ޝަޒައިލްއަށް މަނީ ލޯންޑަރިންގެ ތުހުމަތު، މައްސަލަ ފުލުހަށް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް --- ފޮޓޯ/ ފޭސްބުކް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ކުރެވުނު މައްސަލަ އެންޓިކޮަރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރުމުގެ ތެރެއިން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވި އެ މައްސަލަ އެ ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ޝަޒައިލްއަށް ތުހުމަތު ކުރެވޭ ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފެށީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ރައީސް އޮފީހުން އޭސީސީއަށް ފޮނުވި އެވެ. އަދި އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރު އޮކްޓޯބަރު މަހު 16 ވަނަ ދުވަހުން ފެށިގެން އަދިވެސް އޭނާ ހުންނެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނެއްގަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު މިއަދު "ސަން"އަށް ވިދާޅުވީ، ޝަޒައިލްއަށް ތުހުމަތު ކުރެވުނު ރިޝްވަތުގެ މައްސަލައެއް ބެލުމުގެ ތެރެއިން ފާހަގަ ކުރެވުނު މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައަކީ ސީދާ ޝަޒައިލްއަށް ތުހުމަތުވާ މައްސަލައެއްކަން އޭސީސީއިން ނުބުނި ނަމަވެސް، އެ މައްސަލައިގައި ޝަޒައިލްއަށް ތުހުމަތު ކުރެވޭކަން ވަނީ ޔަގީންވެފަ އެވެ.

މަނީ ލޯންޑަރިންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އޭސީސީއަކަށް ނޯވެ އެެވެ. އޭސީސީއިން ފުލުހުންނަށް އެ މައްސަލަ ފޮނުވީ އެހެންވެ އެވެ.

ހަސަން މިއަދު އިތުރަށް ވިދާޅުވީ، ޝަޒައިލްގެ ރިޝްވަތުގެ މައްސަލަ ބަލައި، އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން ކޯޓު އަމުރެއްގެ ދަށުން ޝަޒައިލްގެ ފޯނު އަތުލި އިރު އެ ފޯނު އޮތީ މައުލޫމާތު ނުލިބޭ ގޮތަށް ރިސެޓުކޮށް އޭގައިވާ މައުލޫމާތުުތައް ފޮހެލައިފަ އެވެ.

މޯލްޑިވް ގޭސްގެ އިތުރު ތިން މައްސަލައެއް ފާހަގަ ކުރެވިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އެއީ، އެ ކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކު ކުރެވޭ ފައިސާތަކެއް ޖަމާވި މައްސަލައަކާއި، މުވައްޒަފަކު ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުުމަތު ކުރެވޭ މައްސަލައަކާއި، މަރާމާތުގެ މަސައްކަތެއް ހަވާލު ކުރުމުގެ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ޝަޒައިލް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައިވެ އެވެ. އެ ސަރުކާރުގައި، ޓުރައަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

comment ކޮމެންޓް