ރާއްޖެ އަންނަ ޔޫކޭ ފަތުރުވެރިންގެ އަދަދަށް އަސަރެއް ނުކުރޭ: ޓްރެވަލް އެޖެންޓުން

ޑިސެމްބަރު 17، 2020: ވެލާނާ އެއާޕޯޓަށް އައި ފަތުރުވެރިން- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސްގެ އައު ވައްތަރެއް އިނގިރޭސިވިލާތުގައި ފެތުރެމުންދިޔަ ނަމަވެސް އެގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އަދި މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ބައެއް ޓްރެވަލް އޭޖެންސީތަކުން ބުނެފި އެވެ.

އެކަމާ ގުޅޭ ގޮތުން "ސަން"އާ މައުލޫމާތު ހިއްސާކުރި ޓްރެވަލް އެޖެންސީތަކުން ބުނި ގޮތުގައި މިހާތަނަށް ކޮންފާމް ކޮށްފައި ހުރި ބުކިންތަކަށް އެއްވެސް ކެންސަލޭޝަނެއް ނާދެ އެވެ.

"ބުކިންތަކުން ކެންސަލޭޝަނެއް ނާދެ. މިފަހުން ކުއްލިއަކަށް ބުކިންތައް އިތުރުވެސްވި ޔޫކޭ ލޮކްޑައުންއަކަށް ގޮސްދާނެތީ. އެހެން ނަމަވެސް އައު ބުކިންތައް ލިބޭވަރު އެބަ މަދުވޭ." އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަނީ ނެގެޓިވް ޕީސީއާރު ޓެސްޓު ހުށަހަޅައިގެންކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ އައު ބުކިން ލިބޭ މިންވަރު މަދުވަނީ ހަމައެކަނި ކޮރޯނާގެ އައު ވޭރިއެންޓެއް އިނގިރޭސިވިލާތުގައި ފެތުރޭތީ ނޫން ކަމަށެވެ.

"އިންކުއަރީއަށް އަހާފައި ކޮންފާމް ވާ އިންބައުންޑް ބުކިންސް ކުރިން ހުރީ 50 ޕަސެންޓުގައި. މިހާރު 33 ޕަސެންޓަށް ދަށްވެއްޖެ. މިހެން ދިމާވޭ ރިސޯތުތައް ފުލްވެ، ފްލައިޓްތަކުން ޖާގަ ނުލިބޭތީ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑަށްފަހު ރާއްޖެއަށް އަންނަ އެއާލައިންތަކަށް ދިން ލުއިތަކުގެ ސަބަބުން ވެސް ފަތުރުވެރިން އައުން މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވީއައިއޭއަށް އަންނަ ފްލައިޓްތަކަށް ހިލޭ ލޭންޑުކުރުމާއި ޕާކިން ދީފައި އޮތީ ލުއިތަކެއްގެ ގޮތުން. ފަހުން އެ ލުއިތަކަށް ބަދަލެއް ނާދޭ. ދެން ވާ ގޮތަކީ ހެނދުނު ޖައްސާ ބޮޑެތި ފްލައިޓްތައް ހަވީރު ވަންދެން ވެސް އޮންނަނީ ޕާކުކޮށްފައި. އިތުރު ފްލައިޓްތަކަށް ލޭންޑުކޮށްފައި ޕާކުކުރާނެ ޖާގައެއް ނެތް. މިހެން ވުމުގެ ސަބަބުން އެއާޕޯޓު ބާރުބޮޑުވޭ ވަރަށް ބޮޑަށް." ފިރާގު ވިދާޅުވި އެވެ.

އޭނާ ލަފާކުރެއްވި ގޮތުގައި މިހާރު ހުރި ކޮންފާމް ކޮށްފައިހުރި ބުކިންތަކާއެކު ޔޫކޭ މާކެޓު ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހަށް (ޖެނުއަރީ 15އާ ހަމައަށް) ހިފަހައްޓާލެވޭނެ އެވެ.

ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތުވެސް ވިދާޅުވީ މިހާރު ހުރި ބުކިންތަކުން ކެންސަލޭޝަނެއް ނުލިބޭ ކަމަށެވެ.

"ބުކިންސް އާދޭ، ރޫމް ނުލިބޭ މައްސަލަ އޮތީ. ހުޅުވާފައި ހުރި ހުރިހާ ރިސޯޓުތައް ފުރިފައި މިއޮތީ. ފަތުރުވެރިން ކިއުގައި ތިބީ ރާއްޖެއަށް އަންނަން." ރިއްފަތު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސްގެ އައު ވައްތަރެއް ފެތުރެން ފެށުމުން ބޭރުގެ ބައެއް ގައުމުތަކުން ދަނީ އެގައުމާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑަމުންނެވެ. އޭގެ ތެރޭގައި ގިނައީ ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކެވެ.

comment ކޮމެންޓް