އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެއިސްޓާ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުގައި ލެއިސްޓާއަށް ލިބުނު ޕެނަލްޓީ އާއި ބައިކޮޅަށް ވައިން ގޯލްގެ ސަބަބުން 2-0 ނަތީޖާއަކުން ޓޮޓެންހަމް ބަލިވެއްޖެ އެވެ.
މި ސީޒަންގައި ލީގު ފެށިގެން ރަނގަޅު ނަތީޖާއެއް ނެރެމުން އައި ޓޮޓަންހެމް ތާވަލްގެ އެއްވަނާގައި އޮތުމަށް ފަހު ރޭގެ ނާކާމިޔާ އެކު އެ ޓީމް ވަނީ 25 ޕޮއިންޓާ އެކު ފަސްވަނައަށް ވެއްޓިފަ އެވެ. އެ ޓީމް ވަނީ ލީގުގައި އެންމެ ފަހުން ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުންވެސް 2-1ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ 20 މިނެޓުތެރޭ ލެއިސްޓާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލާ އަމާޒުވެފައި ނުވާ އިރު، 34 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ހިލޭ ޖެހުމަކުން ހެދި ޝޮޓްވެސް ލެއިސްޓާގެ ކީޕަރު ކެސްޕާ ވަނީ ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ފުރަތަމަ ހާފް ނިމި އިތުރު ވަގުތުގެތެރޭ ޓޮޓެންހަމްގެ ސާޖީ ލައިސްޓާގެ ވެސްލީއަށް ކުރި ފައުލުން ލިބުނު ޕެނަލްޓީންނެވެ. އެ ޕެނަލްޓީ ލައިސްޓާއަށް ކާމިޔާބު ކޮށްދިނީ ޖޭމީ ވަރޑީ އެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ތިންވަނަ މިނެޓުގައި ލެއިސްޓާގެ ޖޭމްސް ޖަސްޓިން ދިން ދިގު ޕާހަކުން އެ ޓީމްގެ ޖޭމްސް މެޑިސަން ވަނީ ލެއިސްޓާއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް ވީއޭއާރް ބެލުމަށް ފަހު އެ ލަނޑު ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.
ލެއިސްޓާއަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްލެވުނީ 59 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ގެރެތް ބޭލް އަތުން ބައިކޮޅަށް ވައިން ލަނޑަކުންނެވެ. އެ ލަނޑު ވަނީ މާކް އޮލްބްރައިޓަން ނަގައިދިން ހުރަހެއް ވަރޑީ ބޮލުން ފޮނުވާލުމުން ގެރެތްގެ ކަކުލުގައި ޖެހި ގޯލަށް ވަނުމުންނެވެ.