އާދަމް ޝިހާބު މަސައްކަތް ފަށައިގަތީ މާލޭގެ ހާބަރު ކެފޭއެއްގެ ކައުންޓަރުގައި ސޭޓެއްގެ ވަޒީފާއިންނެވެ. މަޑުމަޑުން ކުރިއަރާ ގޮސް މިހާރު އޭނާ ހުރީ ކެއްކުމުގެ ދާއިރާގެ ވަރަށް އުހުގަ އެވެ. އޭނާ އަކީ މިހާރު ސައުދީ އަރަބިއްޔާގެ މަޝްހޫރު ރެސްޓޯރަންޓް ޗެއިންއެއްގެ މަސައްކަތް ކުރާ އެންމެ އިސް ޕޭސްޓްރީ ޝެފެވެ. އެ ޗެއިންގައި އޭނާގެ ޒިންމާ އާއި އަދާކުރާ މަސްއޫލިއްޔަތު ވަރަށް ބޮޑެވެ.
ފޭސްޓްރީ ޝެފެއްގެ އިތުރުން ޝިހާބު އަކީ ފުޑް އިންފްލުއެންސާ އެކެވެ. އަދި މިފަހުން ޝިހާބް ވަނީ ޕޭސްޓްރީއާ ގުޅޭ ފޮތެއް އަމިއްލައަށް ލިޔެ ނެރެފަ އެވެ.
ދާއިރާގައި މިހާރު އެތައް ކެފޭއަކާއި ރެސްޓޯރެންޓްތަކާއި އެކު މަސައްކަތްކުރަމުންދާ ސައުދީގެ "ވެނީލާ ގްރޫޕް ކޯ" ގެ ހެޑް އޮޕަރޭޝަންސް އަދި ޝެފް ޕާޓްނަރުގެ މަގާމުގައި ހުރި ޝިހާބު ބުނިގޮތުގައި އޭނާއަށް މިއަދު ހުރި ހިސާބަށް އަންނަން ކުރަން ޖެހުނީ ފަސޭހަ ދަތުރެއް ނޫނެވެ. އެއީ އުނދަގޫ ދަތުރެކެވެ. އެއީ މިންނެތް މަސައްކަތާއި ދަތި އުނދަގުލުގެ އެތައް ދުވަހެއްގެ ވާހަކަ އެކެވެ.
"އެންމެ ފުރަތަމަ މަސައްކަތްކުރީ ބޮޑުބޭބެއެއްގެ ރައްޓެއްސެއްގެ ފަރާތުން ލިބުނު ވަޒީފާއެއްގައި ހާބަރު ކެފޭގެ ކައުންޓަރުގައި. އޭގެ ފަހުން އިޓަލީ ކްލަބް ރިސޯޓުގެ މެނޭޖަރަކާއި ދިމާވެގެން އެތަނުގެ ބަދިގޭގައި ތަށި އެއްޗިހި ދޮވެދީ މަސައްކަތްކުރިން. ގާތްގަނޑަކަށް 17 ގަޑިއިރު އެހެން މަސައްކަތްކުރިން ދުވާލެއްގެ މައްޗަށް." ޝިހާބު ބުންޏެވެ.
އެ ރިސޯޓުގައި ދެން މަސައްކަތްކުރި އިޓަލީވިލާތުގެ ޝެފަކީ ޝިހާބް ބުނި ގޮތުގައި އޭނާއަށް އެންމެ ފުރަތަމަ ކަލިނަރީ ދާއިރާގެ ކަންކަން ދަސްކޮށްދޭން ފެށި މީހާ އެވެ.
"އަދިވެސް ހަދާން ހުރޭ...ޝެފެއްގެ ވަޅި ހިފައި ގެންގުޅޭނެ ގޮތް އެންމެ ފުރަތަމަ ކިޔައިދީ، ޕާސްތާ ތައްޔާރުކޮށް، ތަރުކާރީ އެއްޗިހި ކޮށައި، ސޯސް ހަދަން ދަސްކޮށްދިނީ އޭނަ. ދެން އެތަނުގައި ލިބޭ ހުސް ވަގުތުގައި އެތާގެ ޕޭސްޓްރީ ޝެފަށްވެސް ވަރަށް އެހީތެރިވަން،" ޝިހާބް ކިޔައިދިނެވެ.
"އޭނަ ވަރަށް ގަޔާވި އަޅުގަނޑުގެ މަސައްކަތަށް އެހެންވެ އެދުނީ އެގްޒެކިޓިވް ޝެފް ކައިރިން އަޅުގަނޑު އެކޮޅަށް [އެ ޑިޕާޓްމެންޓަށް] ބަދަލުކުރަން. ދެން އެހިސާބުން އެންމެ ފުރަތަމަ ޝެފެއްގެ ޔުނިފޯމް އަޅައި، ޕޭސްޓްރީގެ ތެރެއަށް ވަދެވުނީ."
މިއަދު، ޝިހާބަކީ ކަލިނަރީ ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ނަން މަޝްހޫރު އެއް ފަރާތޭ ބުނެވިދާނެ އެވެ. އެހެންނަމަވެސް އޭނާ އަދިވެސް ހުރީ ހަމަބިމުގައި ފައިހަމަކޮށްގެން އިތުރަށް ކުރިއެރުން ހޯދަން ފެންބޮވައިގަނެފަ އެވެ. އެންމެ ކުރީގެ ހަދާންތައް އާކުރަމުން ޝިހާބު ބުނިގޮތުގައި އޭނާ ކަލިނަރީ ދާއިރާއަށް ވަނުމަކީ ހިނދުކޮޅެއްގެ ނިންމުމެކެވެ.
އެންމެ ފުރަތަމަ ފްރެޝް އައިސްކްރީމް އުފައްދާ ގޮތް ދަސްކުރި ހިސާބުން އޭނާ ވަނީ އެ ނިންމުން ނިންމައިފަ އެވެ. އެތައް އަހަރެއް ފަހުން އަދިވެސް އެ މަސައްކަތަކީ އޭނާ ހަމަ ފުރަތަމަ ދުވަހެކޭ އެއްފައިދައިން އެހާ ގަޔާވެގެން ކުރާހިތުން ކުރާ ކަމެކެވެ.
އޭނާ ޓްރެއިނިންގް ގައި އުޅުނު ދުވަސްވަރު ޝިހާބް ވަނީ ދުނިޔެއަށް ނަން މަޝްހޫރު އެތައް ބަޔަކާއި އެކު ކައިރިން މަސައްކަތްކޮށްފަ އެވެ.
"އަޅުގަނޑު ހަދާންވޭ ފްރާންސްގެ ޕެޓިސަރީ އެވޯޑެއް ހޯދި ޝެފް ސްޓެފާން ޓްރެންޑް އާއިއެކު ޗޮކްލެޓް ޑިސްޕްލޭއެއް ތައްޔާރުކުރަން އުޅުނު ހަދާން. އެ ތައްޔާރުކޮށް ނުނިމެނީސް މުޅި އެތި ވެއްޓުނީ، ދެން އެހެން ކުދިން އެމީހުންގެ ޑިސްޕްލޭ ތައްޔާރުކޮށް ނިންމި އިރު އަޅުގަނޑުމެެން ތިބެން ޖެހުނީ ބަލަން ނާކާމިޔާބެއްގެ މަތީގައި." ޝިހާބް ބުންޏެވެ.
އެފަދަ އެތައް ކަމަކުން އިބުރަތް ނަގައިގެން ހުރި ޝިހާބް އިސް ދައުރެއް އަދާކުރާ ވެނީލާ ގުރޫޕު ކޯ އަކީ 45 އަށް ވުރެ ގިނަ ކޮފީ ޝޮޕާއި ރެސްޓޯރެންޓް އަދި ހޮޓަލުތަކަށް ކޭޓަރިންގް ހިދުމަތްދޭ ކުންފުންޏެކެވެ.
ޖީއޭއެސް އެރޭބިއަން ސާވިސަން ގްރޫޕާއި އެކު ކުރިޔަށް ގެންދާ މި ކުންފުނީގައި ޝިހާބަކީ އޮޕަރޭޝަންސްގެ ހުރިހާ ކަމަކާއި ހަވާލުވެގެން ހުރި މީހާ އެވެ.
ޝިހާބް ގެ ފޮތް، "ދަ އައިލެންޑާ ޝެފް" މިވަގުތު ވިއްކުން މަޑުޖައްސާލާފައި އޮތް ނަމަވެސް އެ ފޮތް ވަނީ ދިވެއްސަކު ތައްޔާރުކުރި ކައްކާ ފޮތެއްގެ ގޮތުގައި އެތައް އެތައް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.
އެ ފޮތަކީ 23 އަށް ވުރެ ގިނަ އޮންލައިން ބުކްޝޮޕްތަކުގައި އެންމެ ގަދަޔަށް ވިކިގެން ދިޔަ އެއް ފޮތެވެ. ދަ އައިލެންޑާ ޝެފް އަނެއްކާވެސް މި އަންނަ އަހަރުގެ މެދުތެރޭގައި އާންމުކޮށް ގަންނަން ލިބޭނެކަމަށް ޝިހާބު ދަނީ އުންމީދު ކުރަމުންނެވެ.
"އެ ފޮތުގައި ހުންނާނެ ޑޭކެޑެންޓް ޗޮކްލެޓް ކޭކާއި ޕޯލިޝް އަދި މެކަރޮންސް ކަހަލަ އިންސްޓަގްރާމުގައި އެންމެ މަގުބޫލު ޑިޝްތައް އެންމެ އެދެވޭ ގޮތަށް ތައްޔާރުކުރާނެ ގޮތް." ޝިހާބް ބުންޏެވެ.
ކިތަންމެ އަހަރަކު ރާއްޖެއިން ބެރުގައި އުޅުނަސް އަދިވެސް ޝިހާބް އަކީ އަމިއްލަ ގައުމުގެ ކެއުންތަކަށް ވަރަށް ލޯބިކުރާ މީހެކެވެ.
ބައިނަލްއަގްވާމީ ޝެފެއްގެ ގޮތުގައި ހުރެ ޝިހާބަށް އެންމެ ކަމުދާ ބައެއް ކާ އެއްޗިއްސަކީ އޭނާގެ އަމިއްލަ އުފަން ރަށް ކަމުގައިވާ ގދ. ވާދޫގައި ހައްދާ އަލުވި، ބަރަބޯ އަދި ކައްޓަލަ ކަހަލަ ތަކެތިން އުފައްދާ ކާ އެއްޗިއްސެވެ. ކުރުނބާ އަދި ފިހުނު މަހާއި ގަރުދިޔަ އަދި ބަތް ކެއުމަކީވެސް ޝިހާބް އިންތިހާއަށް ލޯބިކުރާ ކަމެކެވެ.
"އަޅުގަނޑުމެންގެ ކާބަފައިން ކެއި އެއްޗިއްސަކީ އެއްވެސް ކަހަލަ ކެމިކަލެއް ނުހުންނަ އެއްޗިހި. އެކަމަކު މިހާރު ބައެއް ދިވެހި ކެއުންތަކަށް ހުންނަނީ މާ ބޮޑަށް އިންޑިޔާ ހަވާދު ކަހަލަ އެއްޗިހި ބޭނުންކޮށްފައި." ޝިހާބު ބުންޏެވެ. މި ސަބަބާއި ހުރެ ދިވެހި ކެއުންތަކުގެ އަސްލު ރަހައާއި ސިއްހީ ފައިދާ ގެއްލޭކަމަށް ޝިހާބް ދެކެ އެވެ.
ބައިނަލްއަގްވާމީ ފުޑް އިންފްލުއެންސާއެއްގެ ގޮތުގައި ޝިހާބު ކުރާ މަސައްކަތުގައި އޭނާ ދަނީ އެތައް ޕޭޖެއް ހިންގައި އެތައް ބަޔަކު އެބައެއްގެ "ޑްރީމް ވަޒީފާ" ހޯދަން އެހީތެރިވަމުންނެވެ.
"އަބަދުވެސް ބޭނުން ޝެފުން އެކަކު އަނެކަކާއި ޕްރޮފެޝަނަލްކޮށް ގުޅުވައިދޭނެ ގޮތްތައް ހޯދަން. ޕްރޮފެޝަނަލް ޝެފް އިންސްޓަގުރާމް ނެޓްވޯކްގައި ކުރަނީ މި މަސައްކަތް، އެއް ޝެފު އަނެއް ޝެފާއި ގުޅުވައިދީ ގުޅުން ބަދަހިކުރުން،"
"ބައެއް ފަރާތްތަކާއި ދިމާވި ދުބާއީގެ އެކްސްޕޯ އިންވެސް ދެން އެހެން ބައެއް އިވެންޓް ތަކުންވެސް. އެކަމަކު ކޮންމެ ދުވަހަކުހެން ހަމަ އެތައް މެސެޖެއް ލިބޭ އެތައް ޝެފުންގެ ފަރާތުން." ޝިހާބް ބުންޏެވެ.
އޭނާގެ ނަސޭހަތަކީ އަލަށް ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާން ކުދިން މި ދާއިރާއިން ތައުލީމު އުގެނުމަށް ބޮޑު އިސްކަމެއް ދިނުމެވެ. އެހެން ނޫން ނަމަ މި ދާއިރާގައި ވާދަކުރަން އުނދަގޫ ވާނެ ކަމަށް އޭނާ ބުނެ އެވެ.
"އަމިއްލަ އީގޯ އެއްފަރާތްކޮށް، ވީހާވެސް ގިނައިން އުގެނެންވީ އޮންލައިންކޮށް. މިއަދުގެ ޒުވާން ޖީލު ސިޔާސީ ގޮތުންނާއި އެކިކަހަލަ ގޯސް ފިކުރުތަކުގައި ޖެހިގެން ދިޔުމަށްވުރެ ހަގީގަތުގައި ވީ އަމިއްލަ ކުރިމަގަށް ވިސްނައި ހަޔާތަށް މާނައެއް ގެނުވާނެފަދަ މަސައްކަތް ކުރުމުގައި ވީ ޝާމިލުވާން." ޝިހާބް ކިޔައިދިނެވެ.
ޝިހާބު ބުނިގޮތުގައި ދާއިރާއަށް އަލަން ވަންނަ ފަރާތްތަކުން ވިސްނަންވީ އެބައެއްގެ ހުރި ބަލިފައިތައް އަވަހަށް ދަސްކޮށް އެކަންކަން ރަނގަޅުކުރުމަށެވެ. އަދި އަބަދުވެސް އެންމެ ހެޔޮ ގޮތުގައި ވިސްނައި އިތުރަށް ކުރިހޯދައި ކުރާ ކަމެއް ކުރާ ހިތުން ކުރުމަކީ އާ ޖީލަކަށް އޭނާ ދޫކުރާ ނަމޫނާ އެވެ.
"އަދާކުރާ ވަޒީފާ އަދާކުރަންވާނީ މުސާރައަކަށް ނޫން، އެކަން ކުރަން ވަނި އެކަން ކުރާ ހިތުން އެހެންވެ. ފައިސާ އޭގެ ފަހަތުން ލިބޭނެ ހަމަ." ޝިހާބް ބުންޏެވެ.