ހީކުރި ވަރަށް ވުރެން ނޭމާގެ އަނިޔާ ކުޑަ: ޕީއެސްޖީ

ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާ: ނޭމާ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގައި މިވަގުތު ހުރީ ޓީމާއި ދުރުގައި -- ފޮޓޯ / ޑޮމް ފެރަލް

ފްރެންޗް ލީގުގައި މިދިޔަ ހަފުތާ ޕީއެސްޖީއާއި ލިޔޯން ބައްދަލު ކުރި މެޗުގައި ނޭމާއަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، ހީކުރި ވަރަށް ވުރެން އަނިޔާގެ ސީރިއަސްކަން ކުޑަ ކަމަށް ޕީއެސްޖީން ބުނެފި އެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީއަށް ބަދަލުވުމަށްފަހު ބޮޑެތި ގިނަ އަނިޔާތަކެއްގެ ޝިކާރައަކަށްވެ، މުހިއްމު ގިނަ މެޗުތަކެއް ވަނީ ގެއްލިގެން ގޮސްފަ އެވެ. ގައުމީ ލީގާއި މުބާރާތްތައް ފިޔަވައި، ޔޫރޮޕުގެ ބޮޑެތި މައިދާނުގައި ޕީއެސްޖީއަށް ކާމިޔާބު ހޯދައިދިނުމުގެ އަޒުމުގައި އެކުލަބަށް ބަދަލުވި ނޭމާއަށް، ކޮންމެ ސީޒަނެއްގައި ވެސް ނުރައްކާތެރި އަނިޔާއެއް ވަމުން އައިސް، އޭނާގެ ހަގީގީ ފެންވަރު ދެއްކިފައި ނުވާ އިރު އަނެއްކާވެސް ނޭމާއަށް ވަނީ އަނިޔާވެފަ އެވެ.

ލީގު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އަށިގަނޑުގައި ނޭމާ ދަނޑުން ބާލަން ޖެހުނު އިރު، ފައިގެ ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އަދި ފަހުން ނޭމާގެ ހުޅުގެ ކަށިގަނޑު ބިނދިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ޓެސްޓްތަކުގެ ނަތީޖާތަކަށްފަހު ހީކުރި ވަރުގެ ސީރިއަސް އަނިޔާއެއް ނޭމާއަށް ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އަދިވެސް އިތުރު ޓެސްޓް ތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕީއެސްޖީން ވަނީ ބުނެފަ އެވެ.

މިފަހަރުގެ ލީގުގައި ތިން ގޯލާއި ތިން އެސިސްޓް ހަތް މެޗުން ހަމަކޮށްފައިވާ ނޭމާ އަންނަނީ ޔޫރޮޕުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވާދަކުރަން ޖެހިފައިވަނީ ބާސެލޯނާއާ އެވެ. އަންނަ ފެބްރުއަރީ މަހަށް އެ ބުރުގެ މެޗުތައް ތާވަލުކޮށްފައި އޮތް އިރު، އެ މެޗުގެ ކުރިން ނޭމާގެ އަނިޔާއިން ރަނގަޅުވާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ކޮށްފަ އެވެ. ނޭމާ ރޭ ކުރި ޓްވީޓެއްގައި އޭނާގެ ކުރީގެ ޓީމް މޭޓް ލިއޮނެލް މެސީއާ އަވަހަށް ބައްދަލުވާނެ ކަމަށް ވަނީ ލިޔެފަ އެވެ.

comment ކޮމެންޓް