ސީޒަން ފެށުމަށް އެންމެ މުހިއްމު ކަމަކީ ފުރަތަމަ މެޗުން ރަނގަޅު ލީޑަކާ އެކު މޮޅުވުން ކަމަށާއި، މިއަދުގެ މޮޅާ އެކު އެކަން ހާސިލް ވެއްޖެ ކަމަށް މާޒިޔާގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މިއަދު ހަވީރު ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ޔޫވީގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު އުމެއިރު އާއި އަލީ އަމްދާންގެ ގޯލުތަކުން މާޒިޔާ ލީޑު ނެގި އިރު، ދެވަނަ ހާފުގައި ޖެހި ދެ ގޯލަކީ ކެޕްޓަން އަސަދުﷲ އަބްދުﷲ ޖަހައިދިން ދެ ގޯލެވެ. ހަތަރު ގޯލުގެ ލީޑަކާ އެކު މެޗު ނިންމާލި ނަމަވެސް މާޒިޔާއަށް ވަނީ ތަފާތު ބޮޑު ލީޑަކާ އެކު މެޗު ނިންމާލުމުގެ ފުރުސަތު ލިބިފަ އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްއިން ފަހަތުން އަރައި މާޒިޔާއިން ސިއްސުވާލި އިރު، މާޒިޔާގެ ކޯޗު ނިޒާމްބެ ބުނީ އެ މެޗުން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުން ކުޅުންތެރިންނަށް ލިބުނު މުހިއްމު ތަޖުރިބާއެއް ކަމަށެވެ. އަދި އެ މެޗުގައި ހެދުނު ގޯސްތަކުން އިބްރަތް ލިބިގަނެ ލީގު މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތް ކުރާނެ ކަމަށް ނިޒާމްބެ ބުންޏެވެ.
އެ މެޗުގައި ކުޅުނު ބައެއް ކުޅުންތެރިން ނުލައި މިއަދު ކުޅުނު މެޗުގައި މާޒިޔާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު، މެޗުގެ އެންމެ ބޮޑު އަމާޒަކަށްވީ ލީގުގެ ފުރަތަމަ މެޗު ރަނގަޅަށް ފެށުން ކަމަށާއި، އެކަން ހާސިލް ވުމުން ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
"ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރި މޮޅުވުން އެއީ މީގަ އެންމެ މުހިއްމު ކަމަކީ. މިއަދު އެ މަގުސަދު ހާސިލް ކުރެވުމަކީ ވަރަށް ބޮޑު އެޗީވްމެންޓެއް. ވަރަށް ހިތްހަމަ ޖެހޭ މިއަދުގެ ނަތީޖާއާ ދޭތެރޭ، ފުރަތަމަ މެޗުން މޮޅުވީމަ،" މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ، މިއަދު އެ ޓީމާ ދެކޮޅަށް ކުޅުނު ޔޫވީ އަކީ ބަލި ޓީމެކޭ ނުބުނެވޭނެ ކަމަށެވެ. ޔޫވީ އަކީ މިފަހަރުގެ ސީޒަނުގައި އޮތް އެންމެ ރަނގަޅަށް ތައްޔާރުވި ޓީމުތަކުގެ ތެރެއިން ޓީމެއް ކަމަށާއި، އެންމެ ހިތްހަމަ ޖެހެނީ ރަނގަޅު ކުޅުމަކާ އެކު މެޗުން މޮޅުވުން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
މާޒިޔާއަކީ މިފަހަރުގެ ސީޒަނަށް އެންމެ ދުރާލައި ތައްޔާރުވާން ފެށި ޓީމެވެ. އެ ޓީމުން ކުރީ ސީޒަނުގެ އޭއެފްސީއަށް ނެގި ސްކޮޑުގެ ގިނަ ކުޅުންތެރިންތަކަކާ އެކު މި ސީޒަނާ ކުރިމަތިލާނީ ވެސް ތަށްޓަށް އަމާޒު ޖަހައިގެން ކަމަށް ނިޒާމްބެ ވަނީ މީގެ ކުރިން ބުނެފަ އެވެ.