ޖެހިޖެހިގެން ދެވަނަ ބައްޔާ އެކު ޗެލްސީ އިތުރަށް ދަށަށް

ޗެލްސީ އާއި ވުލްވްސް ރޭ ކުޅުނު މެޗުގެ ތެރެއިން ... ފޮޓޯ/ ބީބީސީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެ، ޗެލްސީއަށް ލީގުގައި ކުރިއަށް ދިޔުމަށް އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މަހުގެ 13 ވަނަ ދުވަހު ލީގުގައި އެވާޓަންއާ ދެކޮޅަށް ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން ބަލިވި ޗެލްސީ ވަނީ ރޭ ލީގުގައި ވުލްވަހެމްޕްޓަން ވޮންޑަރާސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް 2-1ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު މިހާތަނަށް 13 މެޗު ކުޅެފައިވާ ޗެލްސީ 22 ޕޮއިންޓާ އެކު ތާވަލްގެ ފަސްވަނާގައި އޮތްއިރު، ތާވަލްގެ އެންމެ ކުރީގައި އުޅޭ ޓަޓެންހަމް ވަނީ 12 މެޗުން 25 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ވަނީ މާ ނުރައްކަތެރި ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެފަ އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޗެލްސީގެ ކީޕަރު ފައުލްކުރި ކަމަށް ބުނެ ވުލްވްސް އިން ޕެނަލްޓީއަކަށް އެޕީލްކުރި ނަމަވެސް، ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައިފަ އެވެ.

ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ވުލްވްސްގެ ފަރާތުން އުފެއްދި އެންމެ ފާހަގަކޮށްލެވޭ އެއް ހަމަލާގައި އެ ޓީމްގެ ޕެޑްރޯ ނެޓޯ ފޮނުވާލި ޝޮޓް ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ ދިފާއުކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކޯނަރަކުން ނެގި ބޯޅަ ޗެލްސީގެ ކާޓް ޒޫމާ ބޮލުން ފޮނުވާލި ނަމަވެސް، އެ ޝޮޓް އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑް ނަގައިފަ އެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް ނަގައިދިން ޕާހަކުން އެ ޓީމްގެ އޮލިވިއޭ ޖިރޫ އެވެ. އޭގެ ފަސް މިނެޓު ފަހުން ވުލްވްސްގެ ފެބިއޯ ސިލްވާ މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ރެފްރީން ނިންމާފައި ވަނީ އެއީ އޮފްސައިޑް ލަނޑަކަށެވެ.

ވުލްވްސްއަށް މެޗުގެ ނަތީޖާ އެއްވަރު ކުރެވުނީ 66 ވަނަ މިނެޓުގައި ޑޭވިޑް ޕޮޑެންސް ކާމިޔާބުކުރި ރީތި ލަނޑުންނެވެ. އަދި 81 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހިފައިން ދާން އުޅުމުގެ ތެރޭގައި، ނެޓޯ ވެއްޓުމުން ޕެނަލްޓީއަކަށް އެދުނު ނަމަވެސް، ރެފްރީން ނިންމާފައި ވަނީ އެއީ ފައުލެއް ނޫން ކަމަށެވެ.

މެޗުގައި ވުލްވްސްއަށް ލީޑު ލިބި މެޗުގެ ތިން ޕޮއިންޓް ކަށަވަރުވެގެން ދިޔައީ ފަހު ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ޕެޑްރޯ ނެޓޯ އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

comment ކޮމެންޓް