ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޗެންޕިއަންޝިޕްގައި ސައިރިކްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ)އިން ރޭ ހޯދި ނަތީޖާއާމެދު ހިންހަމަޖެހޭ ކަމަށާއި، ބޭނުމަކީ ސައިރެކްސް ސްޕޯޓްސް އެކެޑެމީއެއް އުފެއްދުން ކަމަށް ސައިރިކްސް ކޮލެޖްގެ ވެރިޔާ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބީއޭއެމް މިކްސްޑް ޓީމް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ސީއާރްސީއަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ވިޔަސް، ޝަރީފް ވިދާޅުވީ އެ މުބާރާތަކީ ހަމައެކަނި ކުޅުންތެރިންނަށް ތަޖުރިބާ ހޯދަދިނުމަށް ބައިވެރިވި މުބާރާތެއް ކަމަށެވެ. އަދި މިއީ ސީއާރުސީގެ ފެށުން ކަމަށާއި، އުންމީދަކީ ކުރިއަށް އޮތްތާ ބެޑްމިންޓަނާއި އިތުރު ކުޅިވަރުތަކުން ބޮޑެތި ކާމިޔާބީތައް ހޯދުމާއި ތަމްރީނނުތައް ދިނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ސައިރިކްސް ކޮލެޖަކީ އަބަދުވެސް އިންޓަ ކޮލެޖް އަދި ޔުނިވާސިޓީ މުބާރާތްތަކުގައި ބައިވެރިވާ ކޮލެޖެއް، މީގެ ކުރިން އަޅުގަނޑުމެން އެފަދަ މުބާރާތްތަކުގައި ބައިވެރިވީ ސައިރިކްސްގެ ނަމުގަ. ނަމަވެސް މި އަހަރު އަޅުގަނޑުމެން ވާނީ ކްލަބެއްގެ ގޮތުގައި ސީއާރްސީ ރަޖިސްޓްރީކޮށްފައި. އަދި ބެޑްމިންޓަނަކީ އަޅުގަނޑުވެސް ކުޅޭ ކުޅިވަރަކަށް ވުމާއި އެކު، އަޅުގަނޑުމެން ފުރަތަމަ މި ފެށީ ބެޑްމިންޓަނުން،" ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން ސައިރިކްސް ކޮލެޖުން ވަނީ ފުޓްބޯޅަ އާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯލް ފަދަ ކުޅިވަރުތަކުން އިންޓަ ކޮލެޖް އަދި ޔުނިވާސިޓީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އަދި މި އަހަރު އަލަށް ސައިރިކްސްގެ ފަރާތުން ސްޕޯޓްސް ކްލަބެއް ރަޖިސްޓްރީ ކޮށްފައި ވާއިރު، ޝަރީފް ވިދާޅުވީ އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ސައިރިކްސް ސްޕޯޓްސް އެކެޑެމީއެއް އުފެއްދުން ކަމަށެވެ.
"ސައިރިކްސްގެ ފަރާތުން ކުޅިވަރުގައި ކުދިންނަށް ފުރުސަތުތައް ހޯދަދިނުން އެއީ އަޅުގަނޑު ވަރަށް ކުރަން ބޭނުންވާ ކަމެއް. އެގޮތުން އަޅުގަނޑު ވާނީ ގައުމީ ފެންވަރުގެ ކޯޗުންނާވެސް މިކަމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި، ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމައްޓަކައި. އަދި ސައިރިކްސްގެ ފަރާތުން ސްޕޯޓްސް އެކެޑެމީއެއް އުފައްދާ، އަތޮޅު ތެރެއިންވެސް ކުދިން މާލެ ގެނެސް ފުރުސަތުތައް ހޯދައިދީ، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އެ ކުދިން ބައިވެރިކުރުން އެއީ އަޅުގަނޑުމެންގެ ބޭނުމަކީ،" ޝަރީފް ވިދާޅުވި އެވެ.
އޭގެ އިތުރުން ސައިރިކްސް އަކީ ބެޑްމިންޓަނުގައި ވަރުގަދަ ބާރަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށާއި، އެގޮތުން ކުޑަކުދިންނާއި ޒުވާނުންނާއި އަންހެން ކުދިން މި ކުޅިވަރަށް ޝައުގުވެރިކޮށް، ކުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި އަތޮޅުތެރެ ހިމެނޭ ގޮތަށް ވާދަވެރި މުބާރާތްތަކާއި ތަމްރީނުތައް ކުރިއަށް ގެންދަން ރާވަމުން ދަކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.