ކޮވިޑާ އެކު ދުނިޔޭގައި ވަރީގެ ރޭޓް އިތުރުވަނީ

ކޮވިޑް19 އާއިއެކު ދުނިޔޭގައި ވަރިވެސް ގިނަވަނީ--

އަހަރުގެ ކުރީކޮޅު ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެން ފަށައި ލޮކްޑައުން ކުރި ހިސާބުން ހީވީ އެކުގައި ދިރިއުޅޭ ލޯބި ޖޯޑުތަކަށް އީދެއް އައި ހެނެވެ. އަބަދުމެ މަސައްކަތުގައި ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަކުރަންޖެހިފައި ތިބި ދެމަފަރިންނަށް އެކުގައި ގޭގައި ވަގުތު ހޭދަކޮށްލަން ލިބުނު އެއީ ރަނުގެ ފުރުސަތެކެވެ. އެހެންނަމަވެސް މިހާރު ފެންނަން ހުރި ތަފާސް ހިސާބުތަކުން، ލޮކްޑައުން ނިމި އުންމީދުކުރި ގޮތާ ޚިލާފަށް އެ ލޯބީގެ ހުޅުކޮޅު ވެސް ނިވި ހުސްވެއްޖެ އެވެ.

ބީބީސީ އިން ޝާއިރުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ބްރޭކް-އަޕްތަކާއި ވަރީގެ ރޭޓް އިނގިރޭސިވިލާތުގައި ވަނީ އިންތިހާއަށް މަތިވެފަަ އެވެ. އެ ގައުމުގެ މަޝްހޫރު ލޯ ފާމެއް ކަމުގައިވާ ސްޓިއުއެޓް އިން ބުނާގޮތުން ޖުލައި މަހާއި އޮކްޓޯބަރު މަހުގައި ފައިލްކުރި ވަރީގެ މައްސަަލަތައް ވަނީ މިދިޔަ އަހަރުގެ އެ ދުވަސްވަރާ އަޅާބަލާ އިރު 122 ޕަސެންޓް އިިތުރުވެފަ އެވެ.

އަދި ހިލޭސާބަހަށް މީހުންނަށް ލަފާދިނުމުގައި މަސައްކަތްކުރާ ޗެރިޓީ ސިޓިޒެންސް އެޑްވައިސް ގްރޫޕުން ވެސް ބުނެފައި ވަނީ، ވަރި ކުރުމާއި ލޯބީގެ ގުޅުންތައް ނިންމާލުމުގައި އެހީއަށް އެދޭ މީހުން އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

އެމެރިކާއަށް ބަލާއިރު، ޤާނޫނީ ކޮންޓްރެކްޓް ހަދައިދޭ ވެބްސައިޓްއަކުން ވަނީ ވަރީގެ އެގްރިމެންޓަށް އެދޭ މީހުންގެ އަދަދު 34 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި މީގެ ތެރެއިން 20 ޕަސެންޓަކީ ފާއިތުވި ފަސް މަހުގެ ތެރޭގައި އަލަށް ކައިވެނި ކުރި މީހުން ކަމަށް ވެސް ވެބްސައިޓުން ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއަކީ އެންމެ ހަރުކަށި ލޮކްޑައުންގެ އުސޫލުތައް ގެންގުޅުނު ގައުމަށްވާއިރު އެ ގައުމުގައި ވެސް މި އަދަދުތައް ހުރީ ހަމަ އެގޮތަށެވެ. އަދި އުސޫލުތައް އެންމެ ލުއިކޮށް ހުރި ސްވިޑަންގެ ހާލަކީ ވެސް ހަމަ މިއީ އެވެ.

ލޯޔަރުންނާއި ތެރަޕިސްޓުންނާއި އަދި ދިރާސާވެރިން ބުނާ ގޮތުން ކުރިއަށް އޮތް އަހަރުގައި ވެސް ދުނިޔޭގައި ވަރީގެ ނިސްބަތް ދާނީ އިތުރުވަމުން ނެވެ. އަދި މިފަދައިން މެދުވެރިވާ ސަބަބެއް ކަމުގައި އެ ފަރާތްތަކުން އަންދާޒާ ކުރާ ސަބަބުތައް ވެސް ގިނަ އެވެ.

ސްޓިއުއެޓް ލޯ ފާމްގެ އެއް ޕާޓްނަރު ކާލީ ކިންޗް ވިދާޅުވާ ގޮތުގައި އެ ގައުމުގައި މީގެ ކުރިން ވެސް ވަރި އެންމެ ގިނަވަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ. އަދި މިހެން މެދުވެރިވަނީ ވެސް ދެމަފިރިންއެކުގައި ގިނަ ވަގުތު ހޭދަކުރަން ލިބުމާ އެކު އެކަކު އަނެކަކު ކިބައިގައި ހުންނަ އުނި ސިފަތައް މާބޮޑަށް ފާހަގަވުމެވެ.

ހާއްސަކޮށް ދެމަފިރިންނަކީ ވެސް މަސައްކަތްކުރާ ދެމީހުންނަށްވެފައި ލޮކްޑައުންގައި ގޭގައި ތިބެގެން ގިނަބަޔަކު ވަޒީފާއަދާކުރަމުން ދިޔައިރު އެކަކުގެ ފަރާތުން އަނެކަކަށް ލިބެން ޖެހޭ އެހީތެރިކަމާއި އޯގާތެރިކަން އެންމެ ފުރިހަމަ އަށް ނުލިބުމަކީ މިކަމުގެ އެއް ސަބަބު ކަމުގައި އޭނާ ބުނެފައިވެ އެވެ. އަދި އެ ލޯ ފާމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިފަހުން ވަރިއަށް އެދެން ހުށަހެޅި މައްސަލަތަކުގައި އަންހެނުން އިސްނަގައިން އެދުނު މިންވަރު ހުރީ 76 ޕަސެންޓްގަ އެވެ. ނަމަވެސް މިދިޔަ އަހަރު އެ މިންވަރު ހުރީ 60 ޕަސެންޓްގަ އެވެ.

ހަމައެޔާ އެކު ދެވަނަ ސަބަބެއްކަމުގައި ބެލެވެނީ ނަފްސާނީ މައްސަލަތައް އިތުރުވުމެވެ. ދުނިޔޭގައި 67.8 މިލިއަން މީހުންނަށް ކޮވިޑްޖެހި އޭގެތެރެއިން 1.5 މިލިއަން މީހުން މަރުވެފައިވާ އިރު، މިއީ ނަފްސާނީގޮތުން ބޮޑެތި އަސަރުތަކެއް އެކި މީހުންނަށް ކުރުވި ކަމެކެވެ. ހާއްސަކޮށް ކުރީގެ ދިރިއުޅުން ވަގުތީ ގޮތުންނަމަވެސް ހުއްޓި ވަކި ތަނެއްގައި ބަންދުވެގެން އިންނަންޖެހުން އެއްބަޔަކަށް ސިފަކުރެވެނީ އެއްވެސް ޕްރެޝަރެއް ބޭރު ނުވާ ޕްރެޝަރު ކުކަރު ތަކެއް ފަދައިންނެވެ.

ހަމައެޔާއެކު، ކޮވިޑް19ގެ ސަބަބުން އިޤްތިސާދީ މަސައްކަތްތައް ހުއްޓި ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެފައިވާއިރު، މިއީވެސް ވަރި ގިނަވުމަށް މެދުވެރިވި ސަބަބެއްކަމަށް ރިލޭޝަންޝިޕް އެކްސްޕާޓުން ބުނެފައިވެ އެވެ. ފައިސާއަކީ އާއިލާއެއް ބިނާކުރުމުގައި އެންމެ މުހިންމު އެއްކަމަށް ވާއިރު، ބައެއް ޚަރަދުތައް ނުކުރެވި، އަނެއްބައި ކަންކަމަށް އިސްކަންދޭން ޖެހުމަކީ ވެސް ގިނަ ބަޔަކަށް އުނދަގޫތަކެއް ދިމާވި ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެންޒައިޓީ އާއި ރުޅީގެ މައްސަަލަތަކާއި އަދި ގެވެށި އަނިޔާ ވެސް ގިނަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް