުލު އިންސާފްގެ އެއްވެސް ހަމައެއް ނޯންނާނެކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ގައުމީ ދިފާއީ ބާރުން އަބްދުﷲ ގާޒީ ހައްޔަރުކުރިތާ މިއަދަށް މިވަނީ 10 ދުވަސް ވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު