މުރަކައިގެ އައިވީއެފުން އުއްމީދީ ނަތީޖާއެއް ލިބިއްޖެ

25 އަހަރު ތެރޭ ގްރޭޓް ބެރިއާ ރީފްގެ ދެބައިކުޅަ އެއްބައި މުރަކަތައް މަރުވެފައިވާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ -- ފޮޓޯ: ގެޓީ

ސިޑްނީ (ޑިސެމްބަރު 14): އޮސްޓްރޭލިއާއިން 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ "މުރަކައިގެ އައިވީއެފް" ޓެސްޓުތަކުން އުއްމީދީ ނަތީޖާއެއް ލިބިއްޖެ ކަމަށް އެ ދިރާސާ ކުރިއަށްގެންދިޔަ ސައިންސުވެރިން ބުނެފި އެވެ.

އޮސްޓްރޭލިއާގެ ސަދަން ކްރޮސް ޔުނިވާސިޓީގެ މެރިން އިކޮލޮޖީ ސެންޓަރުން ކުރިއަށްގެންދިޔަ ދިރާސާގައި މުރަކައިގެ އައިވީއެފް ހަދަނީ، މުރަކައިގެ ބިހާއި ފަނި ދޫކުރާ ދުވަސްވަރު އެ ބިހާއި ފަނި ނެގުމަށް ފަހު އެވެ. އެއަށް ފަހު އޭގެއިން ކުދިފަނި ނުވަތަ ލާވާ އުފެދެންދެން، އެކަމަށް ހާއްސަކޮށްފައިވާ "ފްލޯޓިން ނާސަރީ"ތަކަށް ބިހާއި ފަނި އަޅަ އެވެ. އަދި ކުދި ފަނި އުފެދުމުން، ފަރުގައި ގާ ހުދުވުމުގެ މައްސަލަ ދިމާވެފައިވާ ސަރަހައްދުތަކަށް އެ ކުދި ފަނި ދޫކޮށްލަނީ އެވެ.

އެސްސީޔޫގެ މެރިން އިކޮލޮޖީ ސެންޓަރުގެ ޑިރެކްޓަރު ޕީޓާ ހެރިސަން ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުރަތަމަ ކުރިއަށްގެންދިޔައީ 2016 ވަނަ އަހަރު ހެރަން އައިލެންޑު ކައިރީގަ އެވެ. އަދި އައިވީއެފްއިން އުފެދުނު މުރަކަތަކެއް އަންނަ އަހަރު ފުރަތަމަ ފަހަރަށް ވިހާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ލާވާ ރެސްޓޮރޭޝަން ޓެކްނިކް ބޭނުން ކުރުމުން އަޅުގަނޑުމެން ހީކުރި ފަދަ ނަތީޖާއެއް ލިބި ވަރަށް ކުޑަ ލާވާއިން މަދު އަހަރުތަކެއް ތެރޭ ބޮޑެތި މުރަކަތައް ހެއްދޭކަން މި ދިރާސާއިން ސާބިތުވޭ،" ހެރިސަން ވިދާޅުވި އެެވެ.

މުރަކަ ލާވާ ނުވަތަ ކުދި ފަނި އާލާ ކުރަން ހަދާފައިވާ ފްލޯޓިން ނާސަރީއެއް -- ފޮޓޯ: ގްރޭޓް ބެެރިއާ ރީފް ފައުންޑޭޝަން

އެ ޓެސްޓުތަކަށް ފަހު އުފެދުނު މުރަކައިގެ ސައިޒުތައް ތަފާތު ކަމަށާއި މިދިޔަ މާޗް މަހު ހެރަން އައިލެންޑު ކައިރީގައި ގާ ހުދުވި ނަމަވެސް އައިވީއެފްއިން އުފެދުނު މުރަކަތައް ސަލާމަތްވި ކަމަށް ސައިންސުވެރިން ބުންޏެވެ.

ގާ ހުދުވަނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މުރަކަތަށް "ސްޓްރެސްވެ"، އެއަށް ކުލަ އާއި ހަކަތަ ފޯރުކޮށްދޭ އަލްގީ ބޭރުކޮށްލުމުންނެވެ. އޭގެ ސަބަބުން މުރަކަތައް ވަގުތުން މަރު ނުވި ނަމަވެސް ކަނޑުގެ ފިނު ހޫނުމިން އާދައިގެ މިންވަރަކަށް ދަށަށް ނުދާ ނަމަ އެ މުރަކަތައް މަރުވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ ގްރޭޓް ބެރިއާ ރީފްގެ 50 ޕަސެންޓު މުރަކަތައް ފާއިތުވި 25 އަހަރު ތެރޭ މަރުވެފައިވާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެ ފަރުގައި މުރަކައިގެ އާބާދީ އެންމެ ބޮޑަށް ދަށްވެފައި ވަނީ 2016 އާއި 2017ގައި ރެކޯޑު މިންވަރުތަކަށް ދުނިޔެ ހޫނުވެ، ގާ ހުދުވުމާ ގުޅިގެންނެވެ.

ގްރޭޓް ބެރިއާ ރީފް ސަލާމަތް ކުރުމަށްޓަކައި، ދުނިޔެ ހޫނު ކުރުމަށް މަގުފަހި ކުރާ ގްރީން ހައުސް ގޭސްތައް ޖައްވަށް ބޭރު ކުރާ މިންވަރު ވަގުތުން މަދު ކުރަން ޖެހޭ ކަމަށް ސައިންސުވެރިން ބުންޏެވެ.

ޔުނެސްކޯގެ ތަރިކައިގެ ލިސްޓުގައި 1981 ވަނަ އަހަރު ހިމަނާފައިވާ ގްރޭޓް ބެރިއާ ރީފް އޮންނަނީ 1،400 މޭލަށް ފެތުރިފަ އެވެ.

comment ކޮމެންޓް