މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޖަލަށްލި އަދި ފަހުން ގޭބަންދަށް ބަދަލު ކުރި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި އެވެ.
ހިޔާނާތުގެ މައްސަލައާ ގުޅިގެން ޒިޔަތު ހައްޔަރުކުރީ 23 އޮކްޓޯބަރު 2015 ގަ އެވެ. ޅ. މާބިންހުރާ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އޭނާއަށް އަށް އަހަރުގެ ހުކުމެއް އިއްވީ 23 ޖޫން 2016 ގަ އެވެ. ކަރެކްޝަންސްއިން އޭނާ ގޭބަންދަށް ބަދަލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ނުވައެއް ގަ އެވެ.
އެހެންނަމަވެސް، މިދިޔަ ހޯމަ ދުވަހު ކުރި ހުކުމާއެކު އެ ދުވަހު އޭނާ އަލުން ޖަލު ބަންދަށް ވަނީ ބަދަލުކޮށްފަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު މިއަދު ވަނީ އެކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ޒިޔަތުގެ މައްޗަށް ހިޔާނާތުގެ 32 ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގަ އެވެ.
ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ޒިޔަތުގެ އަދަބު 11 އަހަރަށް ކުޑަކުރަން ނިންމި އެވެ. އެ އެއްބަސްވުމުގެ ދަށުން ހިޔާނާތުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ދޭން އޭނާ ވަނީ އެއްބަސްވެފަ އެވެ.
ޅ. މާބިންހުރާ މައްސަލައިގެ ގާތްގަނޑަކަށް ފަސް އަހަރު ޒިޔަތު މިހާރު ވަނީ ތަންފީޒު ކުރައްވައިފަ އެވެ. އެހެންވެ އޭނާ ތަންފީޒު ކުރަން އަދި ބާކީ ގާތްގަނޑަކަށް 14 އަހަރު އެބަ އޮތެވެ.