ލަންޑަން (ޑިސެމްބަރު 21) : ކޮރޯނާ ވައިރަސްގެ ބަދަލުވެފައިވާ ވައްތަރެއް (އޭގެ އައު ވޭރިއަންޓެއް ނުވަތަ ސުލާލަތެއް) އިނގިރޭސިވިލާތުން ފެނުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން އިނގިރޭސިވިލާތް އެކަހެރިކޮށް އެގައުމާއެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީގޮތުން ކަނޑާލަމުން އެބަގެންދެ އެވެ.
އިނގިރޭސިވިލާތަށް ކުރާ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ. މީގެ ތެރޭގައި ނެދަލޭންޑްސް، ފަރަންސޭސިވިލާތް، ޖަރުމަނު، ބެލްޖިއަމް، އޮސްޓްރިޔާއާއި، އަޔަލޭންޑް، އިޓަލީއާއި އިރުމަތީ ޔޫރަޕްގެ ގައުމުތަކާއި ރަޝިއާ ހިމެނެ އެވެ.
މީގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަށް ކަމަށްވާ ތުރުކީއާއި އީރާނާއި ކުވައިތާއި އިރާގާއި ސައޫދީ އާއި އުރުދުން ފަދަ ގައުމުތަކާއި އޭޝިއާ ޕެސިފިކްގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތައް ވެސް ވަނީ އިނގިރޭސިވިލާތާ އެކު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަގުތީ ގޮތުން ކަނޑާލާފަ އެވެ. އަދި ދުނިޔޭގެ އެތައް ގައުމުތަކަކުން ވަނީ އިނގިރޭސިވިލާތަށް ދަތުރު ނުކުރުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ސައެންޓިސްޓުން ބުނާ ގޮތުން ކޮރޯނާ ވައިރަސްގެ ބަދަލުވެފައިވާ ވައްތަރު (އައު ވޭރިއަންޓް ނުވަތަ ސުލާލަތު) ދަނީ ކޮންޓްރޯލެއް ނެތި ވަރަށް ބާރަށް އެގައުމުގައި ފެތުރެމުންނެވެ. މި ވައްތަރު ފެތުރެނީ ކޮވިޑް-19 ވެސް ފެތުރޭ ގޮތަށް ކަމަށާއި ނަމަވެސް ކޮވިޑް-19 އަށްވުރެ ގާތްގަނޑަކަށް 70 ޕަސެންޓް ހަލުއިކަމާ އެކު މިވައްތަރު ފެތުރޭކަން ސައެންސްވެރިން ވަނީ ފާހަގަކޮށްފަ އެވެ. މިއީ ކޮރޯނާ ވައިރަސްގެ ވައްތަރެއް ކަމަށްވާ ކޮވިޑް-19 އަށްވުރެ މާ އަވަސްކޮށް ފެތުރޭ ވައްތަރެއްކަން އިނގިރޭސިވިލާތުގެ ސިއްހަތާބެހޭ ވަޒީރު މެޓް ހެންކޮކް ވެސް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.
އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ ބަދަލުވެފައިވާ ވައްތަރުގެ ވައިރަސް އިޓަލީން އިއްޔެ ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކޮރޯނާ ވައިރަސްގެ އައު ވައްތަރު ޖެހުނު އިޓަލީގެ ރައްޔިތަކު އިޓަލީގެ ކަމާ ބެހޭ އިދާރާތަކުންވަނީ ކަރަންޓީނު ކޮށްފަ އެވެ.
އަނެއްކޮޅުން ތައިލެންޑުގެ ސީފުޑް ވިއްކާ ބާޒާރަކުން އިއްޔެވަނީ ކޮރޯނާ ވައިރަސް ފެނިފައެވެ. ތައިލެންޑަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދާފައިވާ ގައުމެވެ. އަލަށް ފެނުނު ކްލަސްޓާއާ އެކު 10 ހާސް މީހުން ކޮވިޑް-19 އަށް ޓެސްޓްކުރާނެ ކަމަށް ތައިލެންޑުން ވަނީ ބުނެފަ އެވެ. (ނޫސްއެޖެންސީތައް)