ދެ އަހަރުގެ އިންތިޒާރަކަށް ފަހު މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުން މިރޭ!

މެސީއާއި ރޮނާލްޑޯގެ ވަރުގަދަ ކުރިމަތިލުން މިރޭ ---

ފުޓުބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ވާދަވެރިކަމެއް ކަމަށް ގިނަބަޔަކު އިއްތިފާގުވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ލިއޮނެލް މެސީ ދެ އަހަރުގެ އިންތިޒާރަކަށްފަހު އަލުން އެއް ދަނޑަކުން ބައްދަލުކުރާނެ ކަމުގެ ފެހި ސިގްނަލް ޔުވެންޓަސްއާއި، ބާސެލޯނާއިން ދީފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ބާސެލޯނާއާއި ޔުވެންޓަސް ބައްދަލު ކުރާ މެޗަކީ މުބާރާތުގެ ގުރު ނެގި ދުވަހުން ފެށިގެން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މެޗެވެ. މި މެޗު އެހާ ހާއްސަ ވަނީ ފުޓުބޯޅައިގެ "ގޯޓް"ގެ ޒުވާބުގައި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު މެދު ކެނޑުމެއް ނެތި އެންމެ ކުރީގައި ނަން ކިޔާލެވޭ މެސީ އާއި ރޮނާލްޑޯ އެއް ދަނޑަކުން އަލުން ފެނާތީ އެވެ.

އެންމެ ފަހުން މި ދެ ކުޅުންތެރިން ދެ ޓީމުގައި ތިބެގެން އެއް ދަނޑަކުން ފެނިފައި ވަނީ 2018 ވަނަ އަހަރުގެ މޭ މަހު އެވެ. ރޮނާލްޑޯ ރެއާލް މެޑްރިޑްގައި ހޭދަކުރި ދުވަސްތަކުގައި މި ދެކުޅުންތެރިންގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ފުޓުބޯޅައިގެ އެންމެ ވާދަވެރި މެޗު ކަމަށްވާ އެލްކުލެސިކޯ އެވެ. ދެ ކުޅުންތެރިން އެލްކުލެސިކޯގައި ދެއްކި ޖާދޫގެ ސަބަބުން ކުލަބު ވާޑަވެރިކަން ފަހަނައަޅާ ގޮސް ފުޓުބޯޅައިގެ ތާރީހުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ ޒުވާބަށް ދެކުޅުންތެރިން ވަނީ ފެތިފަ އެވެ.

އެހެން ކަމުން މިރޭގެ މެޗަކީ ޔުވެންޓަސްއާއި، ބާސެލޯނާގެ ކުރިމަތިލުމަށްވުރެން މެސީ އަދި ރޮނާލްޑޯގެ ވާދަވެރިކަން ފެންނާނެ މެޗެއް ކަމަށް ގިނަބަޔަކު ސިފަ ކުރެ އެވެ.

މޮޅު ކުޅުންތެރިޔާގެ ޒުވާބުގައި ދެ ކުޅުންތެރިން ވެސް އެކަކު އަނެކަކަށްވުރެން މޮޅެތި ރެކޯޑްތަކާއި، އެވޯޑްތައް ހޯދަމުން އަންނަ އިރު، މެސީ ވަނީ މިހާތަނަށް ހަ ފަހަރެއްގެ މަތިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ރޮނާލްޑޯއަށް އެ އެވޯޑް ފަސް ފަހަރު ލިބުނު އިރު، އޭނާ ވަނީ ފަސް ފަހަރެެއްގެ މަތިން ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މެސީއަށް އެމުބާރާތް ކާމިޔާބުވީ ހަތަރު ފަހަރެވެ.

ރޮނާލްޑޯ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ކުރިއަށް ދިއުމުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ މެސީ ކަމަށެވެ. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށްވުރެން ކުރި ހޯދަން މަސައްކަތް ކުރާ ކަމަށާއި، އޭގެ ސަބަބުން ކުޅުމަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މީޑިއާތަކުގައި ދައުރުވާ ފަދައިން ދެކުޅުންތެރިންނަކީ ހަތުރުން ނޫންކަމަށާއި، މެސީއާ އެކު އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށް ރޮނާާލްޑޯ ވަނީ ބުނެފަ އެވެ.

މިފަހަރުގެ ސީޒަނުގައި ރޮނާލްޑޯ ތަފާތު ފޯމެއްގައި ފެންނަމުންދާ އިރު، މެސީގެ އެންމެ މޮޅު ކުޅުން އަދި ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް ޔުވެންޓަސްއާއި ބާސެލޯނާގެ ފުރަތަމަ ކުރިމަތިލުން ބާސެލޯނާއިން ކާމިޔާބު ކުރުމުގައި މެސީ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. މެސީ އެ މެޗުގައި ގޯލު ޖަހާފައިވާ އިރު، ކޮވިޑްގެ ޝިކާރައަކަށްވި ރޮނާލްޑޯއަށް އެ މެޗު ވަނީ ގެއްލިފަ އެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު 100 އިންސައްތަ ރެކޯޑާ އެކު ބާސެލޯނާ ގުރޫޕް ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ޔުވެންޓަސް 12 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި އޮތީ ޑައިނަމޯ ކިއެވް އެވެ.

comment ކޮމެންޓް