ބޮޑު ތަފާތަކުން ޔޫވީ ބަލިކޮށް ވެލެންސިއާއިން ފެންވަރު ދައްކާލައިފި

ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުން --- ސަން ފޮޓޯ//ފަޔާޒް މޫސާ

ދިވެހި ޕްރިމިއާ ލީގުގެ މެޗު ވީކް ދޭއްގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ހަތަރު ގޯލު ޖަހައި ވެލެންސިއާއިން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން ޔޫވީގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ވެލެންސިއާއިން ވަގުތީ ގޮތުން ލީގުގެ އެއްވަނައަށް ޖެހިލާފައި ވަނީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއި ފަސް ގޯލުގެ ފައިދާއާ އެކު އެވެ. ދެވަނައިގައި އޮތް މާޒިޔާއަށް ތިން ޕޮއިންޓް ލިބި، ހަތަރު ގޯލުގެ ފައުދާއަކާ އެކު އޮތް އިރު، ދަ ގްރާންޑޭ ތިންވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައިގެން ތިން ގޯލުގެ ތަފާތަކާ އެކު އެވެ.

ގްރީންސްޓްރީޓްސް އަތުން ހޯދި މޮޅާ އެކު މިއަދުގެ މެޗަށް ވެލެންސިއާއިން ވަރުގަދައަށް ނުކުން އިރު، މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ހަތް ވަނަ މިނަޓުގައި ވެލެންސިއާގެ ފޯވާޑް ހުސައިން ނިޔާޒް (ބޮކުރީ) ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު އަމިރޯވް ރުސްލާން ދިފާއު ކުރި އިރު، އެ ހާފުގައި ޔޫވީއަށް އެންމެ ރަނގަޅު ދެ ފުރުސަތު ލިބިފައި ވަނީ އިސްމާއިލް އީސާ (މެސީ) އަށެވެ. މެސީފެ ފުރަތަމަ ބޯޅަ އަރިމަތިން ބޭރަށް ދިޔައިރު، ބައްސާމް މުހައްމަދު ނައީމް ހުސްކޮށްލާފައި ދިން ބޯޅަ މެސީއަށް ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.

ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުން --- ސަން ފޮޓޯ//ފަޔާޒް މޫސާ

ފުރަތަމަ ހާފު ނިމެންދަނިކޮށް ވެލެންސީއާއިން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި ދިން ޕާހަކުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އަލީ ފާސިރް (ސެންޓޭ) އެވެ.

ދެވަނަ ހާފު ފަށައިގެން ވެލެންސިއާއިން ޓީމު ކުރިއަށް ޖައްސައި ހަމަލާތައް އިތުރު ކުރި އިރު، އެ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލަކީ ސެންޓޭއާއި ދަގަނޑޭ އެ ޓީމަށް ކާމިޔާބުކޮށްދިން ދެ ގޯލަށްވާ އިރު، ވެލެންސިއާގެ ހަތަރުވަނަ ގޯލަކީ އަބްދުﷲ މިދުހަތު ޖަހައިދިން ގޯލެކެވެ.

ވެލެންސިއާއަށް މެޗުގައި ލީޑު ފުޅާކުރަން އިތުރު ހުސްފުރުސަތުތަކެއ ެޗުގެ ފަހު ވަގުތު ވަނީ ލިބިފަ އެވެ.

ޔުނައިޓެޑް ވިކްޓަރީއާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ ކުރި ހޯދީ 0-4 ގެ ނަތީޖާއަކުން --- ސަން ފޮޓޯ//ފަޔާޒް މޫސާ

މި ދެ ޓީމުން ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ އަންނަ ހަފުތާގެ ހޮނިހުރި ދުވަހު އެވެ. އެދުވަހުގެ ހަވީރު ގްރީންސްޓްރީޓްސްއާ ދެކޮޅަށް ޔޫވީ ނުކުންނަ އިރު، އެރޭ މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ނުކުންނާނެ އެވެ.

comment ކޮމެންޓް