ގޯހީ ނަތީޖާ، ކުޅުންތެރިން ހިތްވަރު އެލުވައެއް ނުލައި: އާޓެޓާ

އާސެނަލުގެ ކޯޗު މިކެލް އާޓެޓާ ---

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާރު އާސެނަލަށް ދިމާވެފައިވާ އުނދަގޫ ހާލަތަކީ ނަތީޖާ ނުނެރެވިގެން ދިމާވި ދަތިތަކެއް ކަމަށާއި، އެހެން ނަމަވެސް ކުޅުންތެރިންގެ ހިތްވަރު ބަލިނުވާ ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

އާސެނަލުން އައު ސީޒަނާ ކުރިމަތިލީ ބޮޑެތި އުންމީދުތަކެއްގަ އެވެ. ރަނގަޅު ފޯމެއްގައި އޮތް ސްކޮޑަކާ އެކު އޮގަސްޓް މަހު އޮތް އެފްއޭކަޕުގެ ޗެމްޕިއަންކަން ވެސް ހޯދި އިރު، މިފަހަރުގެ ލީގަށް ވެސް ނުކުތީ ރަނގަޅު ޓާގެޓެއް ޖަހައިގެންނެވެ. އެހެން ނަމަވެސް ސީޒަން ފަށައިގެން ކަންތައްތައް ގޯހަށް ގޮސް މިހާތަނަށް އެ ޓީމުން މޮޅު ހޯދިފައިވަނީ އެންމެ ހަތަރު މެޗުގަ އެވެ.

އެއާ އެކު މިވަގުތު ތާވަލުގެ 15 ވަނަައިގައި އާސެނަލް އޮތް އިރު، އަންނަ ސީޒަނުގައި ވެސް ޔޫރޮޕުގެ ޖާގައެއް ނުލިބި ރެެލިގޭޝަނާ ހިސާބަށް ކަންތައް ގޮސްދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. ދަނޑުމަތީގައި ހިނގަމުންދާ ކަންތައްތަކުގެ އިތުރަށް އާސެނަލްގެ ޑްރެސިންގް ރޫމްތެރޭގެ މަސްރަހު ވެސް ގޯސްވެ، ކުޅުންތެރިންނާއި މެނޭޖްމެންޓާއި ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމުގެ ވާހަކަތަކެއް ވެސް ވަނީ މިފަހުން ފެންމަތިވެފަ އެވެ.

އެހެން ނަމަވެސް އެވާހަކަތައް ދޮގުކުރަމުން ކޯޗު އާޓެޓާ ބުނީ، ޓީމު މިވަގުތު އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް ކުޅުންތެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި، ހިތްވަރު ދޫނުކޮށް ކުޅެން ކަމަށެވެ. އަދި ނަތީޖާ ގޯސްވެގެން ދިމާވެފައިވާ ކަންތައްތަކުން އަރައިގަނެވޭނެހާ ފެންވަރު އާސެނަލްގައި އެބަހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

"ޓީމް މިއޮތީ ވަރަށް ވެސް ދަތި ހާލަތެއްގައި. ހުރިހާ ވެސް މައްސަލައަކީ ނަތީޖާ ނުނެރެވުން. އެހެންވީމާ ކުޅުންތެރިންނަށް ވެސް އެކަމާ ހިތާމަކޮށް، ދެރަވާނެ. އެކަމަކު ކުޅުންތެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ވަރަށް ބަދަހިކަންމަތީ،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ، ނަތީޖާ ދަށްވާ ނަމަ ކުޅުންތެރިންނަށް އެކަމުގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ކުރާނެ ކަމަށާއި، ބޭރުތެރެއަށް ވެސް އެކަމުގެ ވާހަކަތައް އެކި ގޮތްގޮތަށް ދާނެ ކަމަށެވެ. އަދި ކުޅުންތެރިންގެ އެ މާޔޫސްކަމުން އެންމެ ބޮޑަށް ދޭހަވާ އެއްކަމަކީ ކުލަބުދެކެ އޮތް ލޯތްބާއި، ކުލަބު ކުރިއަށްދާން ބޭނުންވާ މިންވަރު ކަމަށެވެ.

"އާސެނަލުގައި ތިބީ ހިތްވަރު އެލުވާލައިގެން ދޫދޭން ތިބި ކުޅުންތެރިންނެއް ނޫން. މިފަދަ ހާލަތެއްގައި ވެސް ކުޅުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް. މި ދަނޑިވަޅުގައި ބޭނުންވަނީ މަސައްކަތް ކުރުން، އެކަމަށް ކުޅުންތެރިން ތައްޔާރު،"

ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އާސެނަލާއި މިދިޔަ އަހަރު ހަވާލުވި އާޓެޓާގެ މަގާމާއި މެދު ސުވާލު އުފެދިފައި އޮންނަތާ ދުވަސްތަކެއް ވަމުން އަންނަ އިރު، އޭނާ ބުނީ ޓީމުން އިސްތިއުފާ ދިނުމަށް ނުވިސްނާ ކަމަށެވެ.

comment ކޮމެންޓް