އެމްޕީއެލްގެ ތެލުގެ ވައްކަން މަޖިލީހުން ވެސް ފުލުހަށް ހުށަހަޅަނީ

މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެލުގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީ (އެސްއޯއީ) ކޮމިޓީން ފާސްކޮށްފި އެވެ.

ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި އެސްއޯއީ ކޮމެޓީ އިން އެމްޕީއެލްގެ ތެލުގެ ހިޔާނާތުގެ މައްސަލަ ބަލައި އެކަމާ ގުޅޭގޮތުން ނިންމާފައިވަނީ އެމްޕީއެލްގެ އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ ހޯދުމުގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ތަހުގީގީ އިދާރާތަކަށް ދެންނެވުމަށާއި އިންޓާނަލް މެނޭޖުމެންޓު އޮޑިޓެއް ހެދުމަށެވެ.

ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރެއިން ތެލުގެ ވިޔަފާރީގެ ހިޔާނާތެއް ހިނގާފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ކަން ކޮށްފައިވަނީ ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި އެމްޕީއެލްގެ މުވައްޒަފުންތަކެއް ގުޅިގެން ކަމަށާއި އެ ކަމުގައި ބައިވެރިވި މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް އެ ދެކުންފުނިންވެސް ވަނީ ބުނެފައެވެ.

ކޮމެޓީގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ބޮޑު އަދަދަކުންވި އެ ހިޔާނާތަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހިނގާފައި އޮންނާނެ ކަމެއް ނޫނެވެ. އެކަން ހިނގައިދިޔައީ ކޮން މުއްދަތެއްގައި، ކޮން ދުވަސްވަރެއްގައިތޯ ބަލަން ބޭނުންވާ ކަމަށާއި އެފްއެސްއެމް އާއި އެމްޕީއެލްގެ އޮޑިޓެއް ހަދަން އެދޭ ކަމަށެވެ.

ކޮމެޓީގެ މެންބަރުން އެދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ބޭނުންވާ ތެޔޮ ހޯދުމުގެ ކޮރަޕްޝަނުގެ މައްސަލަ ބެލުމަށް ތަހުގީގީ އިދާރާތަކަށް ދަންނަވައި، އަދި ފާއިތުވި އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ބޭނުންވާ ތެޔޮ ހޯދުމަށް ހިނގާފައިވާ ހުރިހާ ޓްރާންސެކްޝަނެއް ބަލައި، އެ ޓްރާންސެކްޝަން ތަކުގެ ތަހުގީގު ކުރުމަށް ޕޯޓްސް އާއި އެފްއެސްއެމްގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކުގައި ދެންނެވުމަށެވެ.

މީގެ އިތުރުން ދެ ކުންފުނީގެ އިންޓާނަލް މެނޭޖުމެންޓް އޮޑިޓެއް ހަދައި، ޕްރޮސެސް ރަނގަޅަށް އޮޑިޓުކޮށް ،އޮޑިޓާ ޖެނެރަލްގެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެސްއޯއޯ ކޮމެޓީ އަށް އެ ރިޕޯޓު ފޮނުވުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.

އަދި އިންޓާނަލް ކޮންޓްރޯލުތައް އެޅުމަށް އަޅާފައިވާ ފިޔަވަޅިތަކާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަދި އިތުރަށް އަޅަންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ އަދި ފިޔަވަޅު އަޅަން ނިންމާފައިވާ ގޮތުގެ ޕްލޭނަކީ ކޮބައިތޯ އެމްޕީއެލް އިން ސާފުކުުރުމަށްވެސް ކޮމެެޓީ އިން ފާސްކޮށްފައިވެ އެވެ.

comment ކޮމެންޓް