ބޮޑެތި އިނާމުތަކަކާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހައިބްރިޑް ހެކަތޯން އެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
"ހެކް މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހެކަތޯންއަކީ މޯލްޑިވްސް ޑިޖިޓަލް ސޮސައިޓީ އަދި ކަޒޫ މޯލްޑިވްސްގެ ޕާޓްނަޝިޕްގެ ދަށުން ކުރިއަށް ގެންދާ ހާއްސަ އިވެންޓެކެވެ.
ހެކް މޯލްޑިވްސް އަކީ 48 ގަޑިއިރުގެ އިނޮވޭޝަން ޗެލެންޖެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހެކަތޯން އެކެވެ. އެގޮތުން އެ ހެކަތޯންގައި ބައިވެރިވާ ފަރާތްތަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅީން އާ ހިޔާލަކަށް ޕްރޮޑަކްޓެއް އުފައްދަން ޖެހޭނެ އެެވެ.
އެ ހެކަތޯންގައި ތަފާތު ދާއިރާތަކެއް ހިމެނޭއިރު މިހާރު އެ ހެކަތޯން އަށް ރެޖިސްޓާ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މާދަމާގެ ނިޔަލަށް އެ ހެކަތޯންގައި ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ހުންނާނެއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ހެކަރުންނާއި ޓެކް ދާއިރާގެ ފަރާތްތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ އެ ހެކަތޯން ކުރިއަށްދަނީ އަންނަ ހުކުރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ. އެ ހެކަތޯންގައި ޓީމެއްގެ ގޮތުގައި އަދި އަމިއްލަ ގޮތުންވެސް ބައިވެރިވެވޭނެއެވެ.
ހެކަތޯންގައި ބައިވެރިވެގެން އަގުހުރި އިނާމުތަކުގެ އިތުރުން މަގުބޫލު ބޮޑެތި ޓެކް ކުންފުނިތަކުގެ ފަރާތުން ދާއިރާއާ ގުޅުންހުރި ތަޖުރިބާ ލިބިގެންދާނެއެވެ. އަދި ދާއިރާއާ ގުޅޭ މާހިރުންގެ ފަރާތުން މައުލޫމާތު ލިބޭ ތަފާތު ވެބިނާވެސް އެ ހެކަތޯންގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ހެކަތޯންގެ އެންމެ ބޮޑު އިނާމަކީ ފަތުރުވެރިކަމާ ގުޅޭ ހާއްސަ ޗެލެންޖް ކާމިޔާބުކޮށްގެން ލިބޭ 100،000 ރުފިޔާ ފައިސާގެ އިނާމެވެ. އަދި 300،000 ރުފިޔާގެ އަގުހުރި އިނާމުވެސް އެ ހެކަތޯނުން ލިބިގެންދާނެއެވެ. އޭގެތެރޭގައި ޗެލެންޖު ކާމިޔާބުކުރާ ތިން ޓީމަކަށް އެކީގައި މަސައްކަތް ކުރުމަށް އޮފީސް ސްޕޭސް ލިބިގެންދާނެއެވެ.
އިތުރު އިނާމުތަކުގެ ތެރޭގައި އައިބީއެމް އިން ދޭ ސްކޮލަޝިޕް އާއި ހައިޕާ ޕްރޮޓެކްޓް އެކްސެލެރޭޓާ ހިމެނެ އެވެ. އަދި ޕްރޮފެސާ އުގެއިލްގެ ފަރާތުންވެސް ދޭ ހާއްސަ އިނާމެއް ވަނީ ހެކަތޯންގައި ދިނުމަށް ހަމަޖެހިފަ އެވެ.
އެ ހެކަތޯންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ހެކް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.