ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ރޮނާލްޑޯ އާއި މެސީ އަދި ލެވަންޑައުސްކީ

ފީފާއިން މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވޭ ފަރާތަށް ދޭ ޓްރޮފީ ... ފޮޓޯ/ ފީފާ

ފެޑެރޭޝަން އިންޓަނޭޝަނޭލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފައިނަލިސްޓުންގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައޮނަލް މެސީ އަދި ރޮބާޓް ލެވަންޑައުސްކީ ހޮވިއްޖެއެވެ.

ބެސްޓް ފީފާ މެންސް ޕްލޭޔަރގެ މަގާމަށް ވާދަކުރާ ފައިނަލިސްޓުންގެ ގޮތުގައި މެސީ އާއި ރޮނާލްޑޯ އަދި ލެވަންޑައުސްކީގެ ނަންތައް ފީފާއިން އިއުލާނުކޮށްފައި ވަނީ އިއްޔެ އެވެ. އެ މަގާމަށް ވާދަކުރާ ތިން ފައިނަލިސްޓުންގެ ގޮތުގައި މި ތިން ކުޅުންތެރިން ހޮވިފައި ވަނީ މިދިޔަ މަހު ފީފާއިން އިއުލާނުކުރި 11 ކުޅުންތެރިންގެ ލިސްޓަކުންނެވެ. އަދި އެ މަގާމު ކާމިޔާބުކުރާ ފަރާތް އިނގިގެން ދާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ބެސްޓް ފީފާ މެންސް ޕްލޭޔަރގެ މަގާމު މިދިޔަ އަހަރު ކާމިޔާބު ކޮށްފައި ވަނީ ބާސެލޯނާގެ މެސީ އެވެ. އަދި ރިއާލް މެޑްރިޑާއި އެކު 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ރޮނާލްޑޯ އެ މަގާމު ކާމިޔާބު ކޮށްފައި ވާއިރު، ލެވަންޑައުސްކީއަށް ވަނީ އަދި މި މަގާމު ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

އަދި މިހާތަނަށް އެ މަގާމު ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، ގިނަ ބަޔަކު ދެކޭގޮތުގައި މި އަހަރު އެ މަގާމް ކާމިޔާބު ކުރުން އެންމެ ގާތީ ޔޫއެފާ މެންސް ޕްލޭޔަރ އޮފް ދަ އިޔަރ އެވާޑް މިއަހަރު ހޯދި ލެވަންޑައުސްކީ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ބެޔާން މިއުނިކާއެކު ބުންޑަސްލީގާ އާއި ޑީއެފްބީ ކަޕްގެ އިތުރުން ޔޫއެފާ ޗެންޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ބެސްޓް ފީފާ މެންސް ޕްލޭޔަރގެ އިތުރުން ބެސްޓް ފީފާ މެންސް ގޯލްކީޕަރ އާއި ބެސްޓް ފީފާ ވިމަންސް ޕްލޭޔަރ، ބެސްޓް ފީފާ ވިމްންސް ގޯލްކީޕަރ، ބެސްޓް ފީފާ މެންސް ކޯޗް، ބެސްޓް ފީފާ ވިމަންސް ކޯޗް އަދި ފީފާ ޕުސްކާސް އެވޯޑަށް ހޮވުނު ތިން ފައިނަލިސްޓުންވެސް ފީފާއިން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން ބެސްޓް ފީފާ މެންސް ގޯލްކީޕަރގެ ފައިނަލިސްޓުންނަށް ލިވަރޕޫލްގެ އެލިސަން ބެކަރ އާއި ބެޔާން މިއުނިކްގެ މެނުއެލް ނޯޔަރ އަދި އެތްލެޓިކޯ މެޑްރިޑުގެ ޔޮން އޮބްލެކް ހޮވުނުއިރު، ބެސްޓް ފީފާ މެންސް ކޯޗުގެ ފައިނަލިސްޓުންނަށް ހޮވިފައި ވަނީ ލީޑްސް ޔުނައިޓަޑްގެ މަރސެލޯ ބިއެލްސާ އާއި ބެޔާން މިއުނިކްގެ ހެންސް ޑީޓަރ ފްލިކްގެ އިތުރުން ލިވަރޕޫލްގެ ޔަރގެން ކްލޮޕް އެވެ.

ބެސްޓް ފީފާ ވިމަންސް ޕްލޭޔަރގެ ފައިނަލިސްޓުންނަށް ފީފާއިން އިއުލާނުކޮށްފައި ވަނީ މެންޗެސްޓަރ ސިޓީ ޑަބްލިއުއެފްސީގެ ލޫސީ ބްރޮންޒް އާއި ޗެލްސީ އެފްސީ ވިމަންގެ ޕެނިލް ހާޑަރ އާއި އޮލިމްޕީކް ލިއޮނޭގެ ވެންޑީ ރެނާޑް އެވެ. އަދި ބެސްޓް ފީފާ ވިމަންސް ގޯލްކީޕަރގެ ފައިނަލިސްޓުންނަށް އޮލިމްޕީކް ލިއޮނޭގެ ސާރާ ބޯހައްދީ އާއި ޕީއެސްޖީގެ ކްރިސްޓޭން އެންޑްލަރ އަދި ޗިކާގޯ ރެޑް ސްޓަރސްގެ އެލިސާ ނޭހަރ ހޮވުނުއިރު، ބެސްޓް ފީފާ ވިމަންސް ކޯޗުގެ ފައިނަލިސްޓުންނަށް ހޮވުނީ ޗެލްސީ އެފްސީ ވިމަންގެ އެމާ ހޭސް އާއި އޮލިމްޕީކް ލިއޮނޭގެ ޖޯންލަކް ވަސޫރް އަދި ނެދަލޭންޑް ގައުމީ ޓީމްގެ ސެރީނާ ވިގްމަން އެވެ.

comment ކޮމެންޓް