ވާޗުއަލް ޤުރްއާން މުބާރާތް: ފައިނަލް ބުރަށް ހޮވުނީ 343 ބައިވެރިން

ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިއަކު ކިޔަވަނީ.- ފޮޓޯ/ސަން ފޮޓޯ

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ލިސްޓް އާންމުކޮށްފިއެވެ.

ކީރިތި ޤުރާނާއިބެހޭ ގައުމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ފެށީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

މުބާރާތް ކުރިއަށް ގެންދަނީ، މިނިސްޓްރީގެ ހާއްސަ ޕޯޓަލްއެއް އަދި ވައިބާ މެދުވެރިކޮށް ރެކޯޑިން ފޮނުވައިގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 2598 ބައިވެރިން ވީޑިއޯ ހުށަހެޅި ކަމަށެވެ. އެއީ ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 195 ބައިވެރީންނާއި ކުރު ރާގަށް ކިޔެވުމަށް ހުށަހެޅި 2398 ބައިވެރިންނެވެ.

އޭގެ ތެރެއިން ފައިނަލް ބުރަށް ހޮވިފައި ވަނީ 343 ބައިވެރިންނެވެ. އެއީ ކުރު ރާގަށް ކިޔެވުމަށް ހުށަހެޅި 309 ބައިވެރީންނާއި ދިގު ރާގަށް ކިޔެވުމަށް ހުށަހެޅި 34 ބައިވެރިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފައިނަލް ބުރަށް ހޮވުނު ބައިވެރިންގެ ރެކޯޑިން ހުށަހަޅާނީ 13 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ 08:00 އިން 17 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕޯޓަލް އަދި ވައިބާ މެދުވެރިކޮށް ކަމަށެވެ.

ކޮންމެ ބައިވެރިއަކަށް ވެސް ފައިނަލް ބުރަށް ހުށަހެޅޭނީ އެއް ރެކޯޑިން އެވެ. ފައިނަލް ބުރުގައި ވީޑިއޯ ރެކޯޑުކުރާ އިރު ސަމާލުކަން ދޭންވީ ކަންކަން ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން ޕޯޓަލް މެދުވެރިކޮށް އަމިއްލައަށް ޖެނެރޭޓް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް