ޝެޑިއުލްގެ ތާށިކަމާ ހުރެ ޓުޗެލްގެ ބޮލުގެ ރިހުން ގަދަވެއްޖެ

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް --- ފޮޓޯ/އޭޕީ

ފްރެންޗް ލީގުގެ މެޗުތަކުގެ ޝެޑިއުލްތައް އޮންނަ ގޮތުން ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް ރެސްޓް ނުލިބި، ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ލީގުގައި ރޭ ލިލް އަތުން 0-0 އިން އެއްވަރުވި މެޗަކީ ޓުޗެލް ކޯޗުކަމާ ހަވާލުވި ފަހުން ޕީއެސްޖީން ލަނޑެއް ނުޖެހި ނިންމާލި ފުރަތަމަ މެޗެވެ. އެ މެޗުގެ ކުރިން އެ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން މެޗުގެ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޓީމުގެ އެންމެ މުހިއްމު ތަރީ ނޭމާ އާއި މައުރޯ އިކާޑީ ވެސް އަނިޔާގައި ހުރި އިރު، ރޭގެ މެޗުގައި ކުޅުނު ކިލިއަން އެމްބާއްޕޭ ވެސް މެޗު ކުޅުނީ އަނިޔާގައި ހުރެގެންނެވެ. އެހެން ކަމުން އެމްބާއްޕޭއަށް ވެސް ރޭގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

އަނެއް ކޮޅުން ރޭގެ މެޗުގައި ޓުޗެލްއަށް ދެން ލިބުނު އަނެއް ދެރައަކީ އިތުރު ތިން ކުޅުންތެރިއަކު އަނިޔާވުމެވެ. ރޭގެ މެޗުގައި އެ ޓީމުގެ ސެންޓްރަލް ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭއާއި އެލަސަންޑްރޯ ފްލޮރެންޒީ އަދި ލޭވިން ކުރްޒާވާއަށް ލިބުނު އަނިޔާއާ އެކު ޕީއެސްޖީގެ ފުރަތަމަ ސްކޮޑުގެ ބޮޑުބައި ވަނީ ކުޅުމާ ދުރަށ ދާން ޖެހިފަ އެވެ.

މިކަމާ ވިދިގެން ޓުޗެލް ވަނީ ފްރެންޗް ލީގުގެ މެޗު ޝެޑިއުލްތައް ރާވާފައިވާ ގޮތް ގޯސްކޮށްފަ އެވެ. ޓުޗެލް ބުނީ، މެޗުގެ ޝެޑިއުލް ޑިމާންޑް ބޮޑުކަމުން ކުޅުންތެރިންނަށް ރިކަވާ ކުރަން އެކަށީގެންވާ ވަގުތު ނުލިބި ހުރިހާ ކުޅުންތެރިން ވެސް ތިބީ ދެން މެޗެއްގައި އަނިޔާވެދާނެ ކަމުގެ ބިރު ހީވެފައި ކަމަށެވެ.

"އަބަދުވެސް މެޗު ކުޅެނީ ވަކި ޑިމާންޑަކަށް ވިސްނައިގެން. އެކަމުގެ ސަބަބުން ކުޅުންތެރިންގެ ނިދުމާއި، ކެއުމަށް އެކަށީގެންވާ ވަގުތު ނުލިބި ރިކަވާ ވުމުގެ ފުރުސަތު އިންތިހާއަށް މަދުވޭ، އޭގެ ސަބަބުން ޓީމުގެ ބޮޑުބައި މިއޮތީ އަނިޔާގައި،" ޓުޗެލް ބުންޏެވެ.

ޓުޗެލް ބުނީ، މިގޮތަށް ކުރިއަށްދާ ނަމަ އެއީ ކުޅުންތެރިން ހަލާކުކޮށްލުން ކަމަށާއި، އެކަމުގެ ޒިންމާ ލީގުން ނަގަން ޖެހޭނެ ކަމަށެވެ.

ފްރެންޗް ލީގުގައި މިހާތަނަށް 16 މެޗު ގިނަ ޓީމުތަކުން ކުޅެފައިވާ އިރު، އެއްވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ލިލް އެވެ. ދެވަނައިގައި އޮތް ލިޔޯންއަށް ވެސް 33 ޕޮއިންޓް ލިބިފައިވާ އިރު، ލިލް ކުރި ހޯދަނީ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ތިންވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް