ތުރުކީން އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ

އަންކަރާ (ޑިސެމްބަރު 15) : ރަޝިއާގައި އުފައްދާ ވައިގެ ދިފާއި ނިޒާމެއް ކަމަށްވާ އެސް -400 މަރުކާގެ މިސައިލް ނިޒާމު ތުރުކީން ގަތުމުން ތުރުކީއާ ދެކޮޅަށް އަޅާނެކަމަށްބުނެ އިންޒާރުދިން ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އަޅައިފިއެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ބުނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ތުރުކީގެ ހަތިޔާރުގެ ސިނާއަތާބެހޭ އިދާރާ އަށާއި އެ އިދާރާގެ ރައީސް އިސްމާއީލް ދިމީރަށާ އަދި އެއިދާރާގެ 3 މަސްއޫލުވެރިއެއްގެ މައްޗަށެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ބޭންކްތަކުގައިވާ ތުރުކީގެ ހަތިޔާރުގެ ސިނާއަތާބެހޭ އިދާރާގެ އެކައުންޓްތައް ފްރީޒް ކުރުމާއި އެމެރިކާގައި އުފައްދާތަކެތި އެއިދާރާއަށް ވިއްކުން މަނާކުރުމާއި އެއިދާރާގެ މަސްއޫލުވެރިން އެމެރިކާއަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ނުދިނުމެވެ.

އެމެރިކާގެ ރަހްމަތްތެރި ބައެއް ގައުމުތަކުންވެސް އެމެރިކާގެ ބައެއް ހަތިޔާރުގެ ބަދަލުގައި ރަޝިއާގެ ޒަމާނީ ހަތިޔާރު މިހާރު ގަންނަން ފަށާފައިވާތީ އެމެރިކާވަނީ ކަންބޮޑުވެ އެކަން ހުއްޓުވުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. މިފިޔަވަޅުތައް އަޅަނީ އެމެރިކާގެ ހަތިޔާރުގެ ސިނާއަތު ހިމާޔަތް ކުރަން ކޮންގްރެސް އިން ފާސްކޮށްފައިވާ CAATSA ގާނޫނުގެ ދަށުންނެވެ.

ރަޝިއާގައި އުފައްދާ އެސް 400 މަރުކާގެ ދިފާއީ ސިސްޓަމް

އާންމުކޮށް އެމެރިކާގެ ހަތިޔާރު ގަންނަ ތުރުކީއާއި މިސްރު ފަދަ ބައެއް ގައުމުތަކުން ރަޝިއާގެ ހަތިޔާރު ގަންނަން ފަށާފައިވަނީ އެމެރިކާގެ ހަތިޔާރުގެ އަގަށްވުރެ ރަޝިއާގެ ހަތިޔާރުގެ އަގު ހެޔޮވުމުންނެވެ. މީގެއިތުރުން ރަޝިއާގައި އުފައްދާ އެސް -400 މަރުކާގެ މިސައިލް ނިޒާމަކީ އެމެރިކާގައި އުފައްދާ މިބާވަތުގެ ނިޒާމު ތަކަށްވުރެ ޓެކްނިކަލް ގޮތުން މާގާބިލް ނިޒާމަކަށް ވުމަކީވެސް މިނިޒާމު ގަތުމަށް ގައުމުތަކުން ބޭނުންވާކަމެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާގެ ހަތިޔާރު ނޫން ހަތިޔާރެއް ގަންނަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހިސާބަށް އެމެރިކާގެ އަމަލުތައް ދިޔައީ ހަތިޔާރުގެ ބާޒާރުގައި މުސްތަގްބަލްގައި އެމެރިކާއަށް ވާދަނުކުރެވިދާނެ ކަމުގެ ބިރު އިޙްސާސްވެގެން ކަމަށް ބައެއް މުހައްލިލުން ދެކެއެވެ.

ތުރުކީގެ ޚާރިޖީ ވުޒާރާއިންވަނީ އެމެރިކާގެ ފިޔަވަޅުތަކުގެ ރައްދުގައި ވޭންދެނިވި ފިޔަވަޅުތަކެއް އެމެރިކާއާ ދެކޮޅަށް އަޅާނެކަމުގެ ބިރު އެމެރިކާއަށް ދައްކައި އިންޒާރު ދީފައެވެ. ނަމަވެސް އެމެރިކާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަށް ތުރުކީން އަދި ހާމައެއް ނުކުރެއެވެ.

ތުރުކީން އެމެރިކާއާ ދެކޮޅަށް އަޅާފާނެ ކަމަށް ބެލެވޭ ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގެ ހަތިޔާރުގެ ސިނާއަތާބެހޭ ކުންފުނިތަކުގެ މަސްއޫލުވެރިން ތުރުކީއަށް ވަނުން މަނާކުރުމާއި ތުރުކީގައިވާ އެބޭފުޅުންގެ އެސެޓްތަކާއި އެކައުންޓްތައް ފްރީޒް ކުރުން ހިމެނިދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން އަސްކަރީ ކަންކަމުގައި އެމެރިކާ ވަރަށް ގިނައިން ބޭނުންކުރާ ތުރުކީގެ އެންޖަރްލިކް ވައިގެ ބޭސް ބޭނުންކުރުމަށް އެމެރިކާއަށް ދަތިތައް ކުރިމަތިކުރުމާއި އެ ބޭހުގައި އެމެރިކާ ރައްކާކޮށްފައިވާ ހަތިޔާރުގެ ބޭނުން އެމެރިކާއަށް ނުކުރެވޭނެ ގޮތް ހެދުމަކީވެސް ތުރުކީއަށް އެޅިދާނެ ފިޔަވަޅުތަކެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް