ފީތަކާއި ޖޫރިމަނާގެ ރާއްޖެ! ވަށައިޖެހޭ ސިޔާސަތެއްތަ؟

ބާޒާރުމަތީގެ ކާރޫބާރޫ ބޮޑު ސަރަހައްދެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ މަގުތަކުގެ ތޮއްޖެހުމާއި ކާރޫބާރޫ ކަމަށް ހައްލެއް ހޯދައިދެވުނު ސަރުކާރެއް އަދި މިހާތަނަކަށް ނާދެ އެވެ. ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އުޅަނދުފަހަރުގެ އަދަދާއެކު މަގުތަކަށް އިތުރަށް ބާރު ބޮޑުވެ މަގުމަތީގެ ތޮއްޖެހުމުގެ މައްސަލަ ދަނީ އިތުރަށް ބޮޑުވެ ސީރިއަސްވަމުންނެވެ. މިކަން ހައްލު ކުރަން ކޮންމެ ސަރުކާރަކުން ވެސް ޖަހާ ހިސާބަކީ ކޮންމެވެސް އާ ނަމެއްގައި ޖޫރިމަނާއެއް ނުވަތަ ފީއެއް ތައާރަފްކޮށް ނަގަން ފެށުމެވެ. އެކަމަކު ރިޔާސީ އިންތިހާބު ބޯމަތިވާއިރު ސަރުކާރުގެ "އޯގާތެރި" ކަމުން މިޒާތުގެ ބައެއް ފީތައް މައާފުކޮށް ރައްޔިތުންގެ ތާއީދު ލިބިގަނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ތެރޭގައި ވެވަޑައިގަތް އެއް ވައުދަކީ ވެސް ޕާކް ކުރާނެ ޖާގަ ނުދައްކައި "އިސްޓިކާ" ޖަހާ ޖޫރިމަނާ ނުކުރާނެ ކަމަށެވެ. މި ސަރުކާރުގެ ބޮޑު ޕްލޭންގައި އޮތީ ބުރިބުރިއަށް ހުންނަ ޕާކިން އިމާރާތްތައް ހަދައިގެން ޕާކް ކުރާނެ ޖާގަ ދައްކާށެވެ. އެކަމަކު މި ސަރުކާރުގެ ތިން ވަނަ އަހަރު ގުނަމުންދާއިރު އެ މިސްރާބަށް ކުރެވުނު އެއްކަމެއް ވެސް ނުފެނެ އެވެ.

މައްސަލައަކީ އަދި އާންމުންގެ ޝަކުވާ އަކީ ސަރުކާރުން މާލޭގެ ތޮއްޖެހުމާއި އެއާ ވިދިގެން އުފެދޭ ޕާކިން ފަދަ މައްސަލަތަކަށް ހައްލެއް ހޯދައި ނުދީ އަދަބު ދިނުމެވެ. މިހެން ދެވޭ އަދަބަކުން މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހޯދޭނެ ހައްލެއް އެބަ އޮތް ހެއްޔެވެ؟

މާލެ ތޮއްޖެހުމުގެ އަދަބު ރައްޔިތުންނަށް

މީގެ އެތައް އަހަރެއް ކުރިން ފެށިގެން އަތޮޅުތަކުން މާލެއަށް މީހުން ޖަމާވެ ތޮއްޖެހެން މަޖުބޫރު ކުރުވީ ސަރުކާރުތަކުގެ ސިޔާސަތުގެ ސަބަބުންނެވެ. އެބަޔަކު ދިރިއުޅޭ ރަށަކުން ތައުލީމާއި ސިއްހީ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ލިބެން ނެތަތީ މީހުން މާލެ އައުން ނޫން ގޮތެއް ނެތީ އެވެ. މި ހިދުމަތްތައް ހޯދައި، އަސާސީ ބޭނުންތައް ފުއްދެން އޮތް ހަމައެކަނި ގޮތަކީ މާލެ އެވެ. އަދިވެސް އެ ސިޔާސަތު އޮތީ އެ ޒާތަށެވެ. އަސާސީ ހިދުމަތް ލިބުމުގައި މާލެއާއި އަތޮޅުތަކުގެ ފަރަގު ވަރަށް ބޮޑެވެ. މާލެ ފިޔަވައި ނަމުން ސިޓީގެ ދަރަޖަ ދީފައިހުރި ތަންތަނުގެ ހާލަތުވެސް ހުރީ މިފަދަ ގޮތަކަށެވެ.

އުޅަނދުފަހަރު ގިނަވާނީ މީހުން ދިރިއުޅޭ ތަނެއްގަ އެވެ. މާލޭގެ މަގުތައް ވެހިކަލްތަކުން ފުރި ތޮއްޖެހުނީ މި ސަބަބާހުރެ އެވެ. މާލޭގައި ދިރިއުޅޭ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ އަތޮޅުތަކުން މާލެއަށް ދިރިއުޅުން ބަދަލުކުރި މީހުންނެވެ. ހަގީގަތަކީ، މާލޭގެ މަގުތައް ތޮއްޖެހިގެން މި އުޅެނީ މާލެ ތޮއްޖެއްސުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި ހަގީގަތް އެހެން އޮއްވާ މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ފަހަރުން އިތުރު ފީއެއް ނަގަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިހާރު ހިމަނާ އޮތީ ފާސްކޮށްފަ އެވެ. އެއީ ދައުލަތަށް އިތުރަށް އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި އޮތީ ބަޖެޓްކޮށްފަ އެވެ. އެފީގެ ސަބަބުން މަގުތަކުގެ ތޮއްޖެހުމަށް ލިބޭނެ ހައްލެއް އޮންނާނެ ހެއްޔެވެ؟

މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ވަރަށް ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓު އޮތޯރިޓީގެ ކުރީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒު ސިފަކުރެއްވި ގޮތުގައި ކޮންޖެޝަން ފީ އަކީ ސަރުކާރުތަކުން އުފަންކުރުވި މައްސަލައެއްގެ ސަބަބުން، އޭގެ އަދަބާ ރައްޔިތުން ކުރިމަތިލާން ޖެހުމެވެ. މިއީ ރައްޔިތުންގެ ކުށެއް ނެތި އުފެދުނު ބޮޑު މައްސަލައެއްގެ ސަބަބުން ރައްޔިތުން އޭގެ ޒިންމާ ނަގަން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މާލެ ކޮންޖެސްޓު [ތޮއްޖައްސާފައި] ކޮށްފައި ރައްޔިތުންނަށް ފީއެއް ދައްކަން މަޖުބޫރު ކުރަނީ ނޫންތޯ. ކޮންޖެސްޓު ކޮށްފައި އެކަމުން ސަލާމަތްވެވޭނެ ގޮތެއް ހަމަޖައްސައިނުދީ މިއުޅެނީ ޖޫރިމަނާ ކުރަން. ފެން ތަށްޓަކަށް ފެން އަޅަމުން އަޅަމުން ގޮސް ފެން ބަންޑުންވީމަ މި ބުނަނީ ޖޫރިމަނާ ކުރާނަމޭ. އެކަމަކު މި ބުނަނީ އަޅާށޭ އަޅާށޭ، ބަންޑުންވިޔަސް އަޅާށޭ. ބަންޑުންވީމާ މި ބުނަނީ ޖޫރިމަނާއޭ. އެކަހަލަ ކަމެއް ނޫންތޯ މިއީ." ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ގަބޫލުކުރައްވާ ގޮތުގައި އާ ފީއެއް ނުނަގާ މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލު ކުރަން ގެންގުޅެވިދާނެ ސިޔާސަތުތައް ވަރަށް ބައިވަރެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ދެ ކަމަކީ މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ ޖުމްލަ އަދަދެއް ނުވަތަ ވެހިކަލް ލިމިޓެއް ކަނޑައަޅައި، އެއަށްވުރެ އިތުރުވިޔަ ނުދީ ހިފެހެއްޓުމާއި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމުކޮށްގެން ދަތުރުފަތުރު ކުރަން ރައްޔިތުންނަށް ފަސޭހަކޮށްދިނުމެވެ.

"ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުންވާ ވަގުތުތަކުގައި އެއްތަނުން އަނެއް ތަނަށް ދެވޭނަމަ، ކޮންމެ ގެއަކަށް ތިން ހަތަރު ސައިކަލު ބޭނުމެއް ނުވާނެ. ޕަބްލިކް ޓްރާންސްޕޯޓްވެސް ތައާރަފުނުވެ އެ އޮތީ އަދި." ނާފިޒު ވިދާޅުވި އެވެ.

މާލޭ މަގުހަދާ މަޝްރޫއުގެ ތެރޭގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތައާރަފުކުރުން ވެސް ހިމެނެ އެވެ. މި ހިދުމަތުގައި ބޭނުންކުރާނީ މިނީ ބަސްތަކެކެވެ. ޕީކް ގަޑިތަކުގައި 14 ބަސް ދަތުރުކުރާއިރު، އޮފް ޕީކު ގަޑިތަކުގައި 10 ބަސް ދަތުރު ކުރަން އޮތީ ޕްލޭން ލިޔެފަ އެވެ. ބަސް ދަތުރުކުރާނީ މައިގަނޑު ހަތަރު ރޫޓަކުންނެވެ. ނަމަވެސް އެ މަޝްރޫއަށް ވެސް އެކަށީގެންވާ ހައްލެއް ލިބޭ ތަނެއް ނުފެނެ އެވެ.

ޕަބްލިކް ޓްރާންސްޕޯޓު ނިޒާމުގައި މިނީބަސްތައް ދަތުރުކުރަން ކަނޑައަޅާފައިވާ ރޫޓުތައް-- ފޮޓޯ/މާލެ ސިޓީ ކައުންސިލް

ޕާކިން ޒޯނުން ބާރުބޮޑު މަގުތަކަށް ލުޔެއް ނެތް

ރާއްޖެއަކީ، އަދި ވަކިން ހާއްސަކޮށް މާލެއަކީ ބިމުގެ ދަތިކަން ބޮޑު ތަނެކެވެ. އެއްގަމު އުޅަނދުފަހަރު ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ ފަރާތްތަކުގެ ޖީބުތައް ފުރި ބަންޑުވަމުންދާއިރު، މިކަން ކޮންޓްރޯލު ކުރުމެއް ނެތި ސަރުކާރުން އަޅާނުލައި އޮތުމުގެ ނަތީޖާ މިފެންނަނީ ވަރަށް ހިތިކޮށެވެ. މިިކަން ނުބަލައި އެތައް ޒަމާނަކަށް ދޫކޮށްލާފައި އޮތުމުގެ ނަތީޖާއަކީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލަ ހަފޮޅުން ބޭރުވުމެވެ.

ހުސް ބިންތަކުގައި ޕާކިން ޒޯނު ހަދައިގެން މި މައްސަލައަށް ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރެ އެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭރު މާލޭގައި ހުރި މުނިސިޕަލް ޕާކިން ލޮޓުގެ އަދަދަކީ 22 އެވެ. މާލޭގެ މަގުހަދާ މަޝްރޫއުގެ ތެރެއިން އިތުރު 23 ޕާކިން ލޮޓު އަޅަން ވަނީ ހުށަހަޅާފަ އެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް ޕާކިން ލޮޓު އިތުރުކުރުމަކީ ހައްލެއް ނޫނެވެ. ސަބަބަކީ ލޮޓު އިތުރު ކުރި ނަމަވެސް، އުޅަނދުފަހަރުގެ އަދަދު މަދެއް ނުވެ އެވެ. ދުވަހެއް ދުވަހަކަށް ވަނީ ގިނަ އެވެ. ކޮންމެ ދުވަހަކުވެސް ބާރުބޮޑުވާ ވަގުތުތަކުގައި މަގުތައް އޮންނާނީ ވެހިކަލްތަކުން ތޮއްޖެހި ޖޭމްވެފަ އެވެ. މީގެ ކުރިން ދާން އުޅޭ ތަނަކަށް މަދު މިނެޓްކޮޅެއް ތެރޭ ދެވުނަސް، އެ ކަން މިހާރު ބަދަލުވެއްޖެ އެވެ. ސަބަބަކީ ވެހިކަލްތައް ދުވަހެއް ދުވަހަކަށް އިތުރުވުމެވެ.

ސްޓިކާ ޖެހުމުގެ ސަގާފަތް ހައްލެއް ނޫން

މާލޭގެ އެންމެ ބާރުބޮޑުވާ އެއް ވަގުތުކޮޅަކީ ހެނދުނު މީހުން އޮފީހަށް ދާ ވަގުތުކޮޅެވެ. އެކަން އެނގިތިބެ، އޮފީސްތައް ހުންނަ ސަރަހައްދުތަކާއި ބާރުބޮޑުވާ އެހެން ސަރަހައްދުތަކަށް ގޮސް ފުލުހުން ތިބެނީ ސްޓިކާ ޖަހަން ފާރައަށެވެ. މިއީ ހަމަ ޓާގެޓުކޮށްގެން ފުލުހުން ކުރާ ކަމެކޭވެސް ބުނެވިދާނެ އެވެ. ޒޯނުން ޖާގައެއް ނުލިބިއްޖެނަމަ ކޮންމެވެސް ތަނަކަށް ޕާކަށް ޖަހާނެކަން ފުލުހުންނަށް ވެސް އެނގޭނެ އެވެ.

އެގޮތަށް ޕާކުކޮށްފިނަމަ ކުރިމަތިލާން ޖެހެނީ ޕާކިން ސްޓިކާއަކާ އެވެ. ޕާކުކުރާނެ ތަންކޮޅެއް ހޯދަން އެ ހޭދަވާ ވަގުތުކޮޅުގެ ސަބަބުން އޮފީހަށް ގަޑިޖެހި، އޭގެ އަސަރު މުސާރައަށް ވެސް ކުރެ އެވެ. އެވެސް މަރު، މިވެސް މަރު ހާލަތެކެވެ. މިގޮތަށް ޓާގެޓުކޮށްގެން މިކަން ކުރާނަމަ އެއީ ހައްލަކަށް ވުރެ ބޮޑަށް ކުރެވޭ ޖެއްސުމެކެވެ. ޕާކިން މައްސަލައަށް ހައްލެއް ހޯދައިދީފައި އޮއްވާ ނުގަވާއިދުން ޕާކު ކުރާނަމަ އިސްޓިކާ ޖެހުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ޕާކް ކުރާނެ އެކަށީގެންވާ ޖާގަ މާލޭގައި ނެތިސް އެކަން ކުރުމެވެ.

ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުރިހާ ވެސް މައްސަލައަކީ މާލެއަށް ނުކަތާ ވަރަށް ވެހިކަލް ގިނަވެ، އެތަކެތި ޕާކް ކުރާނެ ޖާގައެއް ނުލިބުނެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކަމަށް ހައްލެއް ހޯދަން އުޅޭތަނެއް ނުފެނެ އެވެ. ކޮންޖެޝަން ފީގެ ގޮތުގައި ނަގާ ފައިސާ ދެ ފުށް ފެންނަ ގޮތެއްގައި ބޭނުން ކުރާނެ ސިޔާސަތެއް ނުފެނެ އެވެ. އެ ފީ ނަގައިގެން މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހޭދަކުރާނެ ގޮތުގެ ސާފު މަންޒަރެއް ސަރުކާރަށް ދައްކައެއް ނުދެވެ އެވެ. މިހާރުވެސް ވެހިކަލްތަކުން އެކި ފީތައް ނަގާތައް އެތައް ޒަމާނެކެވެ. އެކަމަކު މައްސަލަތަކަށް ހައްލެއް ނުލިބެ އެވެ. ރައްޔިތުންނަށް ފަސޭހައެއް ނުވެ އެވެ.

ނާފިޒު ވިދާޅުވީ ސްޓިކާ ޖެހުމުގެ މައްސަލަ ބޮޑުވުމުން، ވަކި ވަގުތުތަކާއި ވަކި ސަރަހައްދުތަކެއްގައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ނުޖަހަން އަންގައި، ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ސާކިއުލާއެއްވެސް ނެރުނު ކަމަށެވެ. އެހެން ނަމަވެސް ގާނޫނަކުން ސްޓިކާ ޖަހަން ބާރު ލިބިދޭތީ ފުލުހުން އެކަން ނުހުއްޓައި ކުރަމުން ގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ފީ ނަގައިގެން މައްސަލަތަކަށް ހައްލު ނުލިބޭ ކަމަށް އޭނާވެސް ގަބޫލު ކުރައްވަ އެވެ. އަދި މި މައްސަލަތައް ހައްލު ކުރަން ވަށައިޖެހޭ ސިޔާސަތެއް ބޭނުންވާކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ހުރެގެން ކުރި އިއުލާނެއް އެއީ. ގަވާއިދަށް ހިލާފަށް ސްޓިކާ ޖަހާއިރު ރޭގަނޑު 12ގެ ފަހުން ސްޓިކާ ނުޖަހަން. އެއީ މީހުން ނިދާފައި ތިބޭ ވަގުތުވީމަ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުއްޓަސް ސްޓިކާ ނުޖަހަން. ދެން މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި ފެރީ ޓާމިނަލް ފަދަ ތަންތަނުގައި މީހުންނަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ނޫނީ ސްޓިކާ ނުޖަހަން. ދެން އެކަމަކު އެ ސާކިއުލާއަކަށް ނުބަލާ. އެއީ ގާނޫނުގައި އެބަ އޮވޭ ޕާކުކުރަން ޖެހޭނީ މިވެނި ތަނަކުއޭ." ނާފިޒު ވިދާޅުވި އެވެ.

"މީގައި ސުވާލަކީ އެ ސްޓިކާ ޖަހައިގެން ޖޫރިމަނާކޮށްގެން ހައްލެއް ލިބޭތޯ؟ އެކަމަކު ސްޓިކާ ޖަހައިގެންނޭ ކިޔާފައި ރަނގަޅު ޕާކިން ސްޕޭސެއްވެސް އެ ފައިސާއިން ނުހެދޭ. އޭގެ ބަދަލުގައި މައްސަލަ ހައްލުނުވެ އިތުރަށް ސީރިއަސްވާތަން މި ފެންނަނީ،"

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިފަހުން ގެނައި ހަތަރުވަނަ އިސްލާހުން ޕާކިން ޖޫރިމަނާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ވަނީ ދީފަ އެވެ. ޖޫރިމަނާ ކުރާ އަދަދު ވަނީ 250 ރުފިޔާއަށް ކުޑަކޮށްދީފަ އެވެ. އުފެދޭ ސުވާލަކީ ޖޫރިމަނާގެ އަދަދު ކުޑަކޮށް ކޮންޖެޝަންފީއިން ވަކި ލިބޭނެ ހައްލެއް އެބަ އޮތް ހެއްޔެވެ؟

"ވޯތުލެސް" މަގުތައް ބޭނުންކުރަން "ރޯޑު ވޯތިނަސް" ފީ

މާލޭގައި އުޅަނދަކަށް އަރައިގެން ތަންކޮޅަކަށް ދުއްވާލާ މީހަކަށްވެސް މަގުތަކުގެ ހާލަތު އިހުސާސް ކުރެވޭނެ އެވެ. މީގެ އެތައް އަހަރެއް ކުރިން އެޅި ގާތައް ހުރީ ހަލާކުވެފަ އެވެ. އެކިއެކި ބޭނުމަށްޓަކައި މަގު ކޮނެގެން ގައުތައް ނެގުމަށްފަހު، ހިތުހުރި ގޮތަކަށް އުކާލާފައި ދިއުމުން ހުންނަނީ އެކިވަރުވަރުގެ ވަޅުގަނޑުތައް ހެދިފަ އެވެ.

ކޮންމެ އަހަރަކު އެއްފަހަރު، ކޮންމެ އުޅަނދަކުން ރޯޑު ވޯތިނަސްގެ ނަމުގައި ފީއެއް ނަގަމުން އައިއިރު، މަގުތަކަށް އެކަށީގެންވާ ހެޔޮ ބަދަލެއް އައިތަނެއް ނުފެނެ އެވެ. ވެހިކަލްތަކާއި ގުދާރު ގުރުބާންކޮށްގެން މަގުތަކުގައި ދުއްވާއިރު، ހަލާކުވާ މަގުތައް އަލުން މަރާމާތުކުރަން އެންމެ އެދެވޭ ގޮތުގައި މަސައްކަތެއް ކޮށްފައެއް ނެތެވެ.

އަތޮޅުތަކުގެ މަގުތައް މާލެއަށްވުރެ އަދި ހާލަތު ދެރަ އެވެ. ރޯޑް ވޯތިނަސް ނެގުމުގައި އަނެއް މައްސަލައަކީ މިއީ އެވެ. ފީއެއް ނަގާނަމަ، ނަގަންވާނީ އެ ފޯރުކޮށްދެވޭ ހިދުމަތަކާ އެކަށީގެންވާ ފީއެކެވެ. އެހެން ނަމަވެސް ރޯޑް ވޯތިނަސް ނެގުމުގައި މާލެއާއި އަތޮޅުތަކާ ތަފާތެއް ނެތެވެ. ދައްކަން ޖެހެނީ އެއް އަދަދެކެވެ. މިކަމުގައި މަގުތަކުގެ ތަފާތު އަޅާކިޔުމެއް ނެތެވެ.

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނައިފަރު މަގެއް މަތީގައި ފެން ބޮޑުވެފައި -- ފޮޓޯ: ކިޔުންތެރިއެއް

މަގުހަދާ މަޝްރޫއުގެ ދުވެލި ލަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޮޑުތަކުރުފާނުމަގުން ބައެއްގައި ތާރު އަޅައި، މުޅި މަޖީދީމަގުގެ ގައުތައް ބަދަލުކުރި އެވެ. މި ސަރުކާރުން ވެސް ވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރަން ބިޔަ ބޮޑު މަޝްރޫއުއެއް އިފްތިތާހުކޮށްފަ އެވެ. އެހެން ނަމަވެސް އެ މަޝްރޫއު މަޑުޖެހިފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އާރުޑީސީއާ ހަވާލުކުރި އެ މަޝްރޫއު ފެށިފަހުން އަހަރެއްހާ ދުވަސްވާން ކައިރިވެފައިވާއިރު، ފުރަތަމަ ފިޔަވަހި އަދި ނުނިމެ އެވެ. ނަމަވެސް މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ސަރުކާރު ހިއްސާވާ އެމްޓީސީސީއިން ވަނީ މާލެ ނޫން އެހެން ރަށްރަށުގެ މަގުތައް ހަދައި ނިންމާފަ އެވެ. ޕެންޑެމިކްގެ ދަތި ހާލުގައި ހުއްޓުނީ މާލޭގެ މަގުހަދާ މަޝްރޫ އެވެ.

މާލެ ވަށައި ދުއްވޭ ގޮތަށް ރަސްފަންނުގެ ވެލިމަގު އަލުން ހުޅުވާލާފައި-- ސަންފޮޓޯ

މި މަޝްރޫއުގެ ކޮންޓްރެކްޓަރު އާރުޑީސީއިން ބުނީ ފުރަތަމަ ފިޔަވަހި ނިމޭނެ ކަމަށް ބެލެވެނީ ޑިސެމްބަރު މަހު ކަމަށެވެ.

ހައްލެއް ހަމަ ނެތީތަ؟

ޓްރާންސްޕޯޓް އޮތޯރިޓީން މީގެ ކުރިން ބޭރުގެ ބޭރުގެ ތަޖުރިބާކާރުންނާ ގުޅިގެން ހެދި ދިރާސާތަކުން ވެސް ދައްކާފައި އޮތީ މާލޭގެ ތޮއްޖެހުން ކުޑަކުރަން އޮތް ހައްލަކީ މާލޭ ސަރަހައްދުގައި ދުއްވޭ އުޅަނދުފަހަރުގެ އަދަދު ލިމިޓު ކުރުން ކަމަށެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް ތޮއްޖެހުމަށް ހޯދި ހައްލުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ މިއީ އެވެ.

"ވެހިކަލް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ބޮޑުވީމަ ސިންގަޕޫރުން ކުރި ކަމަކީ ވެހިކަލްގެ އަދަދު ލިމިޓުކޮށްފައި، އެ އަދަދަށް ޕާކިން ޖާގަ ތަރައްގީކުރީ. ދެން ކޮންމެވެސް ސަބަބަކާހުރެ އެތަނުން ޖާގައެއް ހުސްވީމަ، ބިޑު އުސޫލުން އާންމުކޮށް ހުޅުވާލައިގެން އެ ޖާގަ ވިއްކަނީ." ނާފިޒު ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކުން މިހާރު ފެންނަނީ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި، މައްސަލަ އޮތް ގޮތަށް ބާއްވާ ދައުލަތަށް އާމްދަނީ ހޯދިދާނެ ގޮތްތަކެއް ބޮޑު މައްސަލައެއްގެ ތެރެއިން ހޯދައި ގަތުމެވެ. މިވެނި މުއްދަތެއްގެ ތެރޭގައި މިވެނި އަދަދަކަށް ސައިކަލު ޓޯކޮށް، މިވެނި އަދަދަކަށް މީހުން ޖޫރިމަނާ ކޮށްފިކަމަށް ބުނެ ފުލުހުން މައުލޫމާތު ހާމަކުރެ އެވެ. މިއީ ބޮޑު މައްސަލައަށް އެޑްރެސް ކުރުމުގެ އަމާޒެއް ނެތި ހަމައެކަނި އާމްދަނީއެއް ހޯދަން ކުރާ ކަމެއް ގޮތަށް މުޅި ސިޔާސަތުގެ މަންޒަރު އެބަފެނެ އެވެ.

ފޯރިއާއެކު ފުލުހުން ޓްރެފިކް ޖޫރިމަނާތައް ނަގަމުންދާއިރު ވިސްނަން ޖެހޭ ކަމަކީ މަތިމައްޗަށް ޖޫރިމަނާ ކުރިޔަސް، ބޮޑު މައްސަލައަށް ހައްލެއް ނުލިބޭކަމެވެ. މި މައްސަލައަށް ހައްލު ލިބޭނީ ވަށައިޖެހޭ ސިޔާސަތަކުންނެވެ. ޖޫރިމަނާ އާއި ފީތަކުގެ ދިވެހިރާއްޖެއަކުން އެކަމަށް ހައްލެއް ނުލިބޭނެ އެވެ.

comment ކޮމެންޓް