އަމީން ވަނީ ގަސްދުގައި މުޅި މަޖިލީހަށް އޮޅުވާލާފައި: ކޮމެޓީ ރިޕޯޓު

އޮގަސްޓް 24، 2020: ހެލްތު މިނިސްޓްރީން ކޮވިޑަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފިހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހެލްތް މިނިސްޓަރ އަމީން އާއި ހެލްތް މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މުޅި މަޖިލީހަށް ގަސްދުގައި އޮޅުވާލާފައިވާ ކަމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ދިން މައުލޫމާތުތަކުގައި އޮޅުވާލުމެއް ނޯންނާނެ ކަމަށް އަމީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އިމްތިޔާޒުތަކަށް މިނިސްޓަރު އަމީން އަރައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައިވާ މައުލޫމާތާއި އަމީން މަޖިލީހަށް ދިން މައުލޫމާތު ދިމާ ނުވުމުންނެވެ. އަދި އެމައްސަލަ ބަލަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް އެންގި އެވެ.

އެ މައްސަލަ ބެލުމަށް ފަހު އެ ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ މައްސަލާގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، ލިޔުމުން ޖަވާބު ހޯދަން އަމީނަށް ފޮނުވި ސުވާލުގެ ހެލްތު މިނިސްޓްރީން 28 އޭޕްރީލް 2020ގައި ފޮނުވާފައިވާ ސިޓީން ދެއްވާފައިވާ މައުލޫމާތާއި 20 އޮކްޓޫބަރުގައި އެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އަމީން ދެއްވި މައުލޫމާތުގައި އެއްވެސް ތަފާތެއް ނެތް ކަން ފާހަގަވެފައިވާ ކަމަށެވެ.

ނަމަވެސް 16 އޯގަސްޓުގައި އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓު ރިޕޯޓުގައި ވާ މައުލޫމާތާއި އަމީން ކޮމެޓީއަށް ދެއްވި މައުލޫމާތާ ހިލާފުކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އަދި މިނިސްޓަރު ކޮމެޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތަށް ބަލާއިރު، ވެންޓިލޭޓަރު ހޯދުމުގައި ޑަބްލިއުއެޗްއޯއާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ރަސްމީކޮށް މުއާމަލާތްކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރި ކަމުގެ ހެއްކެއްގެ ގޮތުން ކޮމިޓީއަށް ހުށަހެޅި އީމެއިލްގެ ކޮޕީ ކޮމެޓީން ބެލި ބެލުމުން، އެ އީމެއިލް އިން މުއާމަލާތްކޮށްފައި ވަނީ މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެ ލިޔުމުން އެނގެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި އެ ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރެވުނު ރަސްމީ ލިޔުމެއް ވާނަމަ އެ ލިޔުމެއް ކޮމެޓީއަށް ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، މިނިސްޓްރީން އެފަދަ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް ކޮމެޓީ ރިޕޯޓުގައިވެ އެވެ.

އެހެންކަމުން ކޮމެޓީން އަމީން އާ ކުރިމަތިކުރުވި ސުވާލުތަކަށް އިތުރުފުޅުހައްދަވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވަނީ ނިންމައިފަ އެވެ.

އަދި އެއީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒަށް އުނިކަން އައިސްފައިވާ ކަމެއް ކަމަށާއި އަދި އަމީން މުޅި މަޖިލީހަށް ނުވަތަ ކޮމެޓީއަށް ގަސްދުގައި އޮޅުވާލައިގެން މައުލޫމާތު ދެއްވި ކަމެއް ކަމަށް 25 ނޮވެމްބަރު ވަނަ ދުވަހު ބޭއްވި ކޮމެޓީއަށް ހާޒިރުވެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އެ ރިޕޯޓަށް މިއަދު ހަވީރު އޮންނަ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު އަމީން މަޖިލީހަށް މައުލޫމާތު ދެއްވިއިރު، އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކުރި ކުންފުންޏެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖެ ގެނެސްފައި ވަނީ ވެސް އޯޑަރު ކުރި ވެންޓިލޭޓަރުތަކެއް ނޫން ކަމަށާއި އެއީ ފެންވަރު ދަށް އަދި ބޮޑު އަގުގައި ގެނެސްފައިވާ ވެންޓިލޭޓަރުތަކެއްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ވެންޓިލޭޓަރުތައް މައްސަލާގައި އޭސީސީއިން އަމީނާއި ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފޮނުވި ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެމައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

comment ކޮމެންޓް