ސްޕެއިންގެ ޕްރިމޭރާ ޑިވިޝަންގައި ރެއަލް ސޮސީޑާޑްއާ ދެކޮޅަށް ބާސެލޮނާ ރޭ ކުޅުނު މެޗުގައި ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ސޮސީޑާޑް ބަލިކުރުމަށް ފަހު، ލީގުގައި ބާސާ ހިތްވަރު އާ ކޮށްލައިފިއެވެ.
ރޭގެ ނަތީޖާއާއެކު ބާސާ ވަނީ 20 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައަށް ޖެހިލާފައެވެ. އެ ޓީމް މިހާތަނަށް މުބާރާތުގައި 12 މެޗު ކުޅެފައި ވާއިރު، 13 މެޗު ކުޅުނު ރެއަލް މެޑްރިޑް އަދި ވިޔަރެއާލް އޮތީ 26 އަދި 22 ޕޮއިންޓާއެކު ތިންވަނަ އާއި ހަތަރު ވަނައިގައެވެ. އަދި 14 މެޗު ކުޅުނު ސޮސީޑާޑް 26 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، 11 މެޗުން 26 ޕޮއިންޓް ހޯދި އެތުލެޓިކޯ މެޑްރިޑް އޮތީ އެއްވަނައިގައެވެ.
ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ބާސާއިން ވަނީ މެޗުގައި ސޮސީޑާޑް އަށްވުރެ ގިނަ ފުރުސަތު ހޯދާފައެވެ. މެޗުގެ ލީޑް ފުރަތަމަ ނަގާފައި ވަނީ 27 ވަނަ މިނެޓުގައި ރެއަލް ސޮސީޑާޑް އެވެ. އެ ޓީމްގެ ޕޯޓޫ ދިން ޕާހަކުން ސޮސީޑާޑްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަން ހޯޒޭ އެވެ.
ފުރަތަމަ ލީޑް ނެގި ކަމުގައި ވިޔަސް، ރެއަލް ސޮސީޑާޑްއަށް މެޗުގެ ލީޑު ދެމެހެއްޓިފައި ވަނީ އެންމެ ހަތަރު މިނެޓަށެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ރެއަލްގެ ޑިފެންސަށް ރަނގަޅަށް ސާފުކޮށް ނުލެވުނު ބޯޅައެއްގެ ބޭނުން ހިފާ އެ ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޖޯޑީ އަލްބާ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ބާސާއިން ވަނީ ރެއަލްގެ ގޯލަށް އިތުރަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 36 ވަނަ މިނެޓުގައި ބާސާގެ ގްރިޒްމަން ގޯލް ކީޕަރު ބީޓް ކުރުމަށް ފަހު ފޮނުވާލު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ބާސާއަށް މެޗުގެ ލީޑް ނެގުނީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ނެދަލޭންޑް މިޑްފީލްޑަރު ފްރެންކީ ޑީ ޔޮންގް އެވެ. ދެވަނަ ހާފްގައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްލަން ގްރިޒްމަންއަށް ރަނުގެ ފުރުސަތެއް ލިބިފައި ވާނަމަވެސް، އޭނާއަށް ވަނީ އެ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. އަދި މެޗުގެ ފަހުކޮޅު ރެއަލްވެސް ރަނގަޅު އެޓޭކްތަކެއް އުފެއްދި ނަމަވެސް، މެޗު ނިމިގެން ދިޔައީ 2-1ގެ ނަތީޖާއަކުންނެވެ.