ފަހަތުން އަރައި މާޒިޔާ ބަލިކޮށް އީގަލްސްއިން ޗެރިޓީ ޝީލްޑް އުފުލާލައިފި

ކުލަބު އީގަލްސްއިން ޗެރިޓީ ޝީލްޑް ފުރަތަމަ ފަހަރަށް ހިއްލާލަނީ - އެފްއޭއެމް

މިފަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ގާތުން ފަހަތުން އަރައި އީގަލްސް ކުރި ހޯދައިފި އެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި މިރޭ ކުޅުނު ވާދަވެރި މެޗުން މާޒިޔާ އަތުން އީގަލްސް ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް ރެފްރީކަން ކޮށްފައިވާ ހަންގޭރީގެ ވިކްޓަ ކަސާއީ އިންސާފު ކުރި މި މެޗުން ހޯދި ކާމިޔާބީއަކީ އީގަލްސްއިން މި ޝީލްޑް މިހާތަނަށް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ބިދޭސީ އެއްވެސް ކުޅުންތެރިއަކު ޓީމުގައި ނުހިމަނާ އީގަލްސްއިން ކުޅުނު އެ މެޗު ފަށައިގެން ދެވަނަ މިނަޓުގައި މާޒިޔާއިން ވަނީ ލީޑު ނަގައި، އީގަލްސް ހާސްކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. މިއީ މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޕީޓަ ޕްލަނިޗްގެ އެހީއާއެކު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓެ) ބޮލުން ޖަހައި ވައްދާލި ގޯލެކެވެ.

އަދި މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ ފޯވާޑް އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މިއީ އޭރިއާ ތެރެއިން މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް އީގަލްސްގެ ގޯލްކީޕަރު މުޙައްމަދު ސިނާހު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފުގައި އީގަލްސްއިން ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމުގެ ފޯވާޑް އަހުމަދު ރިޒްވާން ވަނީ އެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ރިޒޭ ވަނީ ދެވަނަ ހާފު ފަށައިގެން އީގަލްސްއިން ޖެހި ދެ ގޯލު ޖަހަން އެސިސްޓް ކޮށްދީފަ އެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ރިޒޭ ދިން ޕާހަކުން އީގަލްސްއަށް ފަރަގު ކުޑަކޮށްދިނީ ޒައިން ޒަފަރެވެ. އަދި 71 ވަނަ މިނެޓުގައި ރިޒޭ ދިން ޕާހަކުން މުޙައްމަދު ނާއިމް ވަނީ އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފަހަތުން އަރައި މަތި މައްޗަށް ދެ ގޯލު އީގަލްސްއިން ޖަހައި އުންމީދު ބޮޑުކޮށް ވަރުގަދައަށް ކުޅެން ފެށި އިރު، މާޒިޔާގެ ޓީމުން ވަރަށް ބޮޑަށް ވަރުބަލިކަން ވަނީ ފެނިފަ އެވެ. ނަތީޖާއަކަށްވީ 74 ވަނަ މިނަޓުގައި އީގަލްސްގެ ޒައިންއަށް މާޒިޔާގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފުރީ ޕެނަލްޓީއެއް ދިނުމެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އީގަލްސްއަށް މެޗުގައި ލީޑު ނަގައިދިނީ ރިޒޭ އެވެ.

އީގަލްސްއިން ސީޒަަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، ޗެރިޓީ ޝީލްޑަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

comment ކޮމެންޓް