ލޮނުފެނުން މަސް ފިނި ކުރާ ނިޒާމުން ޑިއުޓީ މާފުކޮށްދެނީ

މާލޭ ފަޅުގައި އޮތް ދޯންޏަކުން މަސްތަކެއް ބާލައިގެން ގެންދަނީ: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަސްވެރިކަން ކުރާ އުޅަނދު ފަހަރުގައި ގާއިމްކުރާ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް، ރެފްރިޖަރޭޝަން ސީ ވޯޓާ ސިސްޓަމް އިން އިމްޕޯޓް ޑިއުޓީ މާފުކޮށްދޭން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސިސްޓަމުން ޑިއުޓީ މާފުކުރަން ބޭނުންވާ ފަރާތްތަކުން "ޑިއުޓީ މާފް ކުރުމަށް އެދޭ ފޯމް" އާއި އިންވޮއިސް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން ޑިއުޓީ މާފްކޮށްދޭނެ ކަމަށެވެ.

ރެފްރިޖިރޭޝަން ސީ ވޯޓާ ސިސްޓަމްއަކީ ރާއްޖޭގެ މަސްވެރިން މަސްވެރިކަމަށް ނުކުންނަ ދަތުރުތަކުގައި އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މަސްވެރިކަން ކުރާ އުޅަނދުތަކުގައި ގާއިމްކުރަމުން އަންނަ ސިސްޓަމެކެވެ.

އެ ސިސްޓަމްގެ ސަބަބުން މަސް ކިރެންދެން މަސް ތާޒާކަންމަތީ ދޯނިފަހަރުގައި ބެހެއްޓޭއިރު އެ ސިސްޓަމުން ޑިއުޓީ ކަނޑާލުމުން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީ ކުރަން އިތުރު ލުޔެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް